ގެވެށިގުޅުން ވަރުގަދަ ކުރުމަށް މާމައާއި ކާފަގެ ބައިވެރިވުން އަބަދުވެސް ހޯއްދަވާ: ޖެންޑަރ މިނިސްޓަރ

ގެވެށިގުޅުން ވަރުގަދަ ކުރުމަށް މާމައާއި ކާފަގެ ބައިވެރިވުން އަބަދުވެސް ހޯއްދެވުމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ގޮވާލައްވައިފިއެވެ.

ޖެންޑަރ މިނިސްޓަރ މިކަމަށް ގޮވާލައްވައިފައި ވަނީ މިއަދު ފާހަގަ ކުރަމުންދާ  ޤައުމީ މާމަ ކާފަ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުނަށް ފޮނުއްވަމުންނެވެ.

"ޤައުމީ މާމަ ކާފަ ދުވަހުގެ ތަހްނިޔާ ދަންނަވަން. މާމަ ކާފަމެންނަކީ އަޅުގަނޑުމެންގެ ޙަޔާތުގެ އެންމެ މުހިންމު އެއްބައެއް ކަމުގައި ދެކި ގެވެށި ގުޅުން ވަރުގަދަ ކުރުމުގައި އެބޭފުޅުންގެ ބައިވެރިވުން އަބަދުވެސް ހޯއްދަވާ." މިނިސްޓަރ ޢައިޝަތު މުޙައްމަދު ދީދީގެ  ތަހްނިޔާގެ މެސެޖްގައި ވިދާޅުވިއެވެ.

ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ފާހަގަކުރާ ޤައުމީ މާމަ ކާފަ ދުވަސް، އެންމެހާ މާމަމެންނާއި ކާފަމެންނަށް އުފާވެރި ދުވަހަކަށް ހެދަމަށް ގޮވާލައި ޖެންޑަރ މިނިސްޓްރީން އައީ މިދިޔަ މަހުގެ ފަހު ކޮޅުން ފެށިގެން މެސެޖްތައް ފޯރުކޮށް ދެމުންނެވެ. މިއަދު ފާހަގަ ކުރަމުންދާ ޤައުމީ މާމަ ކާފަ ދުވާ ގުޅިގެން މިރޭ ވެބިނާރެއް ބޭވުމަށްވެސް ވަނީ ހަމަޖައްސަވައިފައެވެ. މި ވެބިނާރުގައި ޕެނަލިސްޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އައިޖީއެމްއެޗްގެ ސައިކޭޓްރިސްޓް ޑރ. އާރިފް މުޙައްމަދާއި ދީނީ ޢިލްމުވެރިއެއްކަމުގައިވާ އައްޝައިޚާ ސާމިޔާ ޒަކަރިއްޔާއާއި ވިލިޖޯލީގެ ޗީފް ވޮލަންޓިއަރ މުޙައްމަދު ޝިހާބާއި އޭޖް ކެއަރ މޯލްޑިވްސްގެ ޑިރެކްޓަރ ރަޒީނާ ތުއްތު ދީދީ އެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.