ސްރީލަންކާގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގެ ވޯޓު ގުނަން ފަށައިފިއެވެ. މިހާތަނަށް (މެންދުރު 2:30 ވީއިރު) ގުނިފައިވަނީ 4 ވަރަކަށް ލައްކަ ވޯޓު ނަމަވެސް، ގުނުނު ވޯޓުގެ ނަތީޖާ ދައްކާގޮތުން، ރައީސު ގޮތާބޭ ރާޖަޕަކްސާގެ ޕާޓީ ސްރީލަންކާ ޕޮދުޖަނަ ޕެރަމޫނާ (އެސްއެލްޕީޕީ) އިން ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާނެކަމަށް ބެލެއެވެ. އެ ޕާޓީން ވަނީ ގުނުނު ވޯޓުގެ %58 ކާމިޔާބުކޮށްފައެވެ. އެޕާޓީއާ އެންމެ ގާތުން ވާދަކުރާ ސަމާގީ ޖަނަ ބަލަވެގަޔާ (އެސްޖޭބީ) އަށް ލިބިފައި ވަނީ ވޯޓުގެ %17.5 އެވެ.
އެސްޖޭބީއަކީ ކުރީގެ ބޮޑުވަޒީރު ރަނިލްވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގައި އިސްކޮށް ހަރަކާތްތެރި ބައެއް ބޭފުޅުން އުފެއްދި ޕާޓީއެކެވެ. އެ ޕާޓީގެ ބާނީ އަދި ލީޑަރަކީ ޔުއެންޕީގެ ފަރާތުން ފާއިތުވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ސަޖިތު ޕްރެމަދާސާއެވެ.
ރައީސު ރާޖަޕަކްސާ އުއްމީދުކުރައްވަނީ ގާނޫނުހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯއްދެވުމަށެވެ. ދާދިފަހުން އޭނާ ވިދާޅުވެފައިވަނީ ވޯޓުގެ ނަތީޖާއިން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބިވަޑައިނުގަތަސް، އެވަރުގެ އަޣުލަބިއްޔަތެއް ހަމަކުރައްވާނެ ކަމަށެވެ.
ސްރީލަންކާގެ އިންތިޚާބީ ނިޒާމަކީ ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން (ވޯޓުލިބޭ ނިސްބަތުން ގޮނޑި ލިބޭ) ނިޒާމެކެވެ. އެހެންކަމުން އާއްމު ވޯޓުން އެންމެ ގިނަ ވޯޓު ހޯދާ ޕާޓީއަށް އެންމެ ގިނަ ގޮނޑި ލިބޭނެއެވެ.
އިއްޔެ ސްރީލަންކާގައި ބޭއްވުނު އާއްމު އިންތިޚާބަކީ ކޮވިޑް- 19 ފެތުރެން ފެށި ފަހުން ދެކުނު އޭޝިޔާގެ ގައުމެއްގައި ބާއްވާ ފުރަތަމަ އާއްމު އިންތިޚާބެވެ. އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 16 މިލިއަނަށްވުރެ ގިނަ މީހުންގެ ތެރެއިން %71 ވަނީ ވޯޓުލާފައެވެ.
.