ދައުލަތުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރާނެ: ބަންޑާރަނައިބް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރާނެކަމަށް ދައުލަތުގެ ބަންޑާރަނައިބް އިބްރާހީމް ރިފްޢަތު  ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނާއިބް މިހެން ވިދާޅުފެވައި ވަނީ ވަކި ޢިމާރާތެއް ކަރަންޓީނު މަރުކަޒެއްގެ ގޮތުގައި ހެދުމުގެ ބާރު، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ވަޒީރަށް ދީފައިވާކަން ފާހަގަ ކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ. އެޤާނޫނުގެ 37 ވަނަ މާއްދާއިން ވަޒީރަށް އެބާރު ލިބިދެނީ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިގެން ދިއުމުގެ ނުރައްކާ ކުރިމަތިވުމުންނާއި މީހުން އެކަހެރި ނުވަތަ ކަރަންޓީނުކުރުމަށް އެތަނެއް ކޮންމެހެންވެސް ބޭނުންނަމައެވެ. ބަންޑަރަ ނާއިބްގެ ޓްވީޓްގައި ޤާނޫނުގައި މިކަން ބަޔާންކުރާމާއްދާތައް ފާހަގަކޮށް ވަނީ ހިމަނުއްވައިފައެވެ.

"ވަޒީރުގެ ނިންމުން ޤަބޫލުނުކުރެވޭނަމަ ޢިމާރާތެއް ޙަވާލުކުރަން ކޯޓަށް ޢަމުރުކުރެވޭ. ޢިމާރާތެއް އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ނުހިފެހެއްޓޭ. ޢިމާރާތް ބޭނުންކުރާ މުއްދަތަށް ބަލައި،އެފަދަ ތަނެއް ޢާންމުކޮށް ކުއްޔަށްދޭ އަގަށް ބަލައި، ވެރިފަރާތަށް ފައިސާ ލިބިދިނުން ޤާނޫނުން ލާޒިމުކުރޭ." ޤާނޫނާ ޙަވާލާ ދެއްވައި ބަންޑާރަ ނާއިބްވިދާޅުވެފައި ވެއެވެ.

ވަކި ޢިމާރާތެއް ކޮންމެހެން ބޭނުންވެގެން ޤާނޫނުގައިވާ ގޮތަށް ވަކި މުއްދަތަކަށް،ފައިސާ ދައްކާ ގޮތަށް،ޢާންމު މަންފާއަކަށް ޢިމާރާތެއް ޙަވާލުކުރުމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް ނޫން ކަން ބަންޑާރަ ނާއިބް ފާހަގަ ކުރައްވައިފައިވެއެވެ. ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއަކީ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙަޤު ބަޔާންކުރާ މާއްދާއެވެ. މިމާއްދާ އަށް އިޝާރާތްކުރައްވައި ބަންޑާރަނާއިބް ވަނީ ދައުލަތުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.