ޙައްޤުތަކާއި މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަކީ ދައުލަތުގެ ތިންބާރުން ހެޔޮއެދިގެން ކުރަން ޖެހޭ ކަމެއް: ބަންޑާރަ ނާއިބް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޙައްޤުތަކާއި މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަކީ ދައުލަތުގެ ތިންބާރުން ހެޔޮއެދިގެން ކުރަންޖެހޭ ކަމެއްކަމަށް ދަލަތުގެ ބަންޑާރަނާއިބް އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނާއިބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޙައްޤުތަކާއި މިނިވަންކަން ހޯދުމަކީ ނޭވާލާ ބީދައިން ކުރަންޖެހޭ ކަމެއްް ކަމަށެވެ. "ހައްޤުތަކާއި މިނިވަންކަން ނަގަހައްޓައި، ދެމެހެއްޓުމަކީ އެއިރަކު އޮންނަ ވެރިކަން ހިންގާ ބާރާއި ޤާނޫނުހަދާ ބާރާއި ޢަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުގެ ހެޔޮކަމުން ކުރާ ކަމަކަށްވުރެ، ހެޔޮއެދިގެން ކުރަންޖެހޭ ކަމެއް." ބަންޑާރަނާއިބް ރިފްޢަތު ވިދާޅުވިއެވެ.

ބަންޑާރަ ނާއިބް އިބްރާހީމް ރިފްޢަތަކީ ފެހިޤާނޫނޫއަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދިޔަ  ޑްރާފްޓިން ކޮމެޓީގައި ވެސް ހިމެނި ވަޑައިގެންނެވި ބޭފުޅެވެ. ބަންޑާރަ ނާއިބްގެ ޓްވީޓްގައި، އެމަނިކުފާނުގެ އިތުރުން މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ޙުޞައިން ޝަމީމާއި ސްޕްރީމް ކޯޓްގެ ފަނޑިޔާރު ޙުސްނުއްސުޢޫދު، ފެހި ޤާނޫނުއަސާސީގެ ބޮޑު ކޮޕީއެއް ހިއްޕަވައުގެން ހުންނެވި ފޮޓޯއެއްވެސް ހިމަނުއްވައިފައިއެވެ.

މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީއަށް މިއަދު ވަނީ 12 އަހަރު ފުރިފައެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީ ތަސްދީޤް ކުރެއްވީ 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހު  އޭރުގެ ރައީސް މައުމޫނު ޢަބަދުލް ޤައްޔޫމް އެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީ އަކީ ދައުލަތުގެ ތިންބާރު ފުރަތަމަ ފަހަރަށް ވަކިކޮށް ބަޔާންކުރި ޤާނޫނު އަސާސީއެވެ. އަދި ވަކި ބާބެއްްގެ ގޮތުންގައި ޙައްޤުތަކެއް ކަނޑައަޅައި ދިން ޤާނޫނު އަސާސީއެވެ. ލާމަރުކަޒީ ނިޒާމާއި މިނިވަން މުއައްސަސާތައްވެސް ތަޢާރަފުކުރި ޤާނޫނުއަސާސީއެވެ. ފެހި ޤާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.