ކަމެއް ކާމިޔާބު ވުމަށް ރޭވުންތެރިކަމުގެ މުހިންމު ކަމަކީ ހިޖުރައިން ލިބޭ މުހިންމު ފިލާވަޅެއް: ޚުޠުބާ

ކަމެއް ކާމިޔާބުވުމަށް ރޭވުންތެރިކަމުގެ މުހިންމުކަމަކީ ހިޖުރައިން ލިބޭ މުހިންމު ފިލާވަޅެއްކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. މިއަދުހެ ހުކުރު ޚުތުބާ ޚާއްޞަ ކުރައްވައިފައި ވަނީ ހިޖުރައިން ލިބިދޭ މުހިންމު ދަރުސްތަކުގެ މައްޗަށެވެ.

ހިޖުރީ އާއަހަރު ފެށުމާއެކު ކިރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާމެދު ފުންކޮށް ވިސްނާލުމަކީ މިއަދު ކުރަންޖެހިފައިވާ ކަމެއްކަމަކަށް ޚުޠުބާގައި ވިދާޅުވިއެވެ. ހިޖުރައިގެ މާނައަކީ ތިމާގެ އަމިއަލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށްވުރެ މާފުޅާ މާނައެއް އޮތް  ކަމެއްކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އެގޮތުން ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެއުކަމުގެ މަގަށް ރުޖޫޢަވުން ކަމަށް ވިދާޅުވިއެވެ.

ހިޖުރައިން ތަފާތު ގިނަ ޢިބްރަތާއި ދަރުސްތައް ލިބޭކަން ފާހަގަ ކުރައްވައި ޚުޠުބާގައި ވިދާޅުވީ، ކަމެއް ކާމިޔާބު ވުމަށް ރޭވުންތެރިކަމުގެ މުހިންމު ކަމަކީ ހިޖުރައިން ލިބޭ މުހިންމު ފިލާވަޅެއް ކަމަށެވެ. އެގޮތުން ރަސޫލާ ޞައްލަﷲ ޢަލައި ވަޞައްލަމަ މައްކާއި މަދިނާއަށް ކުރެއްވި ހިޖުރައިގެ ކަންކަން ރޭއްވެވިގޮތަށް ޚުޠުބާގައި އަލި އަޅުވާލެއްވިއެވެ.

ދަތި އުދަނގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރިން ސާބިތުކަމާއެކު ތިބޭނެކަމީ ހިޖުރައިން ލިބޭ ފިލާވަޅެއްކަން ޚުތުބާގައ ފާހަގަކުރެއްވިއެވެ. ހިޖުރައިގެ ހާދިސާއަކީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެން ދިޔަ ހާދިސާކަންވެސް ޚުތުބާގައި ފާހަގަ ކުރެއްވިއެވެ. ކަންކަމުގައި  ﷲ އަށް ވަކީލުކުރުމަކީ  ހިޖުރައިގެ މަތިވެރި ހާދިސާއިން ލިބޭ އެންމެ މުހިންމު އެއް ފިލާވަޅުކަން ވެސް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.

"އެއްވެސް ޙާލެއްގައި ވަކީލުކޮށްފީމޭ، ބުނެ ދެއަތް އުރައިލައިގެން ތިބުމެއް ނޫނެވެ. ވަކީލުކުރުމަކީ ކަންކަން ކުރުމަށް ހުރި ވަޞީލަތްތަކުގެ ބޭނުން ހިފުމާއެކު ﷲގެ ޙަޟްރަތުން ރައްކާތެރިކަން ލިބޭނެކަމަށް ޔަޤީންކޮށްގެން ތިބުމެވެ. އެހެން ކަމުން މިއަދު އަޅުގަނޑުމެންނަށް މެދުވެރިވެފައި މިވާ ކޮވިޑް 19 ގެ ޙާލަތުން އަރައިގަތުމަށް ވެސް ހިޖުރައިގެ މަތިވެރި ޙާދިޘާއިން ލިބިގަންނަންޖެހޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ޙައްޤު ގޮތުގައި ﷲ އަށް ވަކީލު ކުރުމެވެ. ސާފްތާހިރުކަމާއި، ގައިދުރުކަމާއި، މާސްކް އެޅުންފަދަ ރައްކާތެރިކަމުގެ އެންމެހައި ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމާއެކު ﷲ ގެ ހެޔޮރަޙްމަތަށް އެދުމެވެ. އަދި މިނުރައްކާތެރި ވަބާއިން ސަލާމަތްކޮށް ދެއްވުން އެދި އެކަލާނގެ ހަޒްރަތުގައި ދުޢާ ދެންނެވުމެވެ." ޚުޠުބާގައި ވިދާޅުވިއެވެ

މިއަދުގެ ޚުޠުބާގައި މުޙައްރަމު މަހުގެ 10 ވަނަދުވަހަކީ އާޝޫރާ ދުވަސް ކަމާއި އެއީ ހެޔޮ އަމަލުތައް ކުރުމަށް ލައްވައިފައިވާ މުހިންމު ދުވަހެއްކަން ހަނދާންކޮށް ދެއްވިއެވެ. އަދި އާޝޫރާ ދުވަހު ރޯދަ ހިފުން ސުންނަތްވެގެންވާކަން ހަނދާންކޮށްދެއްވިއެވެ. މި ސުންނަތް ޙާޞިލްކުރުމަށް އެދޭ މީހާއަށް އޮތީ މުޙައްރަމްމަހުގެ 10 ވަނަ ދުވަހާއި އެދުވަހުގެ ކުރިން ނުވަތަ ފަހުން އެއް ދުވަހު ރޯދަ ހިފުން ކަންވެސް ޚުޠުބާގައި ހަނދާން ކޮށްދެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.