ބޭރުން އިތުރު ފައިސާ ހޯދައިގެން ވިއަސް ދިވެހި ފައިސާގެ އަގު ހިފަހައްޓަން ޖެހޭ: މެމްބަރ ޝަރީފް

 ރާއްޖެއިން ބޭރުން އިތުރު ފައިސާ ހޯދައިގެން ވިއަސް ދިވެހި ފައިސާގެ އަގު މިހާރުހުރި މިންވަރުގައި ހިފެހެއްޓޭތޯ ބަލަންޖެހޭކަމަށް ރާއްޖޭގެ މާލީ ދާއިރާގެ ތަޖުރިބާކާރު މަޖިލީސް މެމްބަރެއް ކަމަށްވާ އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ ޓީވީއެމްގެ "ބާބު3" ގައި ވާހަކަ ދައްކަވަމުންނެވެ.

ބަޖެޓް ސަޕޯޓެއްގެ ގޮތުގައި އިންޑިއާ ސަރުކާރުން ދެއްވުމަށް ނިންމަވައިފައިވާ  250 ލިއަން ޑޮލަރުގެ މާލީ އެހީތެރިކަމަކީ މިދަނޑިވަޅަށް ވަރަށް މުހިންމު އެހީތެރިކަމެއް ކަން ފާހަގަ ކުރައްވައި އެހެން ޤައުމުތަކުން ވެސް އެފަދަ އެހީ ތެރިކަން ހޯދޭތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޗައިނާއަކީ ރާއްޖެއަށް މާލީ ގޮތުން އެންމެ ބޮޑު އެހީތެރިކަން ފޯރުކޮށްދޭ، މުއްސަނދި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަން ފާހަގަ ކުރައްވައި ޗައިނާއަށް އެއްޗެހި ނުގޮވައ އެޤައުމުން ވެސް މާލީ އެހީތެރިކަން ހޯދޭތޯ މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ސަޢޫދީ އާއި ޔޫއޭއީ އަކީވެސް ރާއްޖެއަށް ވަރަށް ބޮޑަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ޤައުމުތަކެއްކަން ފާހަގަ ކުރައްވާ އެޤައުމުތަކުންވެސް މާލީ އެހީތެރިކަން ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ޗައިނާއިންވެސް ލާރި ލިބެން އެބަ އޮތް. އަޅުގަނޑުމެން ޗައިނާއަށް ވެސް އެއްޗެތި ގޮވުން ހުއްޓާލަންވީ. އެއީ ދުނިޔޭގައި އޮތް މުއްސަނދި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް. އެ ޤައުމުން އަޅުގަނޑުމެންނަށް މިހާތަނަށްވެސް އެންމެ ގިނަ ޢަދަދަކަށް ފައިސާ ދަރަންޏަށްވެސް އެނޫން ގޮތްގޮތަށްވެސް އެހީގެ ގޮތުގައިވެސް ދީފައި އޮތީ. ދެން ސުޢޫދީ އެރަބިޔާއި ޔުއޭއީ މިތިން ޤައުމު އަޅުގަނޑުމެން ޝުކުރުވެރިކަމާ އެކު ފާހަގަ ކުރަން ޖެހޭނެ . އަދިވެސް އަޅުގަނޑުމެންނަށް އެއްޗެއް ލިބެން އޮތީވެސް އެ ޤައުމުތަކުން." މެމްބަރ ޝަރީފް ވިދާޅުވިއެވެ.

ރާއްޖެ އަކީ ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކާ ޚިލާފަށް އަބަދުވެސް ޑޮލަރު ގަނެ ބޭރުކުރާ ޤައުމެއްކަން ފާހަގަ ކުރެއްވިއެވެ. ރާއްޖެއިން ބޭރުގައި ދިވެހިން ވަޒީފާ އަދާކުރި ނަމަވެސް ރާއްޖެއަށް ޑޮލަރު އަންނާނެ ގޮތެއް ނެތްކަން ފާހަގަ ކުރެއްވިއެވެ. ކުރިން ދިވެހިން ބޯޓް ދަތުރުކުރަން އުޅުނު އިރު އެމީހުންގެ އާއިލާތަކަށް ޑޮލަރު ފޮނުވުމާއި  އަދި މީހުން ޗުއްޓީއަށް އަންނައިރު ޑޮލަރު ގެންނާތީ، ޑޮލަރު ވަންނާނެ މަގެއް ހުޅުވިފައި އޮތްކަން ފާހަގަ ކުރެއްވި އެވެ. ނަމަވެސް މިހާރު ރާއްޖެއަށް ޑޮލަރު ވަންނާނެ މަގަކަށް އޮތީ ފަތުރުވެރިކަންކަމަށާއި ފަތުރުވެރިކަމުން ރާއްޖެއަށް އާމްދަނީ އިތުރުވާނީ 2022 ގައި ކަމަށްވެސް މެމްބަރ ޝަރީފް ފާހަގަ ކުރެއްވިއެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ ޤައުމުތަކުގެ އިޤްތިޞާދު ދަށަށް ދިއުމުން ފަތުރުވެރިންގެ ގޮތުގައި އަންނަން ތިބި މީހުނަށްވެސް މި ހާލަތުގައި ނާދެވޭނެކަން ފާހަގަ ކުރެއްވިއެވެ. ދައުލަތުގެ އާމްދަނީގެ ބޮޑު ބަޔަކީވެސް ފަތުރުވެރިކަމުން ލިބޭ އާމްދަނީކަން ފާހަގަ ކުރައްވައި ފަތުރުވެރިން ނާންނަ ނަމަ އާމްދަނީ ލިބޭނެ ގޮތެއް ނެތްކަން ފާހަގަ ކުރެއްވިއެވެ. މިޙާލަތުގައި ބޭރުން ފައިސާ ހޯދުން ނޫން ގޮތެއް ނެތް ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ވަޞީލަތްތައް މަދު ޤައުމަކަށް ވެފައި އިޤްތިޞާދީ ގޮތުން މިދަތި ހާލުގައި ސަލާން ޖަހައިގެންވެސް ރާއްޖެއިން ކޯވިޑްގެ ކަންކަން މެނޭޖް ކުރީ ވަރަށް ރަނގަޅަށްކަން މެމްބަރ ޝަރީފް ފާހަގަ ކުރެއްވިއެވެ.

ބަޖެޓް ސަޕޯޓަށް މަދުވެގެން 28 ބިލިއަން ރުފިޔާ ބޭނުންވާނެކަމަށް މެމްބަރ ޝަރީފް ވިދާޅުވިއެވެ. އިންޑިއާއިން ބަޖެޓް ސަޕޯޓްގެ ގޮތުގައި ދޭން ނިންމެވި ފައިސާގެ އިތުރުން މިއަހަރު ސަރުކާރުން ވިއްކުމަށް ހަމަޖައްސަވައިފައިވާ ސްކޫކް ވިއްކުނީމާ، މިއަހަރަށް ބޭނުންވާ މާލީ ވަޞީލަތް ހަމަޖެހިގެންދާނެކަމަށް މެމްބަރ ޝަރީފް ދެކެވަޑައި ގަންނަވައެވެ.

"އަޅުގަނޑު އަހާފައިވާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ ސްކޫކެއް ވިއްކަވަން. އިރާދަ ކުރެއްވިއްޔާ އެ ވިއްކުނީމާ މި އަހަރުގެ ތެރޭގައި ސަރުކާރަށް ބޭނުންވާ މާލީ ވަޞީލަތްތައް ފުރިހަމަ ވެގެންދާނެ." ޝަރީފް ވިދާޅުވިއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.