މި ލިޔުންކޮޅުގައި އަޅުގަނޑު އިޝާރާތްކޮށްލަން ގަސްދުކުރަނީ ދިވެހިރާއްޖޭގެ ގައުމީ މަންހަޖުގައި ބަޔާންކޮށްފައިވާ މައިގަނޑު ތަޞައްވުރު ތަންފީޒުކުރުމުގައި ބަލަންޖެހޭ މުހިންމު ކަމަކާގުޅޭ ގޮތުންނެވެ. ގައުމީ މަންހަޖުގެ މައިގަނޑު ތަޞައްވުރަކީ "ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން" ކަމުގައި ސާފު ޢިބާރާތުން ލިޔެވިފައިވެއެވެ (ދިވެހިރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ގައުމީ މަންހަޖު، 2014،ޞ.16). މި ތަޞައްވަރުގެ ތަފުސީލުދީފައިވާ ގޮތުގައި އެއީ އުނގެނުމާއި ހޯދާ ބެލުމަށް ޝައުޤުވެރިވާ، ޢިލުމު އުފައްދާ، ކާމިޔާބު ފަރުދުންތަކަކަށް ދަރިވަރުން ހެދުމެވެ. މިގޮތަށް ތަޞައްވުރު ތަންފީޒުކުރުމުގެ މަސައްކަތް ގުޅެނީ ކިޔަވައިދިނުމުގެ މައިގަނޑު ކޮންސެޕްޓެއް (މަފްހޫމެއް) ކަމަށްވާ ލައިފްލޯންގް ލަރނިންގއާއެވެ. ލައިