މާމައާއި ކާފަގެ ގުޅުމަކީ މުޅި އާއިލާގެ ދުޅަހެޔޮކަމަށް ލިބޭ ވަރަށް ބޮޑު ބާރެއް: ޑރ. ޢާރިފް

މާމައާއި ކާފަގެ ގުޅުމަކީ މުޅި އާއިލާގެ ދުޅަހެޔޮކަމަށް ލިބޭ ވަރަށް ބޮޑު  ބާރެއް ކަމަށް  އައިޖީއެމްއެޗްގެ ސައިކޭޓްރިސްޓް ޑރ. ޢާރިފް މުޙައްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޤައުމީ މާމަކާފަ ދުވަހާ ގުޅިގެން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ރޭ ކުރިއަށް ގެންދެވި ވެބިނާރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. ޢާރިފު ވިދާޅުވީ ބަދަލުވަމުން އަންނަ ދުނިޔެއެއްގައި މާމައާއި ކާފަގެ ގުޅުން ތަކަށް ދޭންޖެހޭ މުހިންމު ކަމަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށެވެ. އެގޮތުން ބަލާއިރު މާމަ އާއި ކާފަގެ ގުޅުމަކީ މުޅި އާއިލާގެ ދުޅަހެޔޮކަމަށް އެ ގުޅުމުގެ ސަބަބުން ހެޔޮ އަސަރު ކުރާ ކަމެއް ކަމަށެވެ. އެ ގުޅުމުގެ ސަބަބުން އެ ހެޔޮ އަސަރުކުރަނީ ހަމައެކަނި މާމައާއި ކާފައަށް ނޫން ކަމަށާއި މައިންބަފައިންނާއި ކާފަ މާމަ ދަރިންނަށްވެސް އެކަމުގެ ހެޔޮ އަސަރުކުރާ ކަމަށް ވިދާޅުވިއެވެ. އާއިލާގެ ދުޅަހެޔޮކަމަކީ މުޖުތަމަޢުގެ ދުޅަހެޔޮކަމަށްވެސް އެކަމުން ހެޔޮ އަސަރެއް ކުރާނެކަމެއްކަމަށް ޑރ. ޢާރިފް ފާހަގަ ކުރެއްވިއެވެ. ހެލިފެލިވެއުޅުމާއި ކަންކަމުގައި މަޝްޣޫލުވެ އުޅުމަކީ މާމަ ކާފައިންގެ ޞިއްޙަތަށާއި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ އަސަރު ކުރާނެކަމެއް ކަމަށް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ޒިންމާތައް ސާފުކޮށް އެނގެން އޮތުން މުހިންމުކަމަށް ވިދާޅުވިއެވެ. މާމަ ދަރިން ބެލުމާއި ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަންޖެހި ބުރަ ބޮޑުވާ ގޮތަށް ކަންތައް ކަންތައް ކުރުމަކީ އެކަމުގެ ސަބަބުން ޞިއްހަތަށާއި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ގެއްލިގެން ދާނެކަމެއްކަމަށް ޑރ. ޢާރިފް ފާހަގަ ކުރެއްވިއެވެ. މާމަ ކާފައިންގެ ނާޖާއިޒް ފައިދާ ނެގޭ ގޮތަށް ކަންތައް ކޮށްގެން ނުވާނެ ކަމަށާއި އިހްތިރާމާއި ލޯބި އަބަދުވެސް ދޭންޖެހޭނެކަމަށް ވިދާޅުވިއެވެ.

