މުޅި ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރަނީ

ދުވާލަކު ޓެސްޓްކުރެވޭ މިންވަރު 1700 އަށް އަރައިފި

މުޅި ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރަން ނިންމައިފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޓެސްޓް ކުރެވުނު ޢަދަދު މިއަދު 1700 އަށް އަރާފައިވާ ކަމަށެވެ. ރާއްޖޭގައި ޕީސީއާރު ޓެސްޓް ކުރަން ފަށައިފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. ޑރ ނަޒްލާ ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުގައި ޓެސްޓްކުރެވޭ މިންވަރު ވެސް އިތުރުކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ. އެގޮތުން މިހާރު އެކި ސަރަޙައްދުތަކުން ޓެސްޓް ކުރެވޭ މިންވަރު 200 އަށް އިތުރު ކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ޓެސްޓްކުރުމުގެ މިހާރުގެ ކެޕޭސިޓީއަށް ބަލާއިރު އެންމެ އުތުރުގެ ތިން އަތޮޅުގައި ދުވާލެއްގެ މައްޗަށް ޓެސްޓްކުރުމުގެ ކެޕެސިޓީއަކީ 60 ކަމަށެވެ. ނރބޅ ގައި ޓެސްޓްކުރުމުގެ ކެޕޭސިޓީއަކީ ދުވާލަކަށް 80 އެވެ. އއ. އަދި އދ އަތޮޅު ހިމެނޭ ގޮތަށް މާލޭ ސަރަޙައްދުގައި ދުވާލަކު ޓެސްޓްކުރެވޭ މިންވަރު އުޅެނީ 1000 އާއި 1300 އާ ދެމެދުގައެވެ. މފދތލ ހިމެނޭ ސަރަޙައްދާއި ގއ ގދ ސަރަޙައްދުގައި ޓެސްޓް ކުރެވެ މިންވަރު އުޅެނީ ދުވާލެއްގެ މައްޗަށް 40 ގައެވެ. އައްޑުއާއި ފުވައްމުލަކުގައި ޓެސްޓް ކުރެވޭ މިންވަރު އުޅެނީ ދުވާލެއްގެ މައްޗަށް 60 ގައެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި މާދަމާ ޕީސީއާރު ޓެސްޓު ކުރަން ފެށުމަށް ނިންމައިފައިވާ ކަމަށްވެސް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން ވަރަށް އަވަހަށް ފުޑް އެންޑް ޑްރަޤް އޮތޯރިޓީގައިވެސް ޕީސީއާރު ޓެސްޓިން ފަށްޓަވާނެކަމަށް ވެސް ވިދާޅުވިއެވެ.

ޑަބްލިޔޫއެޗްއޯއިން ލިބިފައިވާ ޖީއެން އެކްސްޕާރޓް މެޝިންތައްތައް ބޭނުންކޮށްގެން ގއ. ވިލިނގިއްޔާއި ފުވައްލަކާއި ޅ. ނައިފަރާއި ށ. ފުނަދޫގައި ޓެސްޓްކުރުމުގެ ޚިދުމަތް ފެއްޓެވުމަށް މަސައްކަތްކުރައްވަމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.  

ޓެސްޓްކުރެވޭ ފެސިލިޓީތަކުގެ ތެރޭގައި ހދ. ކުޅުދުއްފުށްޓާއި ނ. މާފަރާއި އައްޑޫގައި ހަދަނީ ޕީސީއާރު ޓެސްޓެވެ.  މާފަރުގައި ޕީސީއާރު ޓެސްޓްގެ  ޚިދުމަތް އަމިއްލަ ފަރާތްތަކުން ދެނީ ޓޫރިސްޓުންނަށް ޚާއްޞަ ކޮށްގެންނެވެ. އެހެން ފެސިލިޓީތަކުގައި ޓެސްޓް ކުރަމުންދަނީ ޖީއެން އެކްސްޕާރޓް މެޝިން ބޭނުންކޮށްގެނެވެ.

މިހާރު ސްޓޮކްގައިވެސް 45 ހާސް ޕީސީއާރު ކިޓާއި 11 ހާސް ޖީއެން އެކްސްޕާރޓް ކާޓްރިޖް އެބަހުރިކަން ޑޮކްޓަރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. މި ހަފްތާއިވެސް ޖީއެން އެކްސްޕާރޓް ކާޓްރިޖް ޝިޕްމަންޓެއް ލިބިފައިވާކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.