ފަލަސްތީނުގެ މިނިވަން ދައުލަތެއްއޮވެ، ސުލްޙަވެރި ދިރިއުޅުމެއް އުޅުމުގެ ހައްގު ލިބެންޖެހޭނެ: ޝާހިދު

އިސްރާއީލުގެ ސަބަބުން މިނިވަން ދައުލެއް ގާއިމް ކުރުމުން މަޙްރޫމް ވެފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ވެފައި އޮތުމަކީ ދިވެހި ރާއްޖެއިން އަބަދުވެސް ތާއީދު ކުރާގޮތް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސައުދީއަރަބިއްޔާގައި އޮންނަ އިސްލާމިކް ސަމިޓަށް ތައްޔާރު ވުމުގެ ގޮތުން އޯއައިސީ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ސުލްޙަވެރި ދިރިއުޅުމެއް އުޅުމުގެ ހައްގު ލިބިދޭންޖެހޭނެ ކަމަށެވެ. އެގޮތުން އެފަދަ ސުލްޙަވެރި، އަމާން ދިރިއުޅުމެއް އުޅުމަށްޓަކައި މިނިވަން ދައުލަތެއް ފަލަސްތީނުގައި އޮތުމުން ކޮންމެހެން ބޭނުންކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވަނީ އޯއައިސީގެ ހުރިހާ ގައުމުތަކަށް ރާއްޖޭގެ ފަރާތުން އިލްތިމާސެއްވެސް ކުރައްވާފައެވެ. އެއީ ސަމިޓުގައި މައްކާ ޑެކްލަރޭޝަން އާއި ފަލަސްތީނުގެ މައްސަލައިގައި ސަމިޓަށް ހުށަހެޅޭ ގަރާރު މެމްބަރު ހުރިހާ ގައުމެއްގެ އިއްތިފާގުން ފާސް ކުރަން ރާއްޖޭގެ ފަރާތުން ކުރެއްވި އިލްތިމާސެވެ.

އޯއައިސީ ސަމިޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙެވެ. އެމަނިކުފާނުވެސް މިވަގުތު ހުންނެވީ ސައުދީއަރަބިއްޔާގެ މައްކާގައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.