އިޤްތިޞާދު ހަލުއި ކުރުމަށް ޒުވާނުންނާއި އަންހެނުންގެ ދައުރު ފުޅާކުރަން ޖެހޭ: ރައީސް

އުންމީދުކުރާ ފަދަ ހަލުވި ދުވެއްޔެއްގައި އިޤްތިޞާދަށް ދިރުން ލިބެން ފަށާނީ، ވިޔަފާރި އާއި އިޤްތިޞާދީ އެންމެހައި ޙަރަކާތްތަކުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް  މިހެން ވިދާޅުވީ ހިޖުރީ އާއަހަރު ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަޙްނިޔާގެ ޚިޠާބުގައެވެ. އެމަނިކުފާނު ވިދާޅުވީ ހިޖްރީ ސަނަތުން އައު އަހަރަކާ ބައްދަލުވިއިރު، އަޅުގަނޑުމެންނަށް މިއަދު މެދުވެރިވެފައި މިވަނީ، ހިޖްރައިގެ މަތިވެރި ޙާދިޘާއިން ލިބިދޭ ޢިބްރަތްތަކުން ފިލާވަޅު ލިބިގަތުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ޙާލަތެއްކަމަށެވެ.  ހިޖްރައިން ލިބިދޭ އެންމެ މަތިވެރި ޢިބްރަތަކީ، މުސްލިމުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ބަދަހިކޮށް، އެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން، ކަމަށް ފާހަގަ ކުރެއްވިއެވެ. އުންމަތެއްގެ ގޮތުގައި ނުވަތަ ދައުލަތެއްގެ ގޮތުގައި ދެމިތިބެން ބޭނުންނަމަ، އެ ދައުލަތެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދެމިއޮތުމުގެ މުހިންމުކަން، ކަމަށް ވިދާޅުވިއެވެ. ކުރިއެރުމާއި ތަރައްޤީއަށް އެދޭނަމަ، އެންމެހައި ރައްޔިތުން އެއް ޢަޒުމެއްގައި، އެއް އަމާޒަކަށް ގަދައަޅައި މަސައްކަތް ކުރުމުގެ ބޭނުންތެރިކަން، ކަމަށްވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، "ކޯވިޑް-19"ގެ ބަލިމަޑުކަމުގެ ސަބަބުން، ރާއްޖެވެސް މިހާރު ތަޖުރިބާކުރަމުން ދަނީ، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއްކަމަށް ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ. އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އެތައް ބައިވަރު ހުރަސްތަކެއް ކުރިމަތިވެ، ތަރައްޤީގެ ދުވެލި ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައވާކަން ވެސް ފާހަގަކުރެއްވިއެވެ.

 "ކޯވިޑް-19 ގެ ހުރަސްތައް ގިރާކޮށް، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ދިޔުމަށްޓަކައި ސަރުކާރުން މި ކުރާ މަސައްކަތުގައި، ރައްޔިތުންގެ ބައިވެރިވުން ނުހަނު ބޮޑަށް ބޭނުންވެއެވެ. އަޅުގަނޑުމެން އުންމީދުކުރާ ފަދަ ހަލުވި ދުވެއްޔެއްގައި އިޤްތިޞާދަށް ދިރުން ލިބެން ފަށާނީ، ވިޔަފާރި އާއި އިޤްތިޞާދީ އެންމެހައި ޙަރަކާތްތަކުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެންކަން ޔަޤީނެވެ." ރައީސް ޞާލިޙްގެ ޚިޠާބުގައި ވިދާޅުވިއެވެ.

ހިޖްރީ އައު އަހަރެއްގެ ފެށުން ފާހަގަކުރާއިރު ހަނދާނަށް ގެންނަންވީ، މިފަދަ ނާޒުކު ޙާލަތްތަކުގައި އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް ބެހެއްޓުމަށްކަމަށް ރައީސް ވިދާޅުވިއެވެ. ދަތި އުނދަގޫ ޙާލަތްތަކުގައި، ޢާއިލާގެ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މުޖުތަމަޢުގެ އެއް ބަޔަކު އަނެއް ބަޔަކަށް، އަޅާލައި އޯގާތެރިވެ އުޅުމަށްކަމަށް ވިދާޅުވިއެވެ.

"ކުޑަކުދިންނަށް ކަމޭހިތުމާއި، އަންހެނުންނަށް އޯގާތެރިވުމާއި، މުސްކުޅިންނަށް އެހީތެރިވުމެވެ. މިއަދު އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށްދޭ މިފަދަ ރީތި ސިފަތައް، އަޅުގަނޑުމެންގެ ކިބައިގައި އަލުން ހަރުލެއްވުމަށެވެ." ރައީސް ޞާލިޙްގެ ޚިޠާބުގައި ވިދާޅުވިއެވެ. 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.