ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނަށް ބޭރުގެ މާހިރަކު އައްޔަނުކުރެވޭނީ އަންނަމަހުކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށްފައި ވަނީ އެކޮމިޝަނުން ނެރުނު ބަޔާނެއްގައެވެ. ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބަދުﷲ ގެ މައްސަލަ ތަހުގީގުކުރާ ކޮމެޓީގައި ބޭރުގެ އިންވެސްޓިގޭޓަރަކު ހިމަނުއްވާން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއި ގުޅިގެން، ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ތެރޭގައި އެފަދަ މާހިރެއް އައްޔަނުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ގުޅިގެން އެކޮމިޝަނުން ކުރައްވަމުމުންދާ ކަމަށް ބަޔާނުގައި ވިދާޅުވިއެވެ.
އެކޮމިޝަނަށް ބޭރުގެ މާހިރަކު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ މިދިޔަ ޖުލައި މަހުގެ ދެ ވަނަ ދުވަހު ރިޟްވާނާއި މަރާލާފައިވާ ބްލޮގާ ޔާމީން ރަޝީދުގެ އާއިލާއާ ބައްދަލުކުރެއްވުމަށްފަހުގައި ކަމަށް އެކޮމިޝަނުގެ ބަޔާނުގައި ވެއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވައިލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ބަޔާނުގައި ވަނީ ނޫސްވެރިޔާ ރިޟްވާން ޢަބްދުﷲ ވީނުވީ ގޮތެއްނޭނގި ގެއްލުވާލިތާ މިއަދު ހައަހަރު ފުރޭއިރު، އޭނާގެ އާއިލާއަށް އިންސާފު ނުލިބި އޮތުމަކީ އެއާއިލާއަށް ލިބިފައިވާ ބޮޑު ހިތާމައެއްކަމަށެވެ. އަދި އެކަން ފާހަގަކޮށް އެހިތާމައިގައި އެކޮމިޝަނުން ބައިވެރިވާކަމަށެވެ. ރިޟްވާންގެ އާއިލާއާއި ގޮތްނޭނގޭމަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައި ދިނުމަށް އެކޮމިޝަނުން ފަށައިފައިވާ ބުރަމަސައްކަތް އެއް ޢަޒުމެއްގައި ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ވެސް ވަނީ ދެއްވައިފައެވެ.
ރިޟްވާން ޢަބްދުﷲ ގެ މައްސަލާގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށްބަލާއިރު، އޭނާ ގެއްލުވައިލުމާ ގުޅޭ އިތުރު މައުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއްކަމަށް ޤަބޫލުކުރެވޭ ކަމަށް ކޮމިޝަންގެ ބަޔާނުގައި ވެއެވެ. އެހެންކަމުން އެފަދަ މައުލޫމާތު އެކޮމިޝަނާ ޙިއްސާ ކުރުމުގެ ފުރުސަތު އަދިވެސް އޮތްކަމަށް ވިދާޅުވިއެވެ. އަދި، އެފަދަ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވައިފައެވެ.