ބޭރޫތުގައި ބާރުގަދަ ގޮވުމެއް ގޮވުމުގެ ސަބަބުން 10 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެއްޖެ

ގޮވި ސަރަހައްދުގެ ގިނަ އިމާރާތްތަކެއް ހަލާކުވެފައި | މިއީ ކާރިސާއެއް ކުރިމަތިވެފައިވާ ރަށެއް: ބޭރޫތުގެ ގަވަރުނަރު

ބޭރޫތުގައި މިއަދު ގޮވި ގޮވުމުން ޖައްވުގެ ތެރެއަށް އަރާފައިވާ ދުންގަނޑު

ލެބެނާން (ލުބްނާން) ގެ ވެރިރަށް ބޭރޫތުގައި ބާރުގަދަ ގޮވުމެއް ގޮަވައި، މުޅި ބޭރޫތަށް ގުޑުން އަރައިފިއެވެ.

ރަޝިޔާގެ ސްޕަޓްނިކް ނިއުސްއިން، ބޭރޫތުގައި ހުރި އެނޫހުގެ ރިޕޯޓަރާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ބޭރޫތު ބަނދަރު ކައިރީގައި ވެސް ބާރުގަދަ އެއްޗެއް ވަނީ ގޮވާފައެވެ.

އަލްޖަޒީރާއިން ޚަބަރުދޭ ގޮތުގައި ބަނދަރުގެ ގުދަންތައް ހުންނަ ސަރަހައްދުގައި ގޮވި ގޮވުމުގެ ބާރުގަދަ ކަމުން އާއްމުންގެ މެދުގައި ހާސްކަން ފެތުރިފައިވާއިރު، ގިނަ އިމާރާތްތަކެއްގެ ބިއްލޫރިތައް ތެޅި މަގުމައްޗަށް ވަނީ އެޅިފައެެވެ.

"އަހަރެން ހުރީ އެތައް ކިލޯމީޓަރެއްހާ ދުރުގައި. އަހަރެންގެ ވަށައިގެން (ހުރި ތަންތަނުގެ) ބިއްލޫރިތައް ތަޅައިގެން ދިޔަ." ބޭރުތުގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައި ވެއެވެ.

ލެބެނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ދާދި ދެންމެއަކު (ރާއްޖޭ ގަޑިން މިރޭ 8:24 ގައި) ބުނެެފައިވާ ގޮތުގައި އަލިންފާން ރޯވެގެން ގޮވާފައި ވަނީ ބޭރުުތު ބަނދަރުގައި ހަވާާއަރުވާ ތަކެތި ރައްކާކޮށްފައި ހުރި ގުދަނެއްގައެވެ.

އެ އެެޖެންސީން އިތުރަށް ބުނެފައިވާ ގޮތުގައި މި ގޮވުމުގެ ސަަބަަބުން ބަޔަކަށް އަނިޔާވެފައި ވާއިރު، ކައިރީގައި ހުރި ގެތަަކަށާއި، އުޅަނދުތަކަށް ލިބިފައިވާ ގެއްލުން ބޮޑެވެ. އިތުރު ތަފްސީލެއް އަދި ހާމަކޮށްފައި ނުވެއެވެ.

ހެލްތު މިނިސްޓަރު ޙަމަދު ޙަސަން ވިދާޅުވީ މި ގޮވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމުގައެވެ.

ބޭރޫތުގެ ގަވަރުނަރު މަރްވާން ޢައްބޫދް ވަނި އެރަަށަކީ ކާރިސާއެއް ކުރިމަތިވެފައިވާ ރަށެއް ކަމުގައި ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އޭނާގެ ހަޔާތްޕުޅުގައި ދުވަސްވެސް މިފަދަ ބޮޑު ގެއްލެެމެއް ތަނަކަށް ލިބުނުތަން ދެކެވަޑައިގެންފައިނުވާ ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއަދު ބޭރޫތަށް ކުރިމަތިވެފައި ވަނީ ޖަޕާނުގެ ހީރޯޝީމާއަށާއި، ނަގަޒާކީއަށް ކުރިމަތިވި ފަދަ ހާލަތެކެވެ.

ޢައްބޫދު އިތުރަށް ވިދާޅުވި ގޮތުގައި ބާރުގަދަ ގޮވުން ގޮވާފައި ވަނީ ބަނދަރު ސަރަހައްދުގައި އަލިފާން ރޯވެގެން އަލިފާންނިވާ މީހުން އެ ސަަރަހައްދުގައި ހަރަކާތްތެރި ވަމުން ދަނިކޮށެވެ.

މިއަދު މިގޮވި ގޮވުމާއެކު ފުރަތަމަ އަޑު ފެތުރިގެން ދިޔައީ ކުރީގެ ބޮޑުވަޒީރު ސަޢުދު ޙަރީރީ ހުންނަވާ ކޮޅު ކައިރީގައި ބާރުގަދަ އެއްޗެއް ގޮވިކަމަށެވެ. ޙަރީރީއަށް އަމާޒުކޮށް ދެވުނު ހަމަލާއެއް ނޫންކަން ފަހުން ހާމަވި ނަމަވެސް، އެ ގެކޮޅަށާއި، ގޮކޮޅާއި މާދުރު ނޫން ހިސާބެއްގައި ހުރި ސަރުކާރުގެ އިމާރާތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި ގޮވުމުގެ ސަބަބުން ބަޢަބްދާގައި ހުންނަ ރިޔާސީ ގަނޑުވަރަށް ވެސް ވަނީ ބޮޑެެތި ގެއްލުންތަކެެއް ލިބިފައެވެ.

ސަޢުދު ޙަރީރީއާ ގޮވުމާ އެހާ އަވަހަށް ގުޅުވާލެވުނު ސަބަބެއް ކަމުގައި ބެލެވެނީ، އަވަހާރަކޮށްލެވިފައިވާ ކުރީގެ ބޮޑުވަޒީރު އަދި ސަޢުދު ޙަރީރީގެ ބައްޕާފުޅު ރަފީޤު ޙަރީރީ އަވަހާރަކޮށްލި މައްސަލައިގެ ޙުކުމް އަންނަ ހުކުރު ދުވަހު އިއްވުމަށް ހަމަޖެހިފައި ވާތީއެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.