ރިޟްވާން ވައިގެ ތެރެއަށް އަރައިގެން ހިނގައިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބަންޑާރަ ނާއިބު ވިދާޅުވެއްޖެ

ދިވެހިރާއްޖެއަކީ ކުޑަ ގައުމެއް ކަމަށާއި، މިފަދަ ތަނެއްގައި މީހަކު ކުއްލިއަކަށް ވައިގެ ތެރެއަށް އަރައިގެން ހިނގައިދާނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު މުޙައްމަދު އަނިލް ވިދާޅު ވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އާދީއްތަ ވިލޭރޭ، ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ފޮތްބައި އިފްތިތާހު ކުރާށާއި ނޭޝަނަލް ހިއުމަން ރައިޓްސް ފްރޭމްވަރކް ނެރެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބަންޑާރަ ނާއިބު ވިދާޅުވި ގޮތުގައި ރިޟުވާނަށް ވީ ގޮތެއް އެނގޭ ބަޔަކު ރާއްޖޭގައި އުޅޭނެއެވެ. އޭނާ ގެއްލުނު މައްސަލަ ފުލުހުންނަށް ހުށަހެޅުވީ ތަންކޮޅެއް ލަހުން ކަމަށް ވާތީ، ތަހުގީގަށް ހުރަސްތަކެއް އެޅުނު ކަމަށާއި، އޭނާއަށް ވީ ގޮތެއް ކުޑަކޮށްވެސް އެނގޭ އެއްވެސް މީހަކު ރާއްޖޭގެ އެއްވެސް ތަނެއްގައި އުޅޭ ނަމަ، ވީހައި އަވަހަކަށް ފުލުހުންނަށް މައުލޫމާތު ދިނުން އެދިވަޑައިގަންނަވާ ކަމަށް ވެސް އަނިލް ވިދާޅުވިއެވެ.

ރިޟްވާން ގެއްލުނުތާ މިއަދަށް ދެ އަހަރާއި، ހަތަރު މަހާއި، ތިން ދުވަސް ވީއެވެ. އެ މައްސަލައިގައި އެކި ފަހަރު އެކި ގޮތަށް ސިޔާސީ މަސްރަހުގައި ތުހުމަތުގެ ވާހަކަތައް ދެކެވިފައި ވެއެވެ. އެއީ އެމްޑީޕީން ކުރި ކަމެއް ކަމަށާއި، ރައީސް ޔާމީންގެ ގާތް ބޭފުޅެއް ކަމަށްވާ އަޙްމަދު ނާޒިމް ކުރެއްވި ކަމެއް ކަމަށާއި، ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ކުރެއްވި ކަމެއް ކަމަށްވެސް ވާހަކަ ފެތުރިއެވެ. އަދި އެއީ ފުލުހުން ކުރި ކަމެއް ކަމަށްވެސް ސަރުކާރަށް ތާއީދު ނުކުރާ މީސްމީހުން ބުނަމުން ދިޔައެވެ. އަދި އޭނާ ސޫރިޔާއަށް ހަނގުރާމައަށް ގޮސް، އެ ތާނގައި މަރުވެފައިވާ ކަމަށްވެސް އެއް ދުވަސްވަރަކު ކިޔަމުން ދިޔައެވެ.

މިހައި ދުވަސް ވީއިރުވެސް ރިޟްވާނަށް ވީ ގޮތެއް އެނގިފައެއް ނުވެއެވެ.

ރިޟްވާން އެންމެ ފަހުން ފެނިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭ މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ގިމަތައިގެ ތެރެއިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.