ހިތަކުން: ކޮރޯނާ ވައިރަސް - ނަފްސު އިސްލާހުކުރުމަށް ލިބުނު ފުރުޞަތެއް

"ކޮރޯނާ ވައިރަސް" ނުވަތަ ކޯވިޑް 19 އޭ ބުނުމުން، މިދުވަސްކޮޅު ކޮންމެ އިންސާނެއްގެ ހިތަށްވެސް ބިރުވެރިކަމެއް އިހްސާސްވެގެން ދެއެވެ. ސަބަބަކީ ކޮބާ ހެއްޔެވެ؟ މިއީ މިހާތަނަށް ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައިނުވާ ބައްޔެއް ވީމަބާއެވެ؟

އެއްބަޔަކު ބުނަމުން ދަނީ މިއީ މުޅި ދުނިޔެއަށް ފޮނުއްވެވި ކޯފާއެއް ކަމުގައެވެ. ވިސްނަންވީ، ބަޔަކަށް މިއީ ކޯފާއެއްކަމުގައި ވެދާނެއެވެ. ނަމަވެސް މުސްލިމުން ދެކެންވާނީ މިއީ އިމްތިޙާނެއްކަމުގައެވެ.  މިކަން ވިސްނާލި ކޮންމެ މީހަކަށް އިހްސާސްކުރެވޭނެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި އަންގަވާފައިވަނީ މާތް ﷲގެ ރަޙްމަތުން އުންމީދު ކަނޑާ ނުލުމަށެވެ.

(قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ) الزمر 53

މާނަ: ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަނަފުސު ތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައި މީހުން ﷲ ގެ ރަޙުމަތުން އުއްމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން ﷲ އީ، އެންމެހާފާފަތައް ފުއްސަވާރަސްކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ރަސްކަލާނގެއެވެ.

އަދި އަންގަވާފައިވާނީ މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކުގައިކަމެވެ. (يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلاةِ إِنَّ اللَّهَ مَعَ الصَّابِرِينَ) البقرة: 153

މާނަ: " އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ކެއްތެރި ކަމާއި ނަމާދުން ތިޔަބައި މީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެއްތެރީންނާއެކުގައެވެ. "

މި ދެއާޔަތަށް ވިސްނާލުމުންވެސް މާތް ﷲ އެކަލާނގެ އަޅުތަކުން އެކަލާނގެ މަގުގައި ތިބިހާ ހިނދަކު އެކަނލާގެ ރަޙްމަތުން މަޙްރޫމް ނުކުރައްވާނެކަން އެނގިގެންދެއެވެ. ހަމަކަށަވަރުން އެކަލާންގެއީ އައްރަޙްމާން އެވެ. (ރަޙުމް ކުރައްވާ ރަސްކަލާންގެއެވެ.)

ކޮރޯނާ ވައިރަސް ނުވަތަ "ކޯވިޑް 19" މި ބައްޔަށް ފަރުވާއެއް ނުހޯދި ގޭގައި ތިބެން މިޖެހޭ ދަނޑިވަޅުގައި ވިސްނަންވީ މިއީ ނަފްސު އިސްލާޙު ކުރުމަށް ލިބުނު ފުރުޞަތެއްގެ ގޮތުގައެވެ. އެހެނީ މިއަދުގެ މި ބަވަނަ ވެފައިވާ ދުނިޔޭގައި ރެއާއި ދުވާލު އަވަދިނެތިކޮށް ކޮންމެ މީހަކު އެމީހެއް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގައި އުޅޭއިރު އަދި ހުސްވަގުތު ފުރުމަށްޓަކައި ވައިބަރ ގްރޫޕްތަކާއި ފޭސްބުކްފަދަ ސޯޝަލްމީޑިއާގެ އެކި ވަސީލަތްތަކުގެ ތެރޭގައި  އަގުހުރި ވަގުތުތަށް ބޭކާރު ކުރަމުންދާއިރު، އެއްވެސް މީހަކަށް  އެމީހެއްގެ ނަފްސުގައި ހުރި ނުރަނގަޅު ކަންތައްތައް ދެނެގަނެ އެކަންކަން އިސްލާޙުކުރުމަށް ވަގުތުކޮޅެއް ނުވަތަ ފުރުޞަތެއް ނުލިބެއެވެ.