މާމައާއި ކާފައަކީ ޢިލްމީ ޚަޒާނާއެއް ކަމަށް ޑރ. ޢާރިފް ސިފަކުރެއްވިއެވެ. އެމީހުންނަށް ލިބިފައިވާ ތަޖްރިބާއަކީވެސް ގުނާ އަގުވަޒަން ނުކުރެވޭނެހާ މުހިންމު އެއްޗެއްކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ކަންކަމުގައި އެމީހުންގެ މަޝްވަރާއާއި ލަފާ ހޯދުމުހެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން އެމީހުންގެ ނަފުސާނީ ދުޅަހެޔޮމަކަށް ވަރަށް ބޮޑު ހެޔޮ އަސަރުކުރާ ކަމަށްވެސް ޑރ. ޢާރިފު ފާހަގަ ވިދާޅުވިއެވެ. އެކަމަކީ އެމީހުން ބާކީ ނުކޮށް ބަލައިގަތުމުގެ އިޙްސާސް އެމީހުންނަށް ކުރެވޭނެކަމެއްކަމަށް ޑރ. އާރިފް ފާހަގަ ކުރެއްވިއެވެ. މާމަ ކާފަގެ ފަރާތުން ކަންކަމުގެ މަޝްވަރާއާއި ލަފާ، މައިންބަފައިން ހޯދާތަން ދަރިންނަށް ފެނުމަކީ އެކުދިން ވެސް  މާމަ ކާފަ އަށް އިހްތިރާމް ކުރާނެ ކަމަކަށް ވާނެކަން ޑރ. ޢާރިފް ފާހަގަ ކުރެއްވިއެވެ.

މާމަ ކާފަގެ ފަރާތުން ލިބޭ ލޯތްބާއި އަޅާލުމަކީ ވެސް އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި އެހެން މީހުންނާ ދޭތެރޭގައި އޯގާތެރި ކޮށް ކަންކަން ކުރުމަށް މަގުފަހިކޮށްދޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.  ޑރ. ޢާރިފެކޭ އެއްފަދައިން ފެނަލިސްޓުން ވަނީ  މާމާކަފާގެ ފަރާތުން ލިބޭ ލޯބީގެ މުހިންމުކަން ފާހަގަ ކުރައްވައި އެބޭފުޅުންގެ ތަޖުރިބާވެސް  ޙިއްޞާ ކުރައްވައިފައެވެ.

ދީނީ ޢިލްމުވެރިއެއްކަމުގައިވާ އައްޝައިޚާ ސާމިޔާ ޒަކަރިއްޔާ ވަނީ މާމަކާފަމެންނަށް އިސްލާމް ދީނުގައި ދެއްވައިފައިވާ މަޤާމާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުން ކާފާ މާމަގެ ލޯބީގެ ރީތި މިސާލުތަކެއް ވެސް ފާހަގަ ކޮށްދެއްވައިފައެވެ. ޝައިޚާ ސާމިޔާ ވިދާޅުވީ އިސްލާމް ދީނުގައި ކާފަ މާމައަކީ މައިންބަފައިންގެ ދަރަޖަ ލިބިގެންވާ ބައެއްކަމަށެވެ. އީމާން ވުމަށްފަހު މައިންބަފައިންނަށް އިޙްސާންތެރިވެ އަޅާލުމަށް އަންގަވާއިރު އޭގެ ތެރޭގައި މާމަ ކާފަ ވެސް ހިމެނޭކަމަށެވެ. އެއީ އާއިލާގެ "މޫ" ކަން ފާހަގަ ކުރައްވައި އެމީހުން ހަޔާތުގައި ހޯދި ތަޖުރިބާގެ "ކްރީމް"ކޮޅު ހޯދައިދެނީ މާމަ ކާފަ ދަރިންނަށްކަން ފާހަގަ ކުރެއްވިއެވެ.

ވެބިނާރުގައި ބައިވެރިވަޑައިގެންނެވީ އަނެއް ދެ ޕަނަލިސްޓުންކަމުގައިވާ ވިލިޖޯލީގެ ޗީފް ވޮލަންޓިއަރ މުޙައްމަދު ޝިހާބާއި އޭޖް ކެއަރ މޯލްޑިވްސްގެ ޑިރެކްޓަރ ރަޒީނާ ތުއްތު ދީދީ ވެސް ވަނީ މުހިންމު ގިނަ މަޢުލޫމާތުތަކެއް ޙިއްޞާ ކުރައްވައިފައެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.