ހެންވޭރު ބޮޑު އަލިފާނުގެ ޙާދިސާއަށް އަހަރެއް! - ގެއްލުންލިބުނު ހަތް ގޭބިސީއެއް އަދިވެސް ވަގުތީ ހިޔާގައި

ސެޕްޓެމްބަރ 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ޙާދިސާ: އެ ޙާދިސާގައި ވަނީ ބޮޑެތި ގެއްލުންވެފައި

ހެންވޭރު ބޮޑު އަލިފާނުގެ ޙާދިސާއަށް މިއަދު އަހަރެއް ވީއިރު އެޙާދިސާގައި ހާލުގައި ޖެހުނު ހަތް ގޭބިސީއެއް އަދިވެސް ތިބީ ވަގުތީ ހިޔާތަކުގައެވެ.

ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގެޒެކެޓިވް އޮފިސަރ ޙިސާން ޙުސައިން ވިދާޅުވީ މިހާރު ވަގުތީ ހިޔާތަކުގައި ތިބީ ގެއްލުން ލިބުނު ގޭގޭގެ ވެރިންކަމަށެވެ. އެމީހުންނަށް ސަރުކާރުން ފޯރުކޮށްދެއްވައިފައިވާ ވަގުތީ ހިޔާތަކުގައި އަންނަ ނޮވެމްބަރުގެ ނިޔަލަށް ތިބެވޭނެ އިންތިޒާމު ވަނީ ހަމަޖައްސަވައިފައެވެ. މިދިޔަ އޯގަސްޓްމަހަށް ފުރަތަ ދެއްވި މުއްދަތު ހަމަވުމުން އިތުރު ތިންމަހު އެމީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ވަނީ ނިންމައިފގައެވެ. ޙިސާން ވިދާޅުވީ ވަރަށް ފަހުން ވެސް އާއިލާއެއް ބަދަލުވެފައިވާކަމަށްވެ. ސަރުކާރުން ފޯރުކޮށްދެއްވައިފައިވާ ވަގުތީ ހިޔާތަކުގައި ތިބޭއިރު އެމީހުން އަމިއްލަ އަމިއްލަ އަށް ކުރަންޖެހޭނެ ޚަރަދުތަކަކީ ފެނާއި ކަރަންޓްފަދަ އަސާސީ ޚިދުމަތްތަކުގެ ޚަރަދުތައް ކަމަށް ޙިސާން ފާހަގަ ކުރެއްވިއެވެ.

ޙިސާން ވިދާޅުވީ އަލިފާނުގެ ޙާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ހުޅުވާލި ފަނޑަށް ޖަމާވި ފައިސާވެސް އެފަރާތްތަކަށް ބަހާފައިވާކަމަށެވެ. އެފައިސާއިން އެހީތެރިކަން ފޯރުކޮށް ދެއްވައިފައި ވަނީ ހާލުގައި ޖެހުނު އާއިލާތަކަށް ކަމަށް ޙިސާން ވިދާޅުވިއެވެ. އެއްވެސް ވިޔަފާރިއަކަށް އެފައިސާއިން އެހީތެރިވެފައި ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހެންވޭރު އަބަދަށް ފެހިމަހުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ޙާދިސާގައި  އުމުރުން 46 އަހަރުގެ އަންހެނަކު މަރުވެ، 780 ވުރެ ގިނަ މީހުނަށް ވަގުތީ ހިޔާ ހޯދައިދޭން ޖެހުނެވެ. އެޙާދިސާގައި 26 ގެއަކުން މީހުން ހުސްކުރެވުނެވެ. އެއީ 87 ގޭ ބިސީކަމަށް އެންޑީއެމްއޭ އިން ވަނީ ހާމަކުރައްވައިފައެވެ.

އެޙާދިސާގައި 31 ގޭބިސީއަކަށް ގެންލުންވިކަމަށް ވެސް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނި ހާމަކުރައްވައިފައެވެ. އެގޭބިސީ ތަކުގެ ތެރެއިން 25 ގޭ ބިސީއަކީ ކުއްޔަށް އުޅުނު ގޭބިސީތަކެވެ. އެހާދިސާގެ ގެއްލުމުގެ ސަބަބުން 9 ޢިމާރާތް ތަޅާލަން ޖެހުނު ކަމަށް އެންޑީއެމްއޭ އިން ވަނީ ހާމަކުރައްވައިފައެވެ. މިޢިމާރާތްތައް ތަޅާލައިފައި ވަނީ ލިބުނު ގެއްލުންތަކާ ގުޅިގެން އާއްމު ރައްކާތެރިކަމަށެވެ. ހެންވޭރު ބޮޑު އަލީފާނުގެ ހާދިސާގެ ގެއްލުމުގެ ސަބަބުން 6 ޢިމާރާތް ދިރިނޫޅެވޭވަރަށް ހަލާކުވެފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ހާމަކުރައްވައިފަވެ.

ބޮޑު އަލިފާނުގެ ޙާދިސާއަށް އަހަރެއްވީއިރު އަދިވެސް އެމައްސަލަ ތަޙްޤީޤްކޮށް ނިމިފައެއް ނުވެއެވެ. ކުރިން ފުލުހުން ވިދާޅުވެފައި ވަނީ، ތިލަފުށިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ބައެއްގެ އިހުމާލެއް ނެތް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.