އިންސާނާގެ ޙަޔާތުގައި ހިނދުކޮޅެއް އާދެއެވެ. އެއީ މިކާއިނާތުގައިވާ އެއްވެސް ފަރާތެއްގެ ބާރެއް ނުވާކަން އަދި ހުރިހާ ބާރެއް މިލްކުވެ ވޮޑިގެންވާ ފަރާތަކީ ހަމައެކަނި  ހެއްދެވި ފަރާތް ކަން އިހްސާސްކުރެވޭ ހިނދުކޮޅެވެ. އެހިނދު އިންސާނާއަށް އޭނާގެ ނިކަމެތިކަން އިހްސާސްވެއެވެ. ބުއްދި ވެރިންނަނީ މިވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފައި ތިމާ ދުނިޔެއަށް ފޮނުއްވާފައިވާ މަޤްސަދާއިމެދު ވިސްނާ ފިކުރުކުރާ މީހާއެވެ. މިއަދު އަޅުގަނޑުމެންނާ ކުރިމަތި ވެފައިމިވާ ބަލިމަޑުކަމަށް ފަރުވާއެއް ހޯދިފައި ނުވާހިނދު ޣައިރު މުސްލިމުންގެ ހިތުގައިވެސް މިފަދަ ސުވާލުތައް އުފެދި، ކަލަކު ވޮޑިގެންވާކަން އިހްސާސްވަމުން ދާކަން އިޓަލީގެ ޕްރައިމް މިނިސްޓަރގެ މި ޓުވީޓުންވެސް ދޭހަވެއެވެ. " އަހަރުމެންގެ ކޮންޓްރޯލުން މިކަން ނެއްޓީއެވެ، މި ސިއްޙީ ކާރިޘާ ނައްތާލުމަށް ސިކުނޑިއާއި ހަށިގަނޑުން ކުރެވެންހުރި ކަމެއް ކޮށްފީމެވެ އިތުރަށް ކުރެވޭނެކަމެއް އަހަރެންނަކަށް ނުވިސްނެއެވެ. މިތާގައި ލިބެންހުރި ހުރިހާ ހައްލެއް ހުސްވެއްޖެއެވެ. ދެން މިކަމުގައި އޮތީ މަތީފަރާތުން ލިބުނު ހައްލެކެވެ. " (ޖުސެޕެ ކޮންޓޭ 2020)

މާތް ﷲ ވަޙީ ކުރައްވާފައި ވަނީ " ވިސްނާ ފިކުރުކުރާ ބަޔަކަށް ހެކިތަކެއް ވާކަމަށެވެ.

((إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِّأُولِي الْأَلْبَابِ)) آل عمران :190

މާނަ: ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގަޔާއި ރޭދުވާ ތަފާތު ވުމުގައި ބުއްދީގެ އަހުލުވެރިންނަށް ކަށަވަރުވެގެން ހުރި ހެކިތަކެއްވެއެވެ. "

ކުޑަ ކުޑަ ލޮލަށް ނުފެންނަ މަޚްލޫޤެއް މިއަދު މުޅިދުނިޔެއަށް އަތްގަދަ ކުރަމުންދާއިރު ދުނިޔޭގެ ބޮޑެތިބާރުތަށް ކަމުގައިވާ އެމެރިކާ އިޓަލީ ފަދަ  ޤައުމުތަކުންވެސް މިވަނީ މިކަމަށް ހައްލެއް ހޯދުމަށް ނުކުޅެދިފައެވެ. މިބަލީގައި ފަރުވާއެއް ނުލިބި  އެތައް ބަޔަކު ވަނީ މިދުނިޔެއާ ވަކިވެގެން ގޮސްފައެވެ. ފަރުވާއެއް ހޯދިފައިނުވާ މި މިކުޑަ ކުޑަ ވައިރަސް މިވަނީ އިންސާނާގެ އަޖަލެއް ވާކަން އަދި ދުނިޔެއަކީ ދާއިމީ ތަނެއް ނޫންކަން ހަނދުމަކުރުމަށް އިންސާނާއަށް މަޖުބޫރުކުރުވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ: (أَكْثِرُوْا ذِكْرُ هَادِمِ اللَّذَّاتِ) أَيْ: الْمَوْتُ ތިޔަބައި މީހުން ގިނަގިނައިން މަރު ހަނދާން ކުރާށެވެ! رواه الترمذي، والنَّسائي، وصحَّحه ابن حبَّان.

އެހެނީ މަރުހަނދުމަކުރުމަކީ ނަފްސު އިސްލާޙުކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. އެއީ މި ދުނިޔެއަކީ ދާއިމީ ގޮވައްޗެއް ނޫންކަން އަދި ކޮންމެ މީހަކަށްވެސް އަޖަލެއް ވާކަން އިހްސާސްކުރެވޭން ހިނދުކޮޅެކެވެ.

އެހެންކަމުން  އަޅުގަނޑުމެން މުސްލިމުންނަށް މިވަގުތުކޮޅުގެ ފައިދާ ހެޔޮގޮތުގައި ކުރާނީ މިއީ އިމްތިޙާނެއްކަމަށް ޤަބޫލުކުރުމުންނެވެ.

ދުޢާ ކުރަންވީ އަޅުގަނޑުމެން އެންމެންގެ ކުރީ ސަފުގައި ތިބި ޑޮކްޓަރުންނާއި ސިއްޙީ މާހިރުންނަށް މި ވައިރަހަށް އަވަސް ޝިފާއެއް ހޯދުމުގެ ޤާބިލުކަން ދެއްވާތޯއެވެ. އަދި މިފަދަ ދަނޑިވަޅުގައި އެންމެންވެސް މާތްﷲގެ ދީން މަތިވެރިކުރުން މިއީ ކޮންމެ މީހެއްގެވެސް ވާޖިބެކެވެ. އަދި ގިނަގިނައިން ޒިކުރުކޮށް ދުޢާ ކުރާށެވެ. ހަމަކަށަވަރުން މާތްﷲ އެކަލާނގެ އަޅުތަކުން އިޚްލާސްތެރިކަމާއިއެކު ކުރާ ދުޢާ ރައްދުނުކުރައްވާ ހުއްޓެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.