"ދޯހާގެ މަޝްވަރާތަަކަށް ފަހު އަފްޣާނިސްތާނުގެ މައްސަލަ ހައްލުވެގެންދާނެ"

އަހަރުމެން މިތިބީ ކުރިމަގުގައި ރައްޔިތުން ތަމްސީލުކުރުމުގެ އުއްމީދުގައި: ޠާލިބާން

ޠާލިބާންގެ ތަރުޖަމާނު ސުހައިލް ޝާހީން

އަފްޣާން ސަރުކާރާއި ޠާލިބާން ޖަމާއަތާ ދެެެމެދު ޤަޠަރުގެ ވެރިރަށް ދޯހާގައި އަލުން މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުން ދާއިރު، އެ މަޝްވަަރާތަކަށް ފަހު އަފްޣާނިސްތާނުގައި 19 އަހަރަށް ދިގުލައިގެން ގޮސްފައިވާ ދެބަސްވުމާއި ހަނގުރާމަ ނިމުމަކަށް އަންނާނެކަމަށް ޠާލިބާން ޖަމާއަަތުން ބުނެފިއެވެ.

އަރަބި ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ޠާލިބާން ޖަމާއަތުގެ ސިޔާސީ އޮފީހުގެ ތަރުޖަމާން ސުހައިލް ޝާހީން ވިދާޅުވި ގޮތުގައި އަފްޣާނިސްތާނު ސަރުކާރާއި، ޠާލިބާން ޖަމާއަތުގެ މަންދޫބުންގެ އިތުރަށް އދ. ގެ މަންދޫބުން ބައިވެރިވާ މަޝްވަރާތައް ދޯހާގައި ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. އަދި ސަރުކާރުން ހައްޔަރުކޮށްފައި ތިބި ޠާލިބާން ހަނގުރާމަވެރިން ދޫކޮށްލުމާއެކު، ސަރުކާރާއެކު ސުލްހަވާން ޠާލިބާން އޮތީ ތައްޔާރަށެވެ.

އަފްޣާނިސްތާނު ސަރުކާރަށް ލަފާދޭ ގަބީލާތަކުގެ އިސްވެރިންގެ މަޖިލިސް، ލޯޔާ ޖިރްްގާއިން ފާއިތުވި އާދީއްތަ ދުވަހު ވަނީ ސަރުކާރުން ހައްޔަރުކޮށްފައި ތިބި ޠާލިބާންގެ 400 ހަނގުރާމަވެރިން ދޫކޮށްލުމަށް މަޝްވަަރާދީފައެެެެވެ. ސަރުކާރުން ބުނާގޮތުގައި މި ގައިދީންގެ ތެރޭގައި ހިމެނެނީ މީހުން މެރުމާއި، ތަންތަނަށް ހަމަލާދީ ގެއްލުންދިނުން ފަދަ ބޮޑެތި ކުށްތައް ކޮށްފައިވާ މީހުންނެެެވެ.

ސުހައިލް ޝާހީން ވިދާޅުވި ގޮތުގައި އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ސަރުކާރެއް އަފްޣާނިސްތާނުގައި ގާއިމުވުމަކީ ގައުމުގެ ގިނަ ރައްިޔިތުންގެ އުއްމީދެވެ. އަދި އެ ޖަމާއަތުގެ އުއްމީދަކީ މުސްތަގުބަލުގައި ރައްޔިތުން ތަމްސީލުކުރުމުގެ ފުރުސަތު ލިބުމެވެ.

ހަނގުރާމަވެރި ޖަރީމާތައް ހިންގާފައިވާ ކަމަށް އަފްޣާނިސްތާނު ސަރުކާރުން ބުނަމުން އައި 400 ގައިދީންގެ މައްސަލަ ވެފައި އޮތީ އަފްޣާން ސަރުކާރާ ޠާލިބާނުންނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ފެށުމަށް އޮތް އެންމެ ބޮޑު ހުރަހަށެވެ. އެ ގައިދީން ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވުމާއެކު، އަފްޣާން މައްސަލަ ހައްލުކުރުމަށް މަގުފަހިވެގެން ދާނެކަމަށް ގިނަ ބަޔަކު ދެކެއެވެެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.