ދުނިޔޭގެ މަދު ގައުމެއް ފިޔަވައި، ހުރިހާ ތަނެއްގައި އަދިވެސް ފެތުރެމުންދާ ކޮވިޑް- 19 ބަލިމަޑުކަން ފަތުރާ ވައިރަސް، ނޮވެލް ކޮރޯނާ ވައިރަސް އިން މުޅިން ސަލާމަތްވެފައިވާކަން ނިއުޒީލޭންޑުން އިއުލާންކޮށްށްފިއެވެ.
ނިއުޒީލޭންޑު ސިއްހީ ދާއިރާއިން މިއަދު އިއުލާންކުރި ގޮތުގައި އެ ގައުމުގައި ކޮވިޑް- 19 އަށް އެންމެ ފަހުން ފަރުވާ ހޯދަމުން ދިޔަ މީހާގެ ބަލި ރަނގަޅު އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ. އެއީ އޯކްލޭންޑުގައި ދިރިއުޅޭ އުމުރުން 50 އަހަރުވެފައިވާ އަންހެނެކެވެ.
ކޮވިޑް- 19 ގެ އެންމެ ފަހު ބަލިމީހާއަށް ފަރުވާ ލިބި ރަނގަޅުވެފައިވާއިރު، ފާއިތުވި 17 ދުވަހު އެގައުމުގައި ކޮވިޑް- 19 އަށް މީހަކު ޕޮޒިޓިވްވެފައި ނުވެއެވެ.
"މިއީ މިކަމާ ގުޅުންހުރި މީހާއަށް ހަގީގަތުގައިވެސް ވަރަށް ރަނގަޅު ޚަބަރެއް. އަދި ނިއުޒީލޭންޑުގެ އެހެން އެންމެންގެ ހިތްތަަކަށް ހަމަޖެހުން ގެނެސްދޭނެ ޚަބަރެއް." އެންމެ ފަހު ބަލިމީހާ ރަނގަޅުވިކަން ހާމަކުރައްވަމުން ނިއުޒީލޭންޑުގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު އޭޝްލީ ބްލޫމްފީލްޑް ވިދާޅުވިއެވެ.
"ބައްޔަށް ފަރުވާ ހޯދާ މީހަކު ފެބްރުވަރީ 28 ގެ ފަހުން ފުރަތަމަ ފަހަރަށް ނެތުމަކީ އަހަރުމެން މި ކުރި ދަތުރުގައި މުހިއްމު ކަމެއް. އެެެހެނަސް، އަހަރުމެން ކުރިން ބުނި ފަދައިން، ކޮވިޑް- 19 އާ ދެކޮޅަށް ފާރަލައި ހޭަލާ ތިބުމަކީ ކޮންމެހެން ބޭނުން ކަމެއް." އޭނާ ވިދާޅުވިއެވެ.
ނިއުޒީލޭންޑުން ކޮވިޑް- 19 އަށް ޕޮޒިޓިވް މީހަކު ފުރަތަމަ ފެނިފައި ވަނީ ފެބްރުވަރީ މަހުގެ 28 ވަަނަ ދުވަހުއެވެ. އޭގެ ފަހުން އެ ބަލި އެ ގައުމުގައި ނެތްކަން އިއުލާންކުރުމާ ހަމައަށް 1504 މީހުން ބައްޔަށް ޕޮޒިޓިވްވެ 22 މީހަކު މަރުވެފައި ވެއެވެ.
ބަލި ޖެހިފައިވާ މީހަކު ނެތެމާއެކު އެ ގައުމުން މިހާރުވަނީ އެލާޓް ލެވެލް އެކެއްގެ ހާލަތަށް ބަދަލުވުމަށް ނިންމާފައެވެ. މި ހާލަތުގައި ސޯޝަލް ޑިސްޓޭންސިންގް މަޖުބޫރު ނުކުރިޔަސް، އެކަމަށް ސަމާލުކަން ދިނުމަކީ އެދެވިގެންވާ ކަމެކެވެ.
މިއަދު މެންދުރު ފަހު 3 ޖަހާއިރު (ރާއްޖޭ ގަޑިން ހެނދުނު 8 ޖަހާއިރު) ބޮޑުވަޒީރު ޖެސިންޑާ އާޑާންއާއި ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ގައުމާ މުޚާޠަބުކުރައްވާނެއެވެ.
ނިއުޒީލޭންޑުގައި ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު އެ ގަައުމު ލޮކްޑައުންގެ ހާލަތަށް ގެނެސް އެޅި ފިޔަވަޅުތަކަކީ ދުނިޔޭގައި އެެޅި އެންމެ ހަރުކަށި މިފަދަ ފިޔަވަޅުތަކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ގައުމު މިވަނީ އެ ވައިރަސްގެ މައްޗަށް ކާމިޔާބު ހޯދާފައެވެ.