ކޯވިޑް-19: ނަންބަރުތަކާއި މަންޒަރުތަކުންވެސް ބިރުވެރިކަން!

ކޮވީޑާއެކު އަޅުގަނޑުމެން އުޅެމުންދާތާ ހަމަސް ވާން ގާތަވެފައިވާ އިރު މިހާރު ފެންނަމުން މިދަނީ ބިރުވެރި ނަމްބަރުތަކާއި މަންޒަރުތަކެކެވެ. އެއް ދުވަސް ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 200 އަށް ވުރުވެސް މަތިވެފައެވެ. ދިވެހިންގެ ޢަދަދު އިންތިހާއަށް ދަނީ އިތުރުވަމުންނެވެ.  އެއް ދުވަސް ތެރޭގައި ކޮވިޑަށް އެންމެ ގިނަޢަދަދެއްގެ ބަޔަކު ޕޮޒޓިވެފައިވަނީ މިމަހު ދެވަނަ ދުވަހުއެވެ. އެ ދުވަހު 215 މީހުންގެ ޕޮޒިޓިވެ ދިވެހިންގެ ޢަދަދު ވަނީ 149 އަކަށް އަރާފައެވެ.

ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ ޞިއްޙީ މާހިރެއްކަމުގައިވާ ޑޮކްޓަރ ޝީނާ މޫސާގެ އެންމެ ފަހުގެ އަންދާޒާތާކަށް ވުރެވެސް މައްޗަށް އަރާފައެވެ. ޑރ. ޝީނާގެ ތިންވަނަ ޕޮރޮޖެކްޝަންތައް ނުވަތަ އަންދާޒާތައް ދައްކާ ގޮތުން އޯގަސްޓް މަހުގެ ތެރޭގައި ދުވާލަކު 170 މީހުން ޕޮޒިޓިވްވެދާނެއެވެ. ނަމަވެސް މިމަހުގެ ދެވަނަ ދުވަހުގެ ޢަދަދުތައް މިއުޅެނީ 200 އިން މަތީގައެވެ.

ޑޮކްޓަރ ޝީނާގެ އަންދާޒާގައިވާ ގޮތުން ކުރިއަށް އޮތް ފަސްވަރަކަށް މަސްތެރޭގައި ކޮވިޑްގެ ޙާލަތު ނަމްބަރުތަކުން އެނެމް ގޯސްކޮށް ފެންނާނެ ކަމަށް ވަނީ މިހިނގާ އޯގަސްޓް މަސްތެރޭގައެވެ. އޯގަސްޓްމަސް ނިމޭއިރު 2373 މީހުންނަށް ބަލިޖެހޭނެ ކަމަށް އޭނާގެ އަންދާޒާތައް ބުނެއެވެ. އިއްޔެގެ ނިޔަލަށް ވެސް ރާއްޖޭގައި ބަލި ޖެހިފައިތިބި މީހުންގެ ޢަދަދު 1490 އަށް އަރައެވެ. މިހާރު ޕޮޒިޓިވްވަމުންދާ ރޭޓަށް ބަލާއިރު ވެސް މަހުގެ ފުރަތަމަ ހަފަތާގެ ތެރޭގައި ޑރ. ޝީނާގެ އަންދާޒާއަށް ވުރެ މައްޗަށް ބަލި މީހުންތިބޭނެކަމަށް ލަފާ ކުރެވެއެވެ.

