ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް ޢަޠަރް މުޚްތާރު(ރޓޑ) ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި ދެގައުމުގެ މެދުގައި އޮތް ދުވަސްވީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ދާދި ފަހުން ޕާކިސްތާންގެ ބޮޑުވަޒީރް އިމްރާން ޚާންއާ ފޯނުން ގުޅުއްވައި ބައެއްކަންކަން މަޝްވަރާ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރަށް ކޯވިޑް-19ގެ ކަންކަމުގައި ދެގައުމުގެ ތަޖުރިބާ ހިއްސާ ކުރެއްވިއެވެ. އަދި ޕާކިސްތާނުން ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް ރައީސް ތައުރީފުކުރެއްވިއެވެ.
ރަސްމިއްޔާތު ނިންމަވައިލައްވަމުން އާ ސަފީރާއެކު ދެގައުމުގެ ގުޅުން އިތުރަށް ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ރައީސް ފާޅުކުރެއްވިއެވެ. އަދި ޕާކިސްތާނުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމާއި މިހާރުވެސް ޒުވާނުން ކުރިއެރުވުމާއި ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާއިން ވެދެއްވަމުން ގެންދަވާ އެހީގތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.