ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަމުގެ ވަގުތީ ހިޔާތަކެއް 

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަމުގެ ވަގުތީ ހިޔާތަކެއް ކަނޑައަޅައި، އެތަންތަނުން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައިފިއެވެ. 

މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާރވިސްސަ ހާމަކުރައްވައިފައިވާ ގޮތުގައި ރައްކާތެރިކަމުގެ މިވަގުތީ ހިޔާތަކަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން، ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ކަނޑައަޅައިފައިވާ ތަންތަނެވެ. 

ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތަކުގެ ގޮތުގައި ފަސް މަރުކަޒެއްވަނީ ކަނޑައަޅައިފައެވެ. މި ފަސް މަރުކަޒް ހުންނަނީ ހދ. ކުޅުދުއްފުށި، ށ.ފުނަދޫ، ތ.ވޭމަންޑޫ، ގދ.ތިނަދޫ އަދި ވިލިމާލޭ ގައެވެ. މި އަމާން ހިޔާތަކަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚިދުމަތްތައް އެންމެ ފުރިހަމަ އަށް ދެވޭ ވަޞީލަތްތައް ހުރި ތަންތަން ނޫންކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކުރައްވައެވެ. އެމަރުކަޒުތަކުގެ ޚިދުމަތް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތަތައް ޤާއިމު ކުރުމަށް ފައިސާގެ އެހީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކެއަރ ޕްރޮޖެކްޓްގެ ދަށުން މިހާރު ލިބިފައިވާކަމަށް ވެސް އެމިނިސްޓްރީން ވިދާޅުވިއެވެ. 

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގައި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން، ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ބިނާކުރުމާއި އެފަދަ މަރުކަޒުތަކުގެ މިންގަނޑުތަކާއި، ހަމަތަކާއި، އުޞޫލުތަކާއި އަމާޒުތައް ކަނޑައަޅައި މޮނިޓަރ ކުރުމުގެ މަސައްކަތްތައް ކުރަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.