ލެބެނާނު (ލުބްނާން) ގެ ވެރިރަށް ބޭރޫތުގެ ބަނދަރު ސަރަހައްދުގައި ރޭ އިރާކޮޅު ގޮވި އާދަޔާ ޚިލާފަށް ބާރުގަދަ ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 78 އަކަށް އަރައިފިއެވެ. މިކަން ހާމަކުރައްވަމުން ލެބެނާނުގެ ހެލްތު މިނިސްޓަރު މުޙައްމަދު ޙަސަން ވިދާޅުވި ގޮތުގައި ޒަޚަމްވި މީހުންގެ އަދަދު 3700 އަށް އަރައެވެ.
ގޮވުމުގެ ހާދިސާ ހިނގި ސަރަހައްދުން ފެށިގެން 7 ކިލޯމީޓަރުގެ ސަރަހައްދެއްގައި ހުރި އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ބަނދަރުކޮށްފައޮތް އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންގެ މަނަވަރެއް ވަނީ ހަލާކުވެފައެވެ. އެ މަނަވަރުގައި ތިބި ސިފައިންގެ ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.
މި ގޮވުމުގެ ބާރުގަދަ މިންވަރު ހާމަކުރަމުން ޖޯޑަން (އުރްދުން) ގެ އާތުކުއޭކް އޮބްޒަވޭޓަރީން ބުނި ގޮތުގައި އެ ގޮވުމުގެ ބާރުމިން 4.5 މެގްނިޓިއުޑްގެ ބިންހެލުމަކާ އެއްވަރެވެ.
"ޖޯޑަންގެ ބިންހެލުން ބަލާ ސްޓޭޝަންތައް ވަނީ (އިއްޔެ އިރުއޮއްސި) 6:08 (ރާއްޖޭ ގަޑިން ރޭ 8:08) ވީއިރު އެ ގޮވުން ރެކޯޑްކޮށްފައި. އެ ގޮވުން ރިޚްޓަރ މިންގަނޑުން 4.5 ގެ ބިންހެލުމަކާ އެއްވަރު." އާތުކުއޭކް އޮބްޒަވޭޓަރީ ރައީސު މަޙްމޫދު އަލްޤަރްޔޫތީ ވިދާޅުވިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ސެކިއުރިޓީ ޢައްބާސް އިބްރާހީމް ވިދާޅުވި ގޮތުގައި ގޮވާފައި ވަނީ މީގެ 6 އަހަރު ކުރިން ބޯޓަކުން އަތުލައިގެން ގުދަންކޮށްފައި ހުރި 2750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓެވެ. އަނެއްކޮޅުން ބޮޑުވަޒީރު ޙައްސާން ދިޔާބު ވިދާޅުވީ އެމޯނިއަމް ނައިޓްރޭޓް ފަދަ ނުރައްކާތެރި ކެމިކަލެއްގެ އެހާ ބޮޑު ސްޓޮކެއް ރައްކާތެރި ކަމުގެ ފިޔަވަޅެއް ނާޅައި 6 އަހަރު ދުވަހަށް ބަހައްޓާއި ހުރުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫނެވެ. އަދި މިކަމަށް ޒިންމާވާ ބަޔަކު ހޯދައި އަދަބު ދިނުމަކީ ގައުމީ ވާޖިބެކެވެ.
މި ގޮވުމުގެ މައްސަލައިގައި މަޝްވަރާކުރުމަށް ރައީސު މިޝޭލް ޢައުން ވަނީ ހައި ޑިފެންސް ކައުންސިލްގެ ކުއްލި ޖަލްސާއެއް ބާއްވަވާފައެވެ. މިޖަލްސާގައި ބޭރޫތަކީ "ކާރިސާގެ ހާލަތުގައިވާ" ރަށެއް ކަމުގައި ކަނޑައަޅައި، ދެ ހަފުތާގެ މުއްދަތަށް ކުއްލި ހާލަތު އިއުލާންކޮށް، ސަލާމަތީކަން ކަންކަން ބެލެހެއްޓުން ސިފައިންނާ ހަވާލުކުރުން ހިމެނެއެވެ. އަދި ގޮވުން ތަހުގީގުކުރަން ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް ނިންމާފައި ވެއެވެ. އަދި 3 ދުވަހަށް ގައުމީ ހިތާމަ ވަނީ އިއުލާންކޮށްފައެވެ.