ދިވެހި ސަރުކާރާ ދެކޮޅަށް އިންޑިއާގެ ނިއުދިއްލީގެ ހައިކޯޓުން ވަގުތީ އަމުރެއް ނެރެފައިވާ ކަމަށް ބަންޑާރަ ނާއިބްގެ އޮފީހުން މިރޭ ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެއްޖެ އެވެ.
ބަންޑާރަ ނާއިބް އޮފީހުގެ ނޫސް ބަޔާނުގައި ވަނީ ނިއު ދެއްލީގެ ހައިކޯޓުން ނެރުއްވި ވަގުތީ އަމުރާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން ޖަވާބުދާރީވުމަށް ފުރުޞަތު ދެއްވައިފާކަމަށެވެ. އެކޯޓަށް ދިވެހި ސަރުކާރުން ހުށަހަޅާ ވަގުތީ އަމުރުގެ، ޖަވާބު މިމަހު 14 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވާކަމަށެވެ. ނިއުދިއްލީގެ ހައިކޯޓުން މިއަމުރު ނެރެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުގައި ކަމަށް ވެސް ނޫސްބަޔާނުގައި ވެއެވެ.
ނިއު ދިއްލީގެ ހައިކޯޓުން ނެރުނު ވަގުތީ އަމުރަކީ ރާއްޖޭގެ ދެރަށެއްގައި ނަރުދަމާ ނިޒާމް ޤާއިމުކުރުމަށް ޙަވާލު ކުރި ލަކީ އެކްސްޕޯރޓް ނަމަކަށް ކިޔާ ކުންފުންޏެއްގެ އެއްބަސްވުން ބާޠިލް ކުރުމުން، ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބަހައްޓައިފައިވާ ފައިސާ ދިވެހި ސަރުކާރަށް ދޫނުކޮށް ހިފެހެއްޓުމުގެ ވަގުތީ އަމުރަކަށް އެކުންފުނިން އެދުމުން ނިއުދިއްލީގެ ހައިކޯޓުން ނެރެފައިވާ އަމުރެކެވެ. ލަކީ އެކްސްޕޯޓުން ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބަހައްޓާފައި ހުރި 483,451 އެމެރިކާ ޑޮލަރެވެ. އެކުންފުންޏަށް ބޭންކް ގެރެންޓީ ދޫކުރީ އިންޑިއާގެ ސިންޑިކޭޓް ބޭންކުންނެވެ.
ޅ.ނައިފަރާއި ތ. ވޭމަންޑޫގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރަން ލަކީ އެކްސްޕޯރޓާ ދިވެހި ސަރުކާރުން ޙަވާލުކުރީ 2017 ވަނަ އަހަރުގެ ޖޫންމަހުގެ 18 ގައެވެ. ނަމަވެސް އެ ކުންފުނިން އެއްބަސްވުމާއި ޚިލާފުވުމުން ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލު ކޮށްފަ އެވެ. މި އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލު ކޮށްފައި ވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ބުނެ އެކުންފުނިން، މިއަހަރުގެ މާރޗް މަހުގެ 13 ވަނަ ދުވަހު ދިވެހިސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް ބަންޑާރަނާއިބް އޮފީހުން ނެރުއްވި ނޫސް ބަޔާނުގައި ވެއެވެ.
ލަކީ އެކްސްޕޯޓުން އާރބިޓްރޭޝަނަށް ހުށަހެޅި އެ މައްސަލާގައި އެ ކުންފުންޏަށް ލިބިފައިވާ ކަމަށް ބުނާ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ޚަރަދުތައް ހޯދުމަށް އެދިފައިވާކަމަށްވެސް ނޫސް ބަޔާނުގައި ވެއެވެ. މި މައްސަލައާ ގުޅޭ ކަންކަމުގެ ސިއްރު ހިފެހެއްޓުން ދިވެހި ސަރުކާރުގެ މައްޗަށް ލާޒިމުވާތީ އިތުރު މައުލޫމާތު ހާމަ ކުރުމަކީ ސަރުކާރާ ދެކޮޅަށް ފިޔަވަޅުއެޅުމުގެ ފުރުސަތު އާބިޓްރޭޝަން ޓްރައިބިއުނަލަށް ލިބިދޭ ކަމެއްކަމަށްވެސް ބަންޑާރަ ނާއިބް އޮފީހުން ނެރުއްވި ނޫސްބަޔާނުގައި ވެއެވެ.