ހިތަކުން: ތިމާގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މީހުން ސަލާމަތް ކުރުމުގެ މުހިންމުކަން

އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް އެމީހެއްގެ ޙަޔާތް ނިމިގެންދާން ބޭނުންވާނީ ހެޔޮލަފާ ޞާލިހު އަދި ﷲ ލޯބިވެވޮޑިގެންވާ އަޅެއްގެ ގޮތުގައެވެ. އެހެންކަމުން އެކަމަށްޓަކައި އަޅުގަނޑުމެން މިވަނީ  ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވެއެވެ. ޝައްކެއްނެތްގޮތުގައި ދަތިއުނދަގުލުން ކޮށޭމަގުން ދެވޭ މަންޒިލް ރީތިވެފައި ހިތްގައިމުވާނެއެވެ.

ރަސޫލާ ޙަދީސްކުރައްވާފައިވެއެވެ.  "الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ" متفق عليه.

މާނައަކީ "މުސްލިމަކީ އެމީހެއްގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މީހުން ސަލާމަތް ވެގެންވާ މީހާއެވެ."

އަތުގެ ނުބައިކަމުގެ މާނައަކީ ޖިސްމާނީ ގޮތުން މީހުންނަށް ދޭ އަނިޔާއާއި ވައްކަމާއި ޚިޔާނާތާއި މަކަރުވެރި ޢަމަލުތަކެވެ. ދުލުގެ ނުބައިކަމަކީ ދުލުން ކުރާ އެކިފާފަތަކެވެ. އެގޮތުން ނެތިނުބައި މޮށުން ،ދެބައޮޑުވުން، މީހުންގެ އަބުރު ކަތިލުމާއި އަނިޔާވެރި ބަސްތަށް ބުނުމާއި މީހުނަށް ތުރާކުރުންފަދަ ނުބައިޢަމަލުތަކެވެ.

ހިތާމައަކީ މިއަދުގެ މިބަވަނަވެފައިވާ ދުނިޔޭގައި އެކަކު އަނެކަކު ހަމަލޮލަށް ނުފެނުނު ކަމުގައިވިޔަސް މިވަނީ މިފަދަ ޢަމަލުތަކަށް އެކިއެކި ދޮރުތަށް ވަރަށް ބޮޑަށް ތަނަވަސްވެފައެވެ. އެގޮތުން ސޯޝަލްމީޑިއާ އަދި އެހެނިހެންވެސް މުވާޞަލާތީ ވަސީލަތްތަށް ބޭނުނުންކުރާއިރު ނޭނގިނަމަވެސް އަޅުގަނޑުމެންނަށް މި ޙަދީސްގައި މިބުނާ "އަތާއި، ދުލުގެ" ނުބައިކަމަށް އެބަ އަރައިގަނެވެއެވެ. މިސާލަކަށް މީހަކާ ބެހޭގޮތުން ޙަޤީގަތްނުބަލާ ސޯޝަލްމީޑިއާގައި ޖަހާލެވޭ އެންމެ ޚަބަރަކުން ނުވަތަ ފާޅުކޮށްލެވޭ އެންމެ ޚިޔާލަކުން އެމީހާގެ އަބުރު އެތައް ބައެއްގެ ކުރިމަތީގައި ކަތިލެވިގެން އެބަދެއެވެ.

އެހެންކަމުން ދީނުގައި މިފަދަ ކުށްކުށަށް އަރައިގަންނަ މީހުންނަށް ހަރުކަށި އަދަބު ކަނޑައަޅުއްވާފައިވެއެވެ. ސަބަބަކީ އަތުން ޖަހާލާ ޚަބަރަކުން ނުވަތަ ދުލުން އަނެކާއާ ދިމާލަށް ނިސްބަތްކޮށްލާ އެންމެ ޖުމްލައަކުންވެސް އެމީހާގެ މުޅިމުސްތަޤްބަލު ބަނަވެގެންއެބެދެއެވެ.

މިފަދަ އެތަކެއް ސަބަބުތަކަށްޓަކައި ދީނުގައި އަބުރު ހިމާޔަތްކުރުމަކީ އިސްލާމްދީނުގެ މަޤްސަދުތަކުގެ ތެރެއިން މަޤުސަދެއް ކަމުގައި ކަނޑައަޅުއްވާފައިވެއެވެ.

އަތުގެ ނުބައިކަމުން ރައްކާތެރިވުމުގެ ތެރޭގައި ނަފްސު ހިމާޔަތްކުރުން ހިމެނިގެންދެއެވެ. އެގޮތުން އެއްވެސް ނަފްސަކަށް ޤަޞްދަކާލައިގެން އަނިޔާއެއް ކުރުންވަނީ ބޮޑެތި ފާފަތަކުގެ ތެރޭގައި ލައްވާފައެވެ. އެހެންކަމުން މިފަދަ ކުށްތަކުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެންނަކީ އަމިއްލަ ނަފްސު ކޮންޓްރޯލްކުރެވޭ ބަޔަކަށް ވާން އެބަޖެހެއެވެ.

އާންމުކޮށް އިންސާނުންނަށް އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވެނީ އިޙްސާސްތަށް ކޮންޓްރޯލް ނުކުރެވޭ ޙާލަތްތަކުގައެވެ. މިސާލަކަށް ހިތާމަވެރި ޙާލަތްތަކުގަޔާއި ރުޅިއަންނަ ކަމެއް ދިމާވުން ނުވަތަ އުފާވެރި ޙާލަތްތަކުގައި އަޅުގަނޑުމެންނަށް އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވޭ ޙާލަތަށް ބައެއްފަހަރު އެބައާދެއެވެ.

އެހެންކަމުން އަޅުގަނޑުމެން ސަލާމަތުގެ މަގު ހޯދަން ބޭނުންނަމަ ޙައްލަކީ މިހުރިހާ ޙާލަތެއްގައިވެސް ﷲގެ މަގަށް ރުޖޫޢަވުމެވެ. އިސްލާމްދީނަކީ މެދުމިން ކަމަށް ވީހިނދު އެއްވެސް ކަމެއްގައި ހައްދު ފަހަނައަޅާ ދިއުމެއް އަޅުގަނޑުމެންނަކަށް ހުއްދައެއް ނުވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.