ހޮސްޕިޓަލުގައި ފަރުވާދޭންޖެހޭ މީހުން އިތުރުވުން

ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން ކުރިން ދެ މީހަކު ނުވަތަ ތިން މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނަސް ކުރިއަށް އޮތް ތަނުގައި އެ އަދަދު ދެތިން ގުނަ އިތުރުވެދާނެކަމަށް ޑރ. ޝިނާ ވަނީ އަންދާޒާ ކުރައްވައިފައިވެއެވެ. ހަމަ އެއާއެކު އައިސީޔޫގައި ފަރުވާ ދޭންޖެހޭ އަދަދު ވެސް އިތުރުވާނެ ކަމަށް ވަނީ އަންދާޒާ ކުރައްވައިފައެވެ. ޑރ. ޝީނާގެ އަންދާޒާ ދައްކާގޮތުން ކުރިއަށް އޮތް ފަސް ވަރަކަށް މަސް ދުވަހުގެ ތެރޭގައި 1090 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭނެއެވެ. އޭގެ ތެރެއިން 128 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އެންމެ ގިނަ ބަޔަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް ލަފާ ކުރެވިފައިވަނީ މިހިނގާ އޯގަސްޓް މަހު އެވެ. މިމަހު އެކަނިވެސް 47 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހިދާނެ ކަމަށް ޑރ. ޝީނާގެ އަންދާޒާއިން ދައްކައެވެ. އައިސީޔޫއަށްލާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މަރުވުމުގެ ފުރުސަތު އޮތް ކަމަށްވެސް ޑރ. ޝީނާގެ އަންދާޒާތައް ދައްކައެވެ.  

އޯގަސްޓްމަސް އަދި ކިރިޔާ މިފެށުނީއެވެ. އެހެންނަމަވެސް މިހާރުވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭމީހުންގެ ޢަދަދު ވަނީ 93 އަށް އަރާފައެވެ.  ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ މީހުން ގިނަ ވަނީ ބަލީގެ ނުރައްކާ ބޮޑު މީހުންނަށް ބަލިޖެހުން އިތުރުވެފައި ވުމުންނެވެ.  ބަލިޖެހޭ ދިވެހިންގެ ޢަދަދު އިތުރުވުން ޢުމުރުން ދުވަސް ވީމީހުންނާއި ދިގުމުއްދަތަށް ފަރުވާ ހޯދާ ބަލިތަކުގެ މީހުންނަށް ބަލި ޖެހުން ވަނީ އިތުރުވެގެން ގޮސްފައެވެ. އަދި މާބަނޑު މީހުންނާއި ކުދަކުދިންނަށް ވެސް ބަލި ޖެހޭ މިންވަރު ވަނީ އިތުރުވެފައެވެ.  މިހާރުވެސް ބަލި ޖެހި އައިސޮލޭޝަން ފެސިލިޓީތަކަށް ނުގެންދެވި 200 މީހުން އެބަ ތިއްބި ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ. 

ބަލިޖެހޭ ޢަދަދު އިތުރުވެ ގުޅުންނެތް ކޭސްތައް އިތުރުވުން

ލޮކްޑައުންގައި އޮތްއިރު ބަލިފެތުރެނު މިންވަރާ އަޅާ ބަލާއިރު، ހުޅުވާލުމުން ބަލި ފެތުރުނު މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެޗްއީއޯސީއިން ހާމަކޮށްފައިވާ  ނަންބަރުތަކުން ކޭސްތައް އިތުރުވަމުން އައި މިނަވަރު ޖުލައިމަހުގެ ފަހުކޮޅު ވަނީ ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ. ޖުލައި މަހުގެ 21 ން 28 އަށް، ހަތް ދުވަސް ތެރޭގައު އިތުރު 500 ކޭސް ފެނިފައިވާއިރު އެންމެ ފުރަތަމަ ފަސްސަތޭކަ ކޭސް ހަމަވެފައި ވަނީ  މާރޗް ހަތަކުން ފެށިގެން މެއިމަހުގެ ދެވަނަ ދުވަހާ ހަމައަށެވެ. އެއީ 56 ދުވަސް ތެރޭގައެވެ. އޭގެ ފަހުން ޖުލައި މަހުގެ 21 ވަނަ ދުވަހާ ހަމައަށް  500 ހަމަވަން ނަގައިފަނީ 13 ދުވަހާއި 25 ދުވަހުގެ މުއްދަތެކެވެ.

އެޗްޕީއޭއިން ފާހަގަ ކޮށްފައިވާ ގޮތުގައި ކޭސްތައް އިތުރުވެފައި ވަނީ ލުއިތަކާއެކު ބަލީގެ ނުރައްކާތެރިކަން މީހުން ހަނދާންނެތި ގައިދުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަކުރުމުންނެވެ. ޖުލައި މަހުގެ ފަހުކޮޅުގެ ތަފާސްހިސާބުގެ ނަމްބަރުތަކުން ދައްކާ ގޮތުން ފެންނަ ކޭސްތަކުގެތެރޭގައި ގުޅުމެއް ނެތް ކޭސްތައް ވަނީ 42 އިންސައްތައަށް އިތުރުވެފައެވެ. ގުޅުމެއް ނެތް ކޭސްތައް އިތުރުވުމަކީ ބަލީގެ ނުރައްކާ އިތުރުވާނެ ކަމުގެ ރަނގަބީލެއްކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ. ގުޅުމެއް ނެތް ކޭސްތަކަކީ ބަލިޖެހުނީ ކިހިނެއްކަން ނޭނގޭ ކޭސްތަކެވެ. ނުވަތަ ކްލަސްޓަރ އެއްގެ ފެށުމެވެ. ގުޅުމެއް ނެތް ކޭސްތައް ދިވެހިންނާއި ބިދޭސީންގެ ވެސް އުޅެނީ ދާދި އެއް ހަމައެއްގައި ކަމަށް އެޗްއީއޯސީ އިން ހާމަކުރައްވައެވެ. 

ކޮވިޑްގައި މީހުން މަރުވާ ރޭޓް ރާއްޖޭގައި އަދި މާބޮޑުތަން އިތުރުވެގެނެއް ނުދެއެވެ. ބަލިޖެހޭ މީހުންގެ ނިސްބަތަށް ބަލާއިރު މަރުވެފައިވަނީ 0.42 އިންސައްތައެވެ. މިހާތަނަށް މަރުވެފައިވަނީ 19 މީހުންނެވެ. ބަލިން ރަނގަޅުވެފައިވާ މީހުންގެ ޢަދަދަކީ 2670 އެވެ. އެއީ ބަލި ޖެހުނު މީހުންގެ 62.19 އިންސައްތައެވެ.

ބަލި ޖެހުނުކަން ނޭނގި ކޮވިޑްގައި މީހުން މަރުވުމަކީ ވެސް ނުރައްކާތެރި ސިގްނަލެކެވެ. ކުރިން ބަލި ޖެހިފައިވާކަން ނޭނގި ނޭވާ ހާސްވެގެން ހޮސްޕިޓަލްގެ އިމަރޖެންސީއަށް ގެންދިޔަ ދެމީހުން ޓެސްޓް ހެދުމުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ދެމީހުންވެސް މަރުވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.  ބަލި ޖެހުނުކަން ނޭނގި ހުއްޓާ ނާވާ ލަން އުދަނގޫވެ ހޮސްޕިޓަލަށް ގޮސް ފަރުވާ ދެވޭ މިހުން އިތުރުވެފައިވަނީ ކިހާވަރަކަށް ކަމެއް މިހާރު ކޭސްތަކުގެ ވަކިވަކި ތަފްޞީލް ހާމަނުކުރާތީ ނޭނގެއެވެ. މިދެކޭސްގެ މައުލޫމާތު އެނގިފައިވަނި އެއީ މަރުގެ ދެކޭހަށް ވުމުންނެވެ. އިއްޔެ ހުޅުމާލޭގައި ގެނބިގެން މަރުވީ މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އޭނާ މަރުވި ސަބަކީ ގެނބުން ކަމަށް ވަނީ ނިންމައިފައެވެ.

ހޮސްޕިޓަލުގެ އިމަރޖެންސީއަށް ފަރުވާ ހޯދަން ދާމީހުން ޕޮޒިޓިވް ވެފައި ތިބުމަކީ ވެސް ބައްޔަށް އިތުރު ބަޔަކު ޕޮޒިޓިވްވެ ބަލި ފެތުރުމަށް މަގު ފަހިވާނެކަމެވެ. މިދިޔަ މަހު އެކަނިވެސް ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 37 މީހަކު ވަނީ ބަށްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެވެސް އިތުރު ޢަދަދެކެވެ. 

ރަށްރަށުގައި ކޭސްތައް އިތުރުވުން

މިހާރު ފެންނަމުންދާ ކޭސްތަކުގައި ރަށްރަށުން ފެންނަ ކޭސްތައްވެސް ދަނީ އިތުރުވަމުންނެވެ. ނަމަވެސް ރަށްރަށުގައި އަދި ކޮމިޔުނިޓީ ސްޕްރެޑެއް ނޫޅޭކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް ފާހަގަ ކުރެއްވިއެވެ. ސަބަބަކީ ރަށްރުގައި މިހާރު ފެންނަމުންދާ ކޭސްތަކަކީ އެރަށްރަށް އެތެރެވެފައިވާ ކޭސްތަކަށް ވުމެވެ.  ރަށް ރަށަށް ކޭސްތައް އެތެރެވެފައިވަނީ މާލެއިންނެވެ. މާލެ ދަތުރުކުރާ އުޅަނދުފަހަރުގެ ކައްޕިންނާއި ފަޅުވެރިން ޕޮޒިޓިވް ވެގެންނެވެ.  ރަށްރަށުން ދެން ފެނިފައިވާ ކޭސްތަކަކީ ހޯމް ކަރަންޓީނުން މުއްދަތު ހަމަކޮށް ނުވަތަ އަލާމާތްތައް ހުރެގެން ޓެސްޓްކުރުމުން ޕޮޒިޓިވް ވެފައިވާ ކޭސްތެކެވެ.  

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިހާރު ވެސް 12 ރަށެއްގައި ކޮވިޑްގެ ޕޮޒޮޓިވް ކޭސްތައް އެބަތިއްބެވެ. އޭގެތެރެ އިން އެންމެ ގިނަމީހުން ތިބީ ހއ.ކެލާގައެވެ. ކެލައިން ޕޮޒިޓިވްވެފައި ވަނީ އެރަށުގެ މާލެ ދަތުރުކުރާ ބޯޓެއްގެ ކައްޕިއާއި ފަޅުވެރިންނެވެ. އުޞޫލެއްގެ ގޮތުން އޮޑިދޯނި ފަހަރުގެ މީހުން މޭލެތެރެއަށް ފައިބައި އުޅުމަކީ ހުއްދަކަމެއް ނޫނެވެ. ނަމަވެސް ދެވިފައިވާ ލުއިތަކާއެކު ކޮވިޑްގެ މަތިން ހަދާންނެތި މާލެތެރެއަށް ފައިބައިއުޅުމުގެ ތެރޭގައި އަނބުރާ ރަށަށް ދަނީ ކޮވިޑާއެކު އެވެ. އޮޑިދޯނި ފަހަރަކީ މުދާ އުފުލާފަދައިން ރަށްރަށަށް ކޮވިޑްއުފުލާ ވަޞީލަތަކަށް ހަދައިގެންނުވާނެއެވެ. ފަޅުއޮޑިފަހަރުގައި ބަލިފެތުރެމުންދާ ވަރު ބެލުމުމަށް މިހާރު ދަނީ ސާމްޕަލްތައް ނަގަމުންނެވެ. ހަމަ އެހެންމެ އަތޮޅުތަކުގައިވެސް މިހާރަށް ވުރެ ސާމްޕަލް ނަގާ މިންވަރު އިތުރުކުރުމަށް ވަނީ ނިންމައިފައެވެ.

ކޮންޓެކްޓްންގެ ޢަދަދު އިންތިހާއަށް އިތުރު

އެންމެ ފަހުން އެޗްއީއޯއިން ހާމަކޮށްފައިވާ ގޮތުގައި ކޮންޓްކެޓުންގެ ގޮތުގައި 4000 މީހަކު އެބަ ތިއްބެވެ. ކޮންޓެކްޓުންގެ ގޮތުގައި ގިނަ ބަޔަކު ތިބުމަކީ އިތުރު ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވް ވެދާނެ ކަމުގެ ސިގްނަލެކެވެ.  ކޮވިޑް-19ގެ ކޮންޓެކްޓުން އެންމެ ގިނައީ އޮފީސްތަކާއި މަސައްކަތު މާހަލުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ބައްޔަށް ކޮންޓެކްޓްވެފައިވާ މީހުންގެ ތެރެއިން އޮފީސް އަދި މަސައްކަތު މާހަލުން ކޮންޓެކްޓްވެފައިވާ މީހުންގެ ނިސްބަތް އުޅެނީ 58 އިންސައްތައިގައެވެ. އެއީ 1219 މީހުންނެވެ. މިދެބައި ވަކިން ބަލާނަމަ ހަމައެކަނި އޮފީސް ތަކުން ކޮންޓެކްޓްވި މީހުންގެ ނިސްބަތް އުޅެނީ 31 އިންސައްތައިގައެވެ. އެއީ 655 މީހުންނެވެ. އޮފީސް ފިޔަވައި އެހެނިހެން މަސައްކަތު މާހައުލުން ކޮންޓެކްޓްވި މީހުންގެ ޢަދަދު އުޅެނީ 27 އިންސައްތައިގައެވެ. އެއީ 564 މީހުންނެވެ. ތިން ވަނައަށް އެންމެ ގިނަ ބަޔަކު ކޮންޓެކްޓް ވެފައިވަނީ ކެފޭ ރެސްޓޯރެންޓް ތަކުންނެވެ. އެއީ 154 މީހުންނެވެ. 89 މީހުންނާއެކު ހަތަރު ވަނައަށް ކޮންޓެކްޓުން އެންމެގިނައީ ފިހާރަތަކުންވެ.

ތަފާސް ހިސާބުތަކުގައި ފާހަގަ ކޮށްފައިވާ ތަންތަނުގެ ތެރެއިން އެންމެ މަދުން ބައްޔަށް ކޮންޓެކްޓްވީ މިސްކިތުންނެވެ. މަހެއްހާ ދުވަހުގެ ތެރޭގައި މިސްކިތުން ކޮންޓެކްޓް ވީ އެންމެ މީހެކެވެ. ނަމަވެސް މިއީ މިސްކިތުގައި ގައިދުރުކަން ބެހެއްޓުމާއި އޭނޫންވެސް ރައްކާތެރި ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަކޮށްލަންޖެހޭ ސަބަބެއް ނޫނެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެފައި ވަނީ އޮފީސްތަކުގެ ކޮންޓެކްޓުން އިތުރުވަނީ އޮފީސްތެރޭގައި ގައިދުރުކޮށް ތިބި ނަމަވެސް ސައިގަޑީގައި ބޭރަށް ނުކުމެ އުޅުމުގައި ފަރުވާ ކުޑަކުރެވި ގައިދުރުކަން ނުބެހެއްޓި މާސްކްވެސް ނާޅައި އުޅެވޭތީކަމަށެވެ.

މިނިވަން ދުވަހާއި ޢީދު ޗުއްޓީއަށް ސަރުކާރާއި އަމިއްލަ އޮފީސްތައް ބަންދުވުމުން  ކޮންޓެކްޓުންގެ ޢަދަދަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެއެވެ. މިއަދު ސަރުކާރު ހުޅުވާ ގޮތަށް އޮތް ނަމަވެސް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިއަދުން ފެށިގެން މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށްވެސް ވަނީ ހަމަޖައްސަވާފައެވެ. އަދި މުވައްޒަފުން، ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރައްވަމުން ގެންދެވުމަށް ވަނީ ހަމަޖައްސަވައިފައެވެ. ބަލި ކޮންޓްރޯލްކުރުމަށް ކުރިންވެސް ވަނީ ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައެވެ.

 ފުރަބަންދަށް ދިއުމުގެ ވިސްނުމެއްނެތް

ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައި ވީނަމަވެސް ފުރަ ބަންދަށް ދިއުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެވެ. އިތުރު ފުރަބަންދަކަށް ދިއުމަކީ ރަނގަޅުކަމެއް ނޫން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލީހް އިއްޔެ ވަނީ ވިދާޅުވެފައެވެ. ބަލިޖެހޭ މީހުން އިތުރުވަމުންދާއިރު ބޭރުގައި އުޅޭއިރު މާސްކް އެޅުމަށާއި އެޗްޕީއޭގެ އެންގުންތަކަށް ބޯލެނބުމަށް ރައީސް ޞާލީޙް ރައްޔިތުންނަށް ވަނީ އިލްތމާސްކުރައްވައިފައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށާއި ވަރަށް އަވަހަށް އެ ފިޔަވަޅުތައް އިއުލާން ކުރެވޭނެކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ރެ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އެންމެ ފަހުން އެޅި އެންމެ މުހިންމު އެއްފިޔަވަޅަކީ މާލެ ސަރަޙައްދުގެ އާއްމު ތަންތަނުގައި މާސްކް އެޅުން މަޖުބޫރުކުރުމެވެ. މާސްކު އެޅުން މަޖްބޫރުކުރިފަހުން އެއަމުރާ، ތަކުރާރުކޮށް ޚިލާފުވި 73 މީހުން ތިން ދުވަސް ތެރޭގައި ވަނީ ޖުރިމަނާކޮށްފައެވެ. އިއްޔެގެ ނިޔަލަށް މާސްކް ނާޅައިގެން 645 މީހަކަށް ފުލުހުން ނަޞޭޙަތް ތެރިވެފައިވެއެވެ.

މާސްކް ނާޅާ މީހުންނަށް ފުލުހުން ފުރަތަމަ ދެނީ ނަސޭހަތެވެ. ޖޫރިމަނާކުރަނީ ނަސޭހަތް ދިނުމުން ދެވަނަ ފަހަރަށް ވެސް އެކަން ރަނގަޅު ނުކުރުމުންނެވެ. މާލެ ސަރަޙައްދުގެ އާންމު ތަންތަނުގައި އުޅޭއިރު މާސްކް ނާޅާ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމި ނިންމުމަށް ޢަލުކުރަން ފެށީ މިމަހު ފުރަތަމަ ދުވަހުއެވެ. އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތުކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުންނާއި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި، ނުނެގޭ މީހުން ވަނީ މާސްކު އެޅުމުގެ އަމުރުން އިސްތިސްނާކޮށްފައެވެ. 

ލޮކްޑައުންގެ އަމުރުތަކާ ޚިލާފު މީހުނަށް ދައުވާ ނުކުރުމަށް ނިންމެވުމުން މާސްކް އެޅުން މަޖްބޫރުކޮށް އަމުރާ ޚިލާފުވާ މީހުން ޖުރިމަނާ ކުރާގޮތަށް އޮތްނަމަވެސް ބައެއެ ފަރާތްތަކުން އެކަން މާ ސީރިއަސްކޮށް ދެކޭކަމަކަށް ފާހަގައެއް ނުކުރެވެއެވެ. ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ފަހަތަށް ޖެހޭނަމަ ބަލީގެ ޙާލަތު އިތުރަށް ގޯހުން ގޯހަށް ދިއުމަކީ ގާތްކަމެވެ.

ސަރުކާރުން ވިދާޅުވެފައި ވަނީ ކުރިން ލޮކްޑައުންނަކަށް ގޮސް ބަލި ޖެހޭ މިންވަރު ދަށްކުރީ ވަޞީލަތްތައް ޤާއިމްކުރުމަށް ކަމަށެވެ. މިއަދު ވަނީ މާލެ ސަރަޙައްދުގެ އިތުރުން އަތޮޅު ތަކުގައިވެސް މެޑިކަލް ފެސިލިޓީތައް ޤާއިމްކޮށް ބައްޔަށް ފަރުވާދެވޭ މިންވަރާއި ޓެސްޓްކުރުވޭ މިންވަރު އިތުރުކޮށްފައެވެ. ނަމަވެސް މިއީ ބަލި ފެތުރުން މާބޮޑު މައްސަލައަކަށް ނުހަދައި ތިބެވެން އޮތް ސަބަބެއް ނޫނެވެ. ލޮކްޑައުންއަކަށް ދިއުން ނޫން ގޮތެއް އޮތްތޯ ބަލަން ޖެހެއެވެ. ނަމަވެސް ހޮސްޕިޓަލުތައް ފުރި އެތައް ބަޔަކަށް ފަރުވޭނުދެވި މަރުވާތަން ބަލަން ލޮކްޑައުންނަކަށް ނުގޮސް ތިބުމަކީ ވެސް އެންމެ ރަނގަޅު ގޮތަކަށް ނުވާނެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.