ކޮވިޑް- 19: ނިއުޒީލޭންޑުގެ އެންމެ ބޮޑު ރަށް ލޮކްޑައުންކޮށްފި

ނިއުޒީލޭންޑުގެ އެންމެ ބޮޑުރަށް އޯކްލޭންޑް އެ ގައުމުން ލޮކްޑައުންކޮށްފިއެެވެ. މި ފިޔަވަޅު އެޅީ ނިއުޒީންޑުގައި އެކެއްގެ ގައިން އަނެއްގެ ގަޔަށް ކޮރޯނާވައިރަސް ނާރާތާ 102 ދުވަސްފަހުން އޯކްލޭންޑުން 4 މީހަކު ވައިރަކަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ބޮޑުވަޒީރު ޖެސިންޑާ އާޑާން ވިދާޅުވީ "އިސްވެއަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން" ބުދަ ދުވަހުގެ މެންދުރު 12 (ރާއްޖޭ ގަޑިން ބުދަ ދުވަހު ފަތިހު 5) އިން ފެށިގެން 3 ވަނަ ދަރަޖައިގެ ފިޔަވަޅުތަކެއް އޯކްލޭންޑުގައި އަޅާނެކަމަށެވެ. އޭގެ މާނައަކީ އޮފީސްތަކަށާއި ސްކޫލްތަކަށް މީހުން ދިއުން މަނާކުރުމުގެ އިތުރަށް 10 މީހުންނަށްވުރެ ގިނަ މީހުން އެއްތަނަކަށް އެއްވުން މަނާކުރުމެވެ.

މި ލޮކްޑައުން ތިން ދުވަހަށް ދެމިގެން ދާނެއެވެ.

ޑިރެކްޓަރ ޖެެނެރަލް އޮފް ހެލްތު އޭޝްލީ ބުލޫމްފީލްޑް ވިދާޅުވިގޮތުގައި ޕޮޒިވިޓްވި 4 މީހުންނަކީވެސް އެއް އާއިލާއެއްގެ މީހުންނެވެ. އެކަކީ އުމުރުން 50 އަށްވުރެ މަތި މީހެކެވެ. އެމީހުން ގައުމުން ބޭރަށް ދަތުރުކުރި ކަމުގެ ތާރީޚެއް ނެތެވެ. އެ އާއިލާގެ މެންބަރުންގެ ޓެސްޓްތައް ވަނީ ޕޮޒިޓިވް ވެެފައެވެ. މިހާރު ކޮންޓެކްޓް ޓްރޭސިންގ ދަނީ ހަދަމުންނެވެ.

"އަހަރުމެން ތިބީ މިފަދަ ކަމަކަށް ތައްޔާރުވެގެން." ކުއްލި ގޮތަކަށް ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޑާން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި އިތުރަށް ސަމާލުވާން ޖެހެނީ ވައިރަސް އައީ ކޮން ތާކުންކަން ނޭނގޭތީއެވެ.

"އަހަރުމެން 102 ދުވަސް ހޭދަކޮށްފީމު. އަހަރުމެން މިތިބީ ޖަންގަލީން ބޭރުވެފައިކަން އިހުސާސުވުމަކީ ފަސޭހަ ކަމެއް. ވައިރަސް އަލުން ނުފެނި އަހަރުމެން މިދިޔަ ހިސާބަށް އެއްވެސް ގައުމަކަށް ދެވިފައި ނުވޭ. މި ހިސާބަށް އައީ އަހަރުމެން އެކަނި ކަމަށް ވާތީ އަހަރުމެންނަށް ޖެހުނީ ޕްލޭންތައް ހަދައިގެން ތިބެން. އަދި އަހަރުމެން ތިބީ އެ ޕްލޭންތައް ހަދައިގެން." އާޑާން ވިދާޅުވިއެވެ.

އޯކްލޭންޑްގައި ދިރިއުޅޭ މީހުން ނޫން އެހެން މީހުން އެރަށް ދަތުރުކުރުން ލޮކްޑައުންގެ ދުވަސްތަކުގައި މަނާ ވާނެއެވެ.

އޯކްލޭންޑު ނޫން އެެހެން ރަށްރަށުގައި ދެވަނަ ދަރަޖައިގެ ފިޔަވަޅުތައް އަޅާނެއެވެ. އޭގެ މާނަައަަކީ ސޯޝަލްް ޑިސްޓޭންސިންގްގެ އުސޫލުތަކަށް އަލުން އަމަލުކުރަން ފެށުމެވެ.

ނޮވެލް ކޮރޯނާވައިރަސްއަށް ގައުމުގެ ތެރޭން އާ މީހަކު ޕޮޒިޓިވް ނުވާތާ 100 ދުވަސްވުން ނިއުޒީލޭންޑުން ފާހަގަކުރީ އާދީއްތަ ދުވަހުއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.