އަފްޣާނިސްތާނުގެ ރައީސު އަޝްރަފް ޣަނީ އާދިއްތަ ދުވަހު ހުށަހެޅުއްވި ހަނގުރާމަ ހުއްޓާލައި ސުލްހައިގެ ވާހަކަތައް ދެއްކުމުގެ ހުށަހެޅުން ގަބޫލުކުރުމަށް ޠާލިބާން ޖަމާއަތުން ދެކޮޅު ހަދައިފިއެވެ. އެ ޖަމާއަތުގެ ކޮމާންޑަރުން ހަނގުރާމަ ކުރިއަށް ގެންދާނެކަމަށް ބުނިއިރު، ހަނގުރާމަވެރިން ވަނީ އީދު ޗުއްޓީ ހޭދަކުރަން ދިޔަ މީހުންނާއިގެން ދަތުރުކުރި 3 ބަހެއް ހުއްޓުވައި އެ ބަސްތަކުން ދަތުރުކުރި 170 މީހުން ރަހީނުކޮށްފައެވެ.
އާދީއްތަ ދުވަހު ރައީސު އަޝްރަފު ޣަނީ ހުށަހެޅުއްވީ އީދު ބަންދުން ފެށިގެން 3 މަސްދުވަހަށް ހަނގުރާމަ ހުއްޓާލުމަށެވެ.
މިފަހަރާ ޚިލާފަށް ފާއިތުވި ފިޠުރު އީދާ ދިމާކޮށް އަފްޣާނިސްތާނު ސަރުކާރުން ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅުމުން ޠާލިބާނުން އެކަން ގަބޫލުކުރިއެވެ. އަދި ފަހަރު މިފަހަކަށް އައިސް އަފްޣާނިސްތާނުން ނުފެންނަ ފަދަ އުފާވެރި މަންޒަރުތައް ވަނީ ފެނިގެން ގޮސްފައެވެ. ޠާލިބާނުން ރަށްތަކުގައި އާންމުންނާ އެކު އީދު ނަމާދުކޮށް އީދުގެ ސަލާން ކުރި މަންޒަރު އެފަހަރު ފެނިގެން ގޮސްފައި ވެއެވެ.
އެެހެންނަމަވެސް، މިފަހަރުގެ ހުށަހެޅުން ގަބޫލުުކުރުމަށް ދެކޮޅުހަދަމުން ޠާލިބާން ކޮމާންޑަރަކު ބުނީ ކުރީ ފަހަރު ހަނގުރާމަ ހުއްޓާލަން އެެއްބަސްވުމުން އެކަމުގެ ފައިދާ ލިބުނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންނަށެވެ. އެމެރިކާ ސިފައިން އެގައުމުން ބާލަން ޠާލިބާނުން ހަނގުރާމަކުރަމުން ދާއިރު އެއީ ގަބޫލުކުރެވޭނޭ ކަމެއް ނޫނެވެ. ސަރުކާރުގެ ހުށަހެޅުމާ ދެކޮޅު ހަަދަމުން ޠާލިބާން ކޮމާންޑަރު ޝައިޚް ހައިބަތުﷲ އަޚުންޒާދާ ބުނީ މިފަހަރުވެސް އެމެރިކާ ސިފައިންނަށް އެހީވާން ބޭނުންނުވާތީ ސުލްހައިގެ ހުށަހެޅުން ގަބޫލުނުކުރީ ކަމުގައެވެ.
ދާދި ފަހުން ޠާލިބާން ހަނގުރާމަވެރިން ވަނީ އާ ހަމަލާތަކެއް ފަށާފައެވެ. އޭގެ ތެރެއިން ޣަޒްނީއަށް ދިން ވަރަގަދަ ހަމަލާ ފާހަގަކޮށްލެވެއެވެ.
ކުންދޫޒް ޕްރޮވިންސްގެ ގަަވަރުނަރުގެ ތަރުޖަމާނު އިސްމަތުﷲ މުރާދީ ބުނި ގޮތުގައި ޠާލިބާނުން ރަހީނުކުރި ބަސްތައް ދަތުރުކުރަމުން ދިޔައީ ކުންދޫޒުން ތަޚާރު ޕްރޮވިންސަށެވެ.
"ޠާލިބާން ހަނގުރާމަވެރިން ވަނީ ބާރުގެ ބޭނުންކޮށްގެން ބަސްތައް ހުއްޓުވައި، ދަތުރުކުރި އެންމެން ގަަދަކަމުން ބަސްތަކުން ބާލައި، ނޭނގޭ ތަނަކަށް އެންމެން ގެންގޮސްފައި." އޭނާ ބުންޏެވެ.
ސަރުކާރުން ދަނީ ބަސްތަކުން ދަތުރުކުރި އާއްމުންނާއި، ސިފައިންގެ މީހުން ވީތަނެއް ހޯދައި އެމީހުން ސަލާމަތްކުރުމުގެ މަސަައްކަތްކުރަމުންނެވެ.
"ފުރާ މީހުން އަރުވައިގެން ދަތުރުކުރި ތިން ބަސް" ހިފެހެއްޓިކަން ޠާލިބާނުން ވަނީ ކަށަވަރުކޮށްދީފައެވެ. "އަހަރުމެންނަށް ލިބުނު ޖާސޫސީ މައުލޫމާތުން އެނގުނު ގޮތުގައި، އަފްޣާނިސްތާނު ސަރުކާރުގެ ސިފައިންގެ ގޮތުގައި މަސައްކަތްކުރާ އެތައް ބަޔަކު އެބަސްތަކުން ދަތުރުކުރަމުން ދިޔަ. އަހަރުމެން މިދަނީ އެމީހުން ދެނެގަތުމުގެ މަަސައްކަތްކުރަމުން." ޠާލިބާންގެ ތަރުޖަމާނު ޒަބީޙުﷲ މުޖާހިދު ފޯނުން ވާހަކަދައްކަމުން ބުންޏެވެ. އޭނާ ބުނީ ސިފައިން ވަކިކުރުމަށް ފަހު އާއްމުން ދޫކޮށްލާނެ ކަމުގައެވެ.
އެންމެ ފަހުން ލިބުނު ޚަބަރުތައް ބުނާ ގޮތުގައި ޠާލިިބާނުން މިހާރު ވަނީ 149 މީހުން ދޫކޮށްލާފައެވެ. 21 މީހުން އަދިވެސްވީ ހިފަހައްޓާފައެވެ. ލަފާކުރެވޭ ގޮތުގައި އެ 21 މީހުންނަކީ އަފްޣާން ސިފައިގެން މީހުން ކަމަށްވާތީ ޠާލިބާނުން ދޫނުކުރި މީހުންނެވެ.