ރައީސް ނަޝީދުގެ "ދެ ރަދުން": ކިޔައިލާން މުހިއްމު ޝައުގުވެރި ފޮތެއް

ފޮޓޯ: @DheRadhun (ޓުވިޓަރ)

"ދެ ރަދުން" މި ފޮތަކީ ރައީސް މުޙައްމަދު ނަޝީދު ލިޔުއްވައިފައިވާ ފޮތެކެވެ. ފޮތުގެ މައިގަނޑު ނަމަކަށް "ދެ ރަދުން" ޖައްސަވައިފައި އޮތް ނަމަވެސް ފޮތުގެ މައިގަނޑު މަވްޟޫޢަކީ އޭގެ ދަށުގައި ޖައްސަވައިފައިވާ ދެވަނަ ސުރުޚީއެވެ. އާދެ، "އިންޑިއާ ކަނޑުގައި ދިވެހިން، 1800-1900" މިއެވެ.

ފޮތް ފަށްޓަވައިފައި ވަނީ ފޮތުގައި ބޭނުން ކުރައްވައިފައިވާ ބައެއް ނަންފުޅުތަކުގެ ތަފުސީލާއި، ފޮތުުގެ ހާދިސާތަކުގެ ތަރުތީބު ލިސްޓަކުންނެވެ. މިއީ ފޮތް ކިޔާ މީހަކަށް ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނޭ ކަމެކެވެ.

ވަކި ބައިތަކެއްގެ ގޮތުގައި ކަނޑައަޅުއްވައިފައި ނެތް ނަމަވެސް ފޮތް ބައްސަވައިފައި ވަނީ ތިން ބަޔަކަށެވެ. ފުރަތަމަ ބައިގައި ހިމެނެނީ ފޮތުގައި ހިމަނުއްވައިފައިވާ ސަތޭއެއްހައި އަހަރުގެ ތެރޭގައި ރާއްޖޭގެ ވެރިކަމުގައި ހަރަކާތްތެރިވަމުން އައި އާއިލާތަކުގެ ވާހަކައެވެ. އާއިލީ ގުޅުން ދެމެމުން އައި ގޮތާއި ވެރިކަމާއި ބާރަށްޓަކައި ކުރެވުނު ކާވެނިތަކުގެ މައްޗަށެވެ. މިބައިގައި ލިޔުންތެރިޔާ ފާހަގަ ކުރައްވައިފައިވާ ގޮތުގައި ރާއްޖޭގެ ވެރިކަން ދެމެމުން އަންނަނީ ނުވަތަ އަންނާން ބޮޑުން އަބަދުވެސް ރުހެނީ އާއިލީ ރޮނގަކުންނެވެ.

ވެރިކަމަށް ބޭބޭފުޅުން އެރުވުމާއި ބޭލުމަކީވެސް ރާއްޖެއިން މިހާރުވެސް ފެންނަ ހަމަތަކެކޭ އެއްފަދައިން އިހުވެސް ބޮޑުން ކުރާ ކަމެއް ކަމަށާއި އެއީ ވެރިކަމަށް އަރާން ހުންނަ މީހަކުގެ ދައުރު ވަރަށް ކުޑަ ކަމެއް ކަމަށް ނަޝީދު ލިޔުއްވައިފައި ވެއެވެ. "ރަދުންގެ ބާރު ކުޑަވެ، ގޮނޑިކޮއްކޮ ރަދުން ރަސްކަމަށް އިސްކުރެވެން ފެށި މި ޒަމާނުގައި، ބޮޑުންގެ ދެބަސްވުމެއް، ކޯޅުމެއް ފެށިގެން އަންނައިރުވެސް އަދި ހިނގަމުންދާއިރުވެސް ، ރަދުންގެ ދައުރު ނުވަތަ ރަސްކަމަށް ދެން އިސްވާން ހުރި މަނިއްޕުޅުގެ ދައުރު ވަރަށް ކުޑައެވެ. ވެރިކަމުގެ ތެރޭގައި ވެރިން ދެ ބަޔަކަށް ބެހެނީއެވެ. ހައްތާވެސް ކޯޅުންގަނޑުތަކުގެ ދަރަޖަ އުފުލާނީ ބޮޑުންގެ ދެބަސްވުންތަކާއި ކުރިމަތިލުންތަކުންނެވެ. މިފަދަ ބޮޑުން ވަކި މަނިއްޕުޅެއް ރަސްކަމަށް އިސްކުރުމަށް ފަހުގައި، ހަމަ އެރަސްކަން ނެތިކޮށްލުމަށް އެދިއްޖެނަމަ އެކަން ކުރުމުގައި އުޅުއްވާނީވެސް އެއުރެންނެވެ. ތިމާ އަމިއްލައަށް އުފައްދާ ރަސްކަން އުފައްދަނީވެސް ބޮޑުންގެ ޖާނާއި މާލު ނުރައްކަލަށް ނެރިތިބެއެވެ. މުޅި އަނބިދަރިންނާއި ދުނިޔެވީ ހަޔާތް އަތަށްލައި ތިބެއެވެ. ގަދައަޅާ ކުރި މަސައްކަތުން އުފެއްދި ވެރިކަން އަވަދިކުރުމަށް، ބަދަލުކުރުމަށް ނުކުންނަނީވެސް އިހު ނުކުތް ނުރައްކަލާއި ނާމާންކަމުގައި ތިބެއެވެ. ނާކާމިޔާބުވާ މީހުން މަރައި، އަނިޔާކޮށް، ގެދޮރާއި މުދާ ފޭރި އަނބިދަރީން ނިކަމެތިކޮށް ސުންނާފަތިކުރާނެކަން އެނގި ތިބެއެވެ. މާތް ރަސްކަލާނގެއާ ވަކިލުކަމުގައި ނިޔަތް ގަންނަ ދިވެހި ބޮޑުން އެ ނިޔަތް ގަންނަނީ ކުރެވޭ އެ ކަމަކާ ގުޅޭ ގޮތުން ޝައްކު ހިނގާ ހާލަކު ނޫނެވެ. ރަނގަޅަށް ދެނެތިބެއެވެ."

ނަޝީދު ލިޔުއްވައިފައިވާ ގޮތުގައި މި ގޮތަށް ވެރިކަން ބަދަލުވާން ފެށީމާ ނުކުތީ ވަރަށް ހިތި ނަތީޖާއެކެވެ. އެއީ ވެރިކަން ގޮނޑިކޮއްކޮ ވެރިކަމަކަށް ބަދަލުވާން ފެށީއެވެ. ބޮޑުން ރުހޭ ގޮތަކަށް ކަންކަން ކުރިއަށް ގެންދާން މަޖުބޫރުވާ ހާލަތަކަށް ދަނީއެވެ. އެހެން ނުހަދައިފިނަމަ ވެރިކަން ބަދަލު ވަނީއެވެ. މިއީ "ދެ ރަދުން" މި ފޮތުގައި ބަޔާން ކުރައްވައިފައިވާ ގަރުނުގެ ތެރޭގައި ރާއްޖެއަށް އައި އެންމެ ބޮޑު ސިޔާސީ އެއް ބަދަލެވެ.

ފުރަތަމަ ބާބުގައި ބަޔާން ކުރައްވައިފައި ވަނީ ވެރިކަން ފުރޮޅެން މެދުވެރިވާ ބައެއް ކަންކަން ކުރުކޮށް ބަޔާން ކުރެއްވުމަށް ފަހު އާއިލީ ކަންކަމުގެ ތެރެއަށް ވެރިކަމުގެ ބާރުތައް ގެންގޮސް ގުޅުން އުފައްދަން މަސައްކަތް ކުރާ ގޮތުގެ ވަރަށް ކުރު ތަސައްވުރެކެވެ. މިއީ ފޮތުގެ ފުރަތަމަ ބައިގެ ފެށުމެވެ.

ފުރަތަމަބައިގައި ވަނީ އާއިލާތައް ބެހިފައިވާ ގޮތުގައި ދަރިކޮޅު ބެހިގެން އައިސްފައިވާ ގޮތެވެ. މާލޭގެ ބައެއް ކޮށިކޮށްޓާއި ގޯތިތައް ބޮޑުންގެ މެދުގައި ބެހިގެން ގޮސްފައިވާ ގޮތާއި އެ ކޮށިކޮށިން ރަސްރަސްކަލުން އާމްދަނީ ހޯއްދެވި ބައެއް ގޮތްގޮތެވެ.

ހުކުރު މިސްކިތުގެ ގަބުރުސްތާނުގައި ހުރި މަހާނަގައުތަކާއި އެތާގައި ވަޅުލައިފި ތިބީ ކޮން ބައެއްކަން ވަރަށް ރަނގަޅަށް ދިރާސާ ކުރައްވައި ފުރަތަމަ ބައިގައި ގެންނަވައިފައި ވެއެވެ. ގަބުރުސްތާނުގައި ވަޅުފުޅު ލެވިފައި ތިއްބެވި ބޭފުޅުންގެ ތަފުސީލު ތާވަލެއްވެސް ފޮތުގައި ހިމަނުއްވައިފައި ވެއެވެ.

އަދި ސިޔާސީ ބާރު ގަދަ ކުރެއްވުމަށްޓަކައި އެކި ބޭފުޅުން ކާވެނި ކުރައްވަމުން ގެންދެވި ގޮތްވެސް މި ފޮތުގައި ބަޔާންކޮށް ދެއްވައިފައިވެއެވެ. ނަޝީދު ފާހަގަ ކުރައްވައިފައިވާ ގޮތުގައި ވެރިކަން ފިރުކިގެންދާން ބޮޑުން ރުހެނީ ދެ ގޮތަކަށެވެ. އެއް ގޮތަކީ ނަސަބުގެ ފަރާތަށް ދިއުމެވެ. އަނެއް ގޮތަކީ ހެވިކަމުގެ ފަރާތަށް ނުވަތަ ބާރުގެ ފަރާތަށް ދިއުމެވެ. ފޮތުގެ މިބައި ކިޔަމުން ދިޔައިރު ސިފަވެގެން ދިޔައީ ވެރިކަން ލިބޭނޭ މަގު ފަހި ކުރުމަށްޓަކައި އެކަކު އަނެކަކާ އިނދެ ވަރިކުރަމުން ދިޔަ ގޮތެވެ.

ނަޝީދު ލިޔުއްވައިފައި ވެއެވެ. "ދިވެހި ރަސްކަން ޞައްޙަ ކުރުމަށްޓަކައި އެތެރެ ކޮއިލުތެރޭ ރަސްދަރި ލޭ ހިނގާން ޖެހޭކަން ސާފު ވެއެވެ. ދޮންބަންޑާރައިން މަލާބާރިން އަތުން ރާއްޖެ ސަލާމަތް ކުރެއްވިއެވެ. އެހިނދު ރަސްކަން ލިބިވަޑައެއް ނުގަންނަވައެވެ. ރަސްކަން ލިބިވަޑައިގަތީ ހަތް އަހަރު ފަހުންނެވެ. ދޮންބަންޑާރައިންގެ ކޮއްކޯފުޅަށްވެސް ރަސްކަމުގައި ނީންނެވުނެވެ. ދިވެހި ރަސްކަމުގެ ބާރުވެރިކަން ހަލާލުވަނީ އެ ރަސްކަމުގެ ވިރާސީ ލޭ އެ ބޭފުޅެއްގެ ނާރުތަކުގައި ހިނގާ ނަމައެވެ. ފިރިހެނަކަށް ވުން ލާޒިމެއް ނޫނެވެ. އައިމިނާ ރަނިކިލެގެފާނު ނޫނަސް، އެކި ޒަމާންތަކުގައި ދިވެހި ވެރިކަން ކުރއްވާފައިވާ އަންހެން ބޭފުޅުން މަދެއް ނޫނެވެ."

ވިރާސީ ރަސްކަން ބަދަލުވާއިރު ވެރިކަމަށް އިސްވަނީ ރަސްގެފާނުގެ ދޮށީ މަނިއްޕުޅު ނޫންކަމަށް ތާރީޚުން ފެންނާން އެބަހުރި ކަމަށާއި ރަސްކަން ހައްގުވަނީ އަވަހާރަވާ ރަދުންގެ ދައިތާފުޅުގެ ދޮށީ ފިރިހެން ދަރިކަލުންނަށް ކަމުގައިވެސް ނަޝީދު ލިޔުއްވައިފައި ވެއެވެ.

ވެރިކަން ދެމެހެއްޓުމަށްޓަކައި ކާވެނީގެ ސިލްސިލާ ދަމަހައްޓާ ގޮތް ބަޔާން ކުރައްވަމުން ނަޝީދު ލިޔުއްވައިފައިވާ ގޮތުގައި ދޮންބަންޑާރައިންގެ ދަރިކޮޅުގެ ވެރިކަން ދަމަހައްޓާންވެސް ބޭނުންފުޅު ކުރައްވައިފައިވަނީ ކާވެންޏެކެވެ.

ރާއްޖޭގައި އަޅުން ގެންގުޅު ގޮތާއި ބޭރުން ބަބުރު އަޅުން ގެނައި ވާހަކައަކީވެސް ޝައުގުވެރި ވާހަކަތެކެކެވެ. ފޮތުގައި ލިޔުއްވައިފައި ވެއެވެ. "1880 ވަނަ އަހަރަށް ވީއިރު މަސްކަތުން އަޅުން ވިއްކާ ބޯޓުފަހަރު އާއްމުކޮށް ނާދެއެވެ. އެހެން ނަމަވެސް ލެފްޓަނަންޓް ކްރިސްޓޮފަރ ލިޔާ ގޮތުގައި 1830 ވަނަ އަހަރު 25 އަޅުން ރާއްޖެ ގެނައެވެ. މާލޭގައި އެމީހުން ވިއްކީ 80 ރުފިޔާއަށް އަޅެއްގެ މަގުންނެވެ."

އަދިވެސް ލިޔުއްވައިފައި ވެއެވެ. "އަށާރަ ސަތޭކައިގެ އަހަރުތަކުގައި ރާއްޖޭގައި އަޅުން ގެންގުޅުނެވެ. އަދި ވަރަށް ގިނަ ފަހަރަށް އަޅުންނަކީ ބަބުރުންނެވެ. އަޅުން ނޫން ބަބުރުންވެސް މާލޭގައި އުޅެއެވެ. 1830 ވަނަ އަހަރު މާލޭގައި 25 އަޅުން ވިއްކިއެވެ. އަޅެއް 80 ރުޕީސް އަށެވެ. ޙަސަން ނޫރައްދީން ރަދުން ފުރަތަމަ ޙައްޖު ދަތުރަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންނެވި އިރު 70 އަޅުން ގެންނެވިއެވެ. އެއީ 1789 ވަނަ އަހަރުއެވެ."

ފޮތުގެ ދެވަނަ ބަޔަކީ އެންމެ ދިގު ބައެވެ. މިބައިގައި ބައްލަވައިލައްވައިފައި ވަނީ ދިވެހިރާއްޖޭގެ ވިޔަފާރީގެ މައްޗަށެވެ. ވިޔަފާރީގެ ނުފޫޒާއި ހާލަތުގެ ތެރެއިން ބޭރުގެ ބާރުތައް ވަދެ އެ ބާރުތަކުން ނުނެއްޓިގެން ވެރިކަމަށް އުޅޭން ޖެހޭ ގޮތް މިބައިގައި ބަޔާންކޮށް ދެއްވައިފައި ވެއެވެ.

ވިޔަފާރީގެ ބައިގައި ވަރަށް ގިނަ މައުލޫމާތު އެބަހުއްޓެވެ. ފޮތުގައި ބަލައިލެވިފައިވާ ގަރުނުގެ ތެރޭގައި ރާއްޖޭގެ ވިޔަފާރިއަށް އައި ބަދަލުތަކާއި މުދަލުގެ އަގު ހުރި ގޮތާއި ރާއްޖެއަށް ބޭރުން ގެންނަ މުދަލާއި ރާއްޖެއިން ބޭރުކުރާ މުދަލުގެ ވަރަށް ގިނަ ތަފުސީލު އެބަހުއްޓެވެ. އެ ދުވަސްވަރު ވިޔަފާރި ކުރެވިފައިވާ މިންވަރު އެނގޭނޭ ތާވަލުތައް ހިމަނުއްވާފައި އެބަހުއްޓެވެ. ވިޔަފާރީގެ ތެރޭގައި މާންދޫގެއާއި ގަލޮޅުގެ/އަތިރީގެއާ ދެމެދު ހިނގަމުން އައި ވާދަވެރިކަމާއި މައްސަލަތަކުގެ މައްޗަށް ވަރަށް ރަނގަޅަށް ބައްލަވައިލައްވާފައި ވެއެވެ.

1800 ގެ އަހަރުތަކުގެ ތެރޭގައި ވޯރާ ވިޔަފާރިވެރިންނަށް ރާއްޖެ އޮތީ ދަރައިފައެވެ. ދަރައިފައި އޮތީވެސް ފައިސާ ދެއްކޭ ވަރަށް ވުރެ މާ މަތީ މިންވަރަކަށެވެ. އެ ދުވަސްވަރުގެ ވެރިންނަށް މި ދަރަންޏާހުރެ ކުރިމަތިވެ ވަޑައިގަތް ދަތިތަކުގެ މައްޗަށް ބައްލަވައިލައްވަމުން ނަޝީދު ލިޔުއްވައިފައި ވެއެވެ. "ދިވެހި ސަރުކާރުގެ ދަރަންޏާއި، ދިވެހި ރައްޔިތުންގެ ނިކަމެތިކަމުގެ ސަބަބަކީ ވޯރާ ވިޔަފާރިވެރިން ކަމަށް ގަބޫލު ކުރެވިފައި އޮތީ އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނަށް ގިނިގަންޏަކާ ނޫނެވެ. ރާއްޖޭގެ ވަރަށް ގިނަ ބޮޑުން ދެކެވަޑައިގެންނެވީ އެ ގޮތަށެވެ."

ދަރަނި އަދާކުރެވެން އޮތް ގޮތަކީ ރާއްޖޭގެ އާމްދަނީ އިތުރުކޮށްގެން ކަމުގައި ވާތީ ސަރުކާރުން ވޯރާ ވިޔަފާރިވެރިންނަށް އެންގެވީ އޭރު ދައްކަމުން އައި ބާރަބައިކުޅަ އެއްބައިގެ ބަދަލުގައި ކޮންމެ ވިޔަފާރިވެރިޔަކުވެސް ގަނޑުކޮށް އަހަރަކު އެއް ލައްކަ ރުފިޔާ ސަރުކާރަށް ދައްކާށެވެ. ނަޝީދު ލިޔުއްވައިފައިވާ ގޮތުގައި މި ގޮތާއި ރުހި އެއްބަސްވީ އެންމެ ވިޔަފާރިވެރިއެކެވެ. އެއީ ކަރީމްޖީ ޖަޢުފަރުޖީ ކުންފުންޏެވެ. ނަޝީދު ލިޔުއްވައިފައި ވެއެވެ. "6 ޖަނަވަރީ 1887 ވަނަ ދުވަހު އެހެން ހުރިހާ ވިޔަފާރިވެރިން މި އުސޫލާ ދެކޮޅުވެރި ވެއްޖެއެވެ. ދޮށީމޭނާކިލެގެފާނު އެންގެވީ އުސޫލާ އެއްބަސް ނުވެވޭ ވިޔަފާރިވެރިން ރާއްޖެއިން ފޭބުމަށެވެ. ވިޔަފާރިވެރިންނަށް ދެއްވީ އެއްމަސް ދުވަހެވެ. ކަރީމްޖީ ޖަޢުފަރުޖީ ކުންފުންޏަށް އެއް ލައްކަ ރުފިޔާ ހަމަޖެއްސުމަށް ހަތަރު މަސް ދުވަސް ދެއްވިއެވެ. އިބްރާހީމް ދޮށިމޭނާކިލެގެފާނު ނިންމެވީ ކަރީމްޖީ ޖަޢުފަރުޖީ ކުންފުންޏަކީ ރާއްޖޭގައި ވިޔަފާރި ކުރާނެ ހަމައެކަނި ބޭރުގެ ވިޔަފާރި ކުންފުނީގެ ގޮތުގައި ހެއްދެވުމަށެވެ. 6 ޖަނަވަރީ 1887 ވަނަ ދުވަހުން ފެށިގެން ގަނޑުކޮށް ފައިސާ ދިނުމަށް އެއްބަސް ނުވި ކުންފުނިތަކުގެ މުދާ މާލެ ބޭލުން މަނާ ކޮށްފިއެވެ. 1887 ވަނަ އަހަރުގެ ފެބުރުއަރީ މަހު ބޭރުގެ ވިޔަފާރިވެރިންގެ ފިހާރަތަކުގައި ރޯކޮށްލައިފިއެވެ. ވޯރާ ވިޔަފާރިވެރިއެއްގެ ގަޔަށް ވަޅިވެސް ޖަހައިފިއެވެ. މާލޭގައި ތިބި ބޭރުގެ ވިޔަފާރިވެރިންގެ ތެރެއިން ބާވީސް މީހުން ރާއްޖެ ދޫކޮށް ފުރީއެވެ."

ފޮތުގެ މިހައިތަނުން ފެށިގެން ލިޔުއްވައިފައިވާ ބަޔަކީ ވަރަށް ޝައުގުވެރި ބައެކެވެ.

ނަޝީދު ލިޔުއްވައިފައިވާ ގޮތުގައި އޭރު މާލޭގައި ވިޔަފާރި ކުރަމުންގެންދިޔަ ވޯރާއިންނަކީ އިނގިރޭސި ރައްޔިތުންނެވެ. އިންޑިއާ އާއި ސްރީލަންކާގައި އޮތީ އިނގިރޭސި ވެރިކަމަކަށް ވުމާއެކު އެ ދެގައުމުގެ ރައްޔިތުންނަކީ އިނގިރޭސިން ނޫންތޯއެވެ؟ ވުމާއެކު މި ޖެހުނު މައްސަލައިގެ ތެރެއަށް އިނގިރޭސިން ވަދެއްޖެއެވެ. ފޮތުން ފާހަގަ ކުރެވުނު ގޮތުގައި އިނގިރޭސިންނާ ދެކޮޅަށް މަސައްކަތްކޮށް ވޯރާ ވިޔަފާރިވެރިންނާ ދެކޮޅު ހެދީ ދިވެހިންނެވެ. ހަމައެހެންމެ އެމީހުންނާ އެއްކޮޅަށް ތިބެގެން އިނގިރޭސިންނާ މައްސަލަ ބެއްސުވީވެސް ދިވެހިންނެވެ. ފޮތުގެ ކުރީކޮޅުގައި ނަޝީދު ބަޔާން ކުރައްވާ "ވެރިކަމަށް މީހުން އެރުވުމާއި ބޭލުމުގައި"ވެސް އެއް ބަޔަކު އުޅޭ ބީދައިންނެވެ.

ފޮތުގެ ވިޔަފާރިއާ ބެހޭ ބައިގައި ބަޔާން ކުރެވިފައިވާ ހިސާބުތަކާއި ލިޔުންތަކުން ސާފުކޮށް އެނގޭ ގޮތުގައި ރާއްޖޭގެ ވިޔަފާރި އެދުވަސްވަރު އޮތީ ވަރަށް ފުޅާ ވެފައެވެ. ނަޝީދު ހިމަނުއްވާފައިވާ ތާވަލުތަކާއި ބަޔާންތަކުން އެނގޭ ގޮތުގައި ހަމައެކަނި ސިލޯނަށް ބެލި ނަމަވެސް ސިލޯނުން ރާއްޖެއަށް ގެންނަ މުދަލަށްވުރެ ރާއެްޖެއިން ސިލޯނަށް ފޮނުވާ މުދާ އެތައް ގުނައެއް އިތުރެވެ. ވުމާއެކު މި ވިޔަފާރީގެ ފައިދާ ދޫކޮށްލުމަކީ ސިލޯނުންވެސް އަދި ރާއްޖެއިންވެސް ބޭނުންވާނޭ ގޮތެއް ނޫނެވެ. މީގެ ތެރޭގައި ހިމެނިގެން ދިޔައީ ރާއްޖޭގައި އުޅުނު "ފައިދާނަގާ" ބައެއް ބޮޑުންނާއި އިނގިރޭސި ބާރެވެ.

ފޮތުގައި ލިޔުއްވައިފައިވާ ގޮތުގައި 1887 ވަނަ އަހަރުގެ މަޝްހޫރު "އިނގިރޭސި ހިމާޔަތުގެ" ލިޔުމުގައި އޭރުގެ ރަދުން ސޮއި ކުރައްވައި އެއްބަސްވެވަޑައިގަތީ ރުހިވަޑައިގެން ހުންނަވައެއް ނޫނެވެ. ސޮއި ކުރެއްވީ ކުޑަބަންޑާރައިންނެވެ. ސޮއި ކުރެއްވުމާއެކު ކުޑަބަންޑާރައިން ރަސްކަމުން ވަކިވެވަޑައިގެން ނޫރައްދީން ބަންޑާރައިން ރަސްކަމަށް އިސްވެވަޑައިގަތީއެވެ. މިއީ ކިހިނެއް ހިނގައި ދިޔަ ކަމެއްކަން ފޮތުގައި ލިޔުއްވައިފައިވެއެވެ. އަދި އޭރުގެ ދައުލަތުގެ ބޮޑުން ހިމާޔަތުގެ އެއްބަސްވުމާ ދެކޮޅު ހެއްދެވިކަމާއި. ދެކޮޅު ހެއްދެވި ގޮތަކީ ކިޔައި ފޫހިނުވާފަދަ އިބްރަތްތެރި ވާހަކަތަކެކެވެ.

ފޮތުގެ ފެށުމުގައި ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު ފުރަތަމަ ލިޔުއްވި ފޮތް "ދަނގަޑު ދަހަނާ" ގައި ބަޔާން ކުރައްވައިފައި ވަނީ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިޔައީ އިނގިރޭސިންގެ ގަންބޯޓު ޕޮލިސީގެ ސަބަބުން ކަމުގައެވެ. އެއީ މަތިމަތިން ރީތި، އޮމާން ގޮތެއް ދައްކައިގެން ތިބެ އަޑިއަޑިން ބިރުދައްކައިގެން އެމީހުން ބޭނުންވާ ކަންތައްތައް ކުރުވުމުގެ ސިޔާސަތެވެ. އެހެންނަމަވެސް މި ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި ހިމާޔަތުގެ ދަށަށް ދިޔައީ "އެއްބަސްވެވޭ" ނުވަތަ އެއްބަސްވެވުނު އިންގިލާބެއްގެ ތެރެއިންނެވެ. ކަން ހިނގަމުން ދިޔަ ގޮތް ފޮތުގައި ތަފުސީލުކޮށް ބަޔާން ކުރައްވައިފައި ވެއެވެ. އެހެންވީމާ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔައީ ފުރަތަމަ ފޮތުގައި ވިދާޅުވި ގޮތަށް ގަންބޯޓު ޕޮލިސީގެ ސަބަބުންތޯ ނުވަތަ އެއްބަސްވެވުނު އިންގިލާބެއްގެ ސަބަބުންތޯ ބައްލަވައިލެއްވުމަށްޓަކައި ރައީސް މުޙައްމަދު ނަޝީދުގެ "ދެ ރަދުން" މި ފޮތް ވިދާޅުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިއީ ކިޔައިނުލައި ދޫކޮށްލާ ވަރުގެ ފޮތެއް ނޫނެވެ. ދިވެހި ބަހުން ލިޔެވުނު ހިމާޔަތުގެ ލިޔުމުގެ އަރަބި އަސްލެއް އިނގިރޭސިން ބޭނުން ވެގެން އުޅުނީމާ އެއް އަހަރު ދުވަސް ފާއިތުވެގެން ދިޔައިއިރުވެސް އެ ލިޔުން ނުލިބޭން ދިމާވީ ސަބަބުތައް ވަރަށް ފައްކަލެވެ. ފަނޑިޔާރު "މޮޔަފުޅުވެގެން" ހައްޔަރު ކުރުމާއި ރަދުންނާއި ރަސްކަމުގެ ބޮޑުންނަށް ތާނަ އެނގިވަޑައިނުގަތް ވާހަކައަކީވެސް ކިޔައިލާން ވަރަށް މަޖާ ވާހަކަތަކެކެވެ.

ރައީސް ނަޝީދުގެ މި ފޮތުން ފާހަގަ ކުރެވުނު އެއްކަމެއްގެ ވާހަކަ ދަންނަވައިލާނަމެވެ. އަޅުގަނޑަށް ފެނިފައި ހުރި ދިވެހި ބައެއް ތާރީޚީ ލިޔުމާއި ފޮތްތަކުން ފާހަގަ ކުރެވޭ ކަމެއް އޮވެއެވެ. އެއީ ކޮންމެ ކަމަކީވެސް އެ ލިޔުއްވާ ބޭފުޅަކު އެ ލިޔުއްވާ ގޮތަކަށް ވީ ކަމެއް ކަމަށް ވަރަށް ބޮޑު ޔަގީންކަމަކާއެކު ވިދާޅުވެފައި އޮންނަ އޮތުމެވެ. ރައީސް ނަޝީދު ވަރަށް ގިނަ ތަންތާގައި އެކަށީގެންވާ ހެކި ނެތްކަމަށް ވިދާޅުވެ މިވެނި ވާހަކައެއް މި ލިޔުއްވަނީ އަމިއްލަ ޚިޔާލުފުޅަށޭ ލިޔުއްވައިފައި އެބަހުއްޓެވެ. އަދި ބައެއް ތަންތާގައި "އަދި އެނގެން ނެތް" ނުވަތަ "އަދި ފެނިފައި ނެތް" ފަދަ އިބާރާތްތައް ބޭނުން ކުރައްވާފައި އެބަހުއްޓެވެ. މިއީ އަޅުގަނޑަށް ފާހަގަ ކުރެވުނު ވަރަށް ރަނގަޅު ކަމެކެވެ.

މި ފޮތަކީ ރާއްޖޭގެ ތާރީޚީ މައުލޫމާތު، ތާރީޚުތަކާއެކު ހިމެނޭ ޢިލްމީ ފޮތަކަށް ވާތީ އެ މައުލޫމާތުގެ ތެދުދޮގު ބެލޭނޭ ގޮތެއް ފޮތުންވެސް ފެންނާން ވާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެއެވެ. ފޮތުގައި ރައީސް ނަޝީދު ލިޔުއްވައިފައިވާ ބައެއް މައުލޫމާތުގެ ހަވާލާ ލިޔުމުގެ ތެރޭގައި އެބަހުއްޓެވެ. އެކަމަކު މައުލޫމާތު ނެންގެވި ފަތްފުށްތަކުގެ ލިސްޓެއް ފޮތުގެ ފަހަތުގައި ހިމެނުއްވި ނަމަ ފޮތަށް އިތުރު ފުރިހަމަ ކަމެއް ލިބުނީހެވެ.

235 ޞަފްޙާގެ މި ފޮތް ވަރަށް އަވަހަށް ބާޒާރަށް ނުކުންނާނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ވިއްކަން ހުންނާނޭ ތަނަކާއި އަގެއް އަދި ނޭނގެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.