މަސައްކަތް މިކުރަނީ އިތުބާރުކުރެވޭ ބޭރުގެ އިންވެސްޓިގޭޓަރެއް ތަހުގީގު ޓީމުގައި ހިމެނުމަށް: ރައީސް

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދް ރިޟްވާންގެ މައްސަލަ ތަހުގީގުކުރާ ކޮމެޓީގައި ބޭރުގެ އިންވެސްޓިގޭޓަރަކު ހިމަނުއްވާން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމުހޫރިއްޔާގެ އަތްޕުޅުން ލިޔުއްވައި ޓުވިޓަރގައި މިއަދު އާއްމުކުރެއްވި މެސެޖްގައި ރައީސް ވިދާޅުވީ މިގޮތަށް ނިންމެވީ އާއިލާގެ އެދުމުގެ މަތިން ވެސް ކަމަށެވެ. 

"އާއިލާގެ އެދުމާ އެއްގޮތަށް މިވަތުތު މަސައްކަތްކުރަމުން މިދަނީ އިތުބާރުކުރެވޭ، ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރެއް ތަހްގީގު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް." ރައީސް ވިދާޅުވިއެވެ.

އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމެއް ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދުވެސް ރައީސް ތަކުރާރުކުރެއްވިއެވެ.

"ހުރަސްތަކާ ދަތިތަކާއެކުވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއެކު ކުރެވެންހުރި ހުރިހާ ކަމެއް ހުއްޓާނުލައި މި ސަރުކާރުން ކުރިއަށް ގެންދާނެ." ރައީސް ވިދާޅުވިއެވެ.

މިއަދަށް މިއީ ރިޟްވާން ގެއްލުވާލިތާ ހަ އަހަރު ފުރުނު ދުވަހެވެ. ރިޟްވާން ގެއްލުވާލާފައިވަނީ 2014ވަނަ އަހަރުގެ އޯގަސްޓު މަހުގެ އަށްވަނަ ދުވަހުއެވެ. ރިޟްވާންގެ އާއިލާއަށް އިންސާފު ހޯދައިދިނުމަނީ މިސަރުކާރުގެ ވައުދެކެވެ. ވައުދު ފުއްދެވުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާގެ މަގާމާ ހަވާލުވެ ވަޑައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަހުގީގުކުރުމަށް ކޮމިޝަނެއް އުފައްދަވާފައެވެ. މި ކޮމިޝަނުން ކުރި ތަހުގީގުން ރިޟްވާން މަރާލާފައިވާ ކަަން އެނގިފައިވާ ކަަމަށް ކޮމިޝަންގެ އޭރުގެ ރައީސް އަލްއުސްތާޒް ހުސްނުއްސުޢޫދު ވަނީ ވިދާޅުވެފައެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.