ވެންޓިލޭޓަރު ހޯދުމުގައި އޮޅުވާލައިގެން ވައްކަމެއް ކޮށްފައެއް ނުވޭ: ހެލްތް މިނިސްޓަރ

ޑަބްލިޔޫއެޗްއޯއާއެކު ކުރެވިފައި ވަނީ ރަސްމީ މުޢާމަލާތް ކަމަށްވެސް މިނިސްޓަރ ވިދާޅުވި

ވެންޓިލޭޓަރު ހޯދުމުގައި އޮޅުވާލައިގެން ވައްކަމެއް ކޮށްފައި ނުވާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ހެލްތްމިނިސްޓްރީ ކޮވިޑާ ގުޅިގެން ކުރި ޚަރަދު ތަކާބެހޭ އޮޑިޓް ރިޕޯރޓާ ގުޅިގެން މާލިއްޔަތު ކޮމެޓީއަށް މަޢޫލޫމާތު ސާފުކޮށް ދެއްވަމުންނެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ވެންޓިލޭޓަރުތައް ހޯދުމާ ގުޅޭ ލިޔެކިޔުން ތަކުން ވަކި މީހަކަށް މަންފާއެއް ހޯދުމަށް ވަކި މީހަކަށް ނާޖާއިޒް ފައިދާއެއް ހޯދުމަށް ނުވަތަ އޮޅުވައިލައިގެން ވައްކަމެއް ކޮށްފައިވާކަން އެނގެން ނެތްކަން ކަށަވަރު ކަމާއެކު ވިދާޅުވަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ލިޔެކިޔުންތައް އޮޑިޓް އޮފީހާވެސް ޙިއްސާ ކުރައްވައިފައި ވާނެކަމަށެވެ. ގަސްތުގައި އޮޅުވައިލައިގެން މީހަކު ކަމެއް ހިންގާފައި ވާނަމަ ތަޙްޤީޤަށް ސާފުވާނެކަމަށް ފާހަގަ ކުރެއްވިއެވެ.

ވެންޓިލޭޓަރުތައް ގަތުމުގައި ޑަބްލިޔޫ އެޗްއޯ އާއެކު ކުރެވިފައިވާ މުޢާމަލާތްތަކާބެހޭ ތަފްޞީލު ކޮމެޓީއާ ޙިއްޞާ ކުރައްވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ވެންޓިލޭޓަރުތައް އަވަހަށް ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ޑަބްލިޔޫއެޗްއޯގެ ރާއްޖޭގެ އޮފީހުގެ ރެޕްރެޒެންޓެޓިވްއާ އެމަނިކުފާނު ވާހަކަދެއްކެވި ކަމަށެވެ. އެގޮތުން ހެލްތް މިނިސްޓަރަށް ލިބިވަޑައިގެންނެވީ ނަމާއި ފޯނު ނަންބަރެއްކަމަށާއި ފައިނޭންޝަލް އެގެޒެކެޓިވްއަށް އެމަޢުލޫމާތު ދެއްވައި ވެންޓިލޭޓަރ ހޯދުމަށް އެމުޢާމަލާތްތައް އަވަސް ގޮތެއްގައި ކުރިއަށް ގެންދެވުމަށް ދެންނެވިކަމަށެވެ.

ފައިނޭންޝަން ކޮންޓްރޯލަރ ބިޑް ކޮމެޓީއަށް ފޮނުއްވައިފައިވާ މެމޯއެއްގައި ޑަބްލިޔޫއެޗްއޯ ރެޕްރެޒެންޓެޓިވްއާ މިނިސްޓަރާ ދެމެދު ކުރެވުނު މުޢާމަލާތްތަކާއި އަދި ޑަބްލިޔޫއެޗްއޯއާއެކު ކުރެވުނު މުޢާމަލާތްތައް ބިޑް ކޮމެޓީގެ ޔައުމިއްޔާގައި ހިމެނުމަށް ފޯނުން ގުޅައި ކަށަވަރުކޮށްފައވާކަން ޔައުމިއްޔާއިންވެސް އެނގެން އޮތްކަމަށް މިނިސްޓަރ އަމީން ފާހަގަ ކުރެއްވިއެވެ.  

މިނިސްޓަރ އަމީން ވިދާޅުވީ ޑަބްލިޔޫއެޗްއޯއާއެކު ކުރެވުނު އެ މުޢާމަލާތް ތަކަކީ އެއްވެސް ޙާލެއްގައ އަމިއްލަ ގޮތުން ކުރެވުނު މުޢާމަލާތަކަށް ވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި އެއީ ރަސްމީ މުޢާމަލާތް ތަކެއް ކަމަށެވެ.

"އަޅުގަނޑާ ޑަބްލިޔޫއެޗްއޯ ރެޕްރެޒެންޓެޓިވްއާ ކުރެވުނު މުޢާމަލާތަކީ ޕްރައިވެޓް މުޢާމަލާތެއް ކަމަށް އަޅުގަނޑު އަދިވެސް ޤަބޫލެއް ނުކުރަން. އަދި ފަހުންވެސް ޤަބޫލެއް ނުކުރާނަން. އެއީ އަޅުގަނޑު ރަސްމީ ޙައިސިއްޔަތުން ރާއްޖެއަށް އޮތް ނުރައްކާތެރި ޙާލަތުން އަރައިގަތުމަށްޓަކައި ހޯދަންވާ މަޢުލޫމާތައް އެހީތެރިކަން ހޯދުމަށްޓަކައި ކުރެވުނު މުޢާމަލާތެއް." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ޑަބްލިޔޫއެޗް ކުރެވިފައިވާ މުޢާމަލާތަކީ  އެއްވެސް ޙާލެއްގައި ސިއްރުން ކުރެވިފައިވާ މުޢާމަލާތެއް ނޫންކަމަށެވެ. އެމުޢާމަލާތްތައް ކުރައްވައިފައި ވަނީ ފާޅުކަންބޮޑު ގޮތެއްގައި ކަމަށެވެ.

"ޑަބަލީޔޫއެޗްއޯއާއެކު ކުރެވުނު މުޢާމަލާތަކީ އެއްވެސް މަރުޙަލާގައި ނުހިނގާ މުޢާމަލާތެއްކަމަށް ނުބެލޭނެ. އެހެންނަމަވެސް މިވާހަކަތައް ތަރުތީބުވަމުން އައި އިރު ވުޖޫދުގައި ވެސް ނެތް ކުންފުންޏެއް، އޮޅުވައިލައިގެން ޑަބްލިޔޫއެޗްއޯގެ ބަހެއްކަމަށްބުނެ ޑަބްލިޔޫއެޗްއޯއާ އެއްވެސްވަރަކަށް މަޝްވަރާ ނުކޮށް، ޑަބްލިޔޫއެޗްއޯ މަތީގައި ބަދުނާމެއް އަޅުވައިފައިވާކަމަށް ވާހަކަތައް ތަރުތީބުވެގެން ދިޔަކަމީ އިންތިހާއަށް ކަންބޮޑުވާކަމެއް." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ސިންގަލް ސޯސް ޕްރޮކިޔުމަންޓްގެ ދަށުން ވެންޓިލޭޓަރުތައް ހޯއްދަވައިފައިވަނީ އޭޖީގެ ޤާނޫނީ ލަފާގެ މަތިން ފިނޭންމިނިސްޓްރީގެ ހުއްދަ ހޯއްދަވައިގެންކަމަށް މިނިސްޓަރ އަމީން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އޮޑިޓް ރިޕޯޓުގައި އޭޖީގެ ލަފާޔާއެއް ގޮތަށް ފިނޭންސް މިނިސްޓްރީން ހުއްދަ ނުހޯދާ ކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީވެސް ހަޤީޤަތެއް ނޫންކަމަށް ވިދާޅުވިއެވެ. އެގްޒެކިޔުޓަރސް ބޭންކް ޑީޓެއިލްސް ވެސް ފިނޭންސް މިނިސްޓްރީއާ ޙިއްޞާ ކުރެއްވިކަން ލިޔެ ކިޔުންތަކުން ފެންނަން އޮންނާނެ ކަމަށް މިނިސްޓަރ އަމީން ފާހަގަ ކުރެއްވިއެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އެގްޒެކިއުޓަރސް އަށް 75 އިންސައްތަވެސް އަދި ފަހުން ދެއްކި 15 އިންސައްތަވެސް ދައްކައިފައި ވާނީ ފިނޭންސް މިނިސްޓަރގެ ހުއްދަ ލިބިގެންކަން ހެލްތް މިނިސްޓަރ އަމީން ފާހަގަ ކުރެއްވިއެވެ.

ވެންޓިލޭޓަރުތައް ގެނައުން ލަސްވެގެން ދިޔަ ކަމަކީ ޙަޤީޤަތެއްކަމަށް މިނިސްޓަރ އަމީން ފާހަކަ ކުރެއްވިއެވެ. އެހީގެގޮތުގައި ލިބެން ހުރި ވެންޓިލޭޓަރުތައްވެސް އަދިއަދަށް ދާންދެންވެސް ލިބިފައި ނުވާކަން ފާހަގަ ކުރެއްވިއެވެ.

އޮޑިޓް ރިޕޯޓުގައި އެއްވެސް ވަރަކަށް އޭރުގެ ޙާލަތަށް ރިޢާޔަތް ކޮށްފައި ނުވާކަން ވެސް ހެލްތް މިނިސްޓަރ އަމީން ފާހަގަ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.