ކޯވިޑް ދަށަށް ދާކަމަށް ބުނަން އަދި އަވަސް: ޑރ. ޝަހީދު

ކޯވިޑް ޖެހޭ މީހުންގެ ޢަދަދު ދަށަށް ދާކަމަށް ވިދާޅުވަން އަދި އަވަސް ކަމަށާއި ފިޔަވަޅު ތަކަށް ލުއި ދެވިގެން ނުވާނެކަމަށް ޓެކްނިކަލް އެޑްވައިޒަރީ ކޮމެޓީގެ މެމްބަރ ޑޮކްޓަރ އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި  މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވީ އޯގަސްޓް މަހު ކުރީ ކޮޅާއިި މެދުތެރޭގައި ހަފަތާގެ ޖުމުލަ ސްކޯ 9 އަކަށް އަރާފައި ވީނަމަވެސް މިދިޔަ ތިން ހަފަތާއެއްހާ ދުވަސް ތެރެގައި ހަފަތާގެ ޖުމުލަ ސްކޯ ވަނީ 7،6 ވަރުގައި ހިފެހެއްޓިފައިކަމަށެވެ. ފްލޫ ކްލިނިކް ތަކުން ބައްޔަށް ޕޮޒިޓިވްވާ ޢަދަދުވެސް މިދިޔަ ތިން ހަފުތާއެއްހާ ދުވަހު ހުރީ 13 އިންސައްތައިގައިކަން ފާހަގަ ކުރެއްވިއެވެ. އެއީ ވެސް މަތި ޢަދަދެއްކަމަށް ވިދާޅުވިއެވެ. އޯގަސްޓް މަހުގައި ފްލޫ ކްލިނިކްތަކުން ބައްޔަށް ޕޮޒިޓިވްވާ ޢަދަދު އުޅުނީ 18 އާއި 20 އިންސައްތައިގައެވެ.

ހޮސްޕިޓަލް ބެޑް އޮކިއުޕެންސީ ނުވަތަ އެނދުތައް ފުރޭ މިންވަރު އޯގަސްޓް މަހުގެ ތެރޭގައި 80 އިންސައްތައިގައި ހުރިނަމަވެސް ދެހަފުތާއަށް ބަލާއިރު ދަށަށް ގޮސްފައިވާކަން ޑޮކްޓަރ ޝަހީދު ފާހަގަ ކުރެއްވިއެވެ. މީހުން މަރުވާ ރޭޓް އެކި ހަފުތާގައި އުޅެނީ އެކިވަރަށް ކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ބައެއް ހަފުތާތަކުގައި އެއްވެސް މީހަކު މަރުވެފައި ނުވާއިރު ހަފުތާއެއްގެ ތެރޭގައި ބަލީގައި މަރުވާ ޢަދަދު ހަތަރަކަށް ވެސް އަރައިފައިވާކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން މިދިޔަ ހަފްތާގައި ހަތަރު މީހަކު މަރުވެފައިވާކަމަށް ވިދާޅުވިއެވެ.

ނޮންލިންކް ކޭސްތައް އޯގަސްޓް މަހުގައި ވަރަށް މައްޗަށް ދިޔަ ނަމަވެސް މިހާރު ވަނީ 30 އާއި 35 އިންސައްތައިގައި ހިފެހެއްޓިފައިކަން ފާހަގަ ކުރެއްވިއެވެ. ކޭސްތައް ދެގުނަވާން ނަގާ މުއްދަތު އޯގަސްޓްގައި ވަރަށް އަވަސްކޮށް އުޅުމަށް ފަހު މިހާރު އެމުއްދަތުވެސް މަތިވާން ފަށައިފައިވާކަން ޑރ. ޝަހީދު ފާހަގަ ކުރެއްވިއެވެ. މިފަދަ ނަތީޖާތަކެއް ނެރެވިފައިވަނީ އެޅިފައިވާ ފިޔަވަޅު ތަކުގެ ސަބަބުން ކަމަށް ޑޮކްޓަރ ޝަހީދު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެޗްޕީއޭއިން އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަދި ލުޔެއް ދެންވެން ނޯންނާނެކަމަށް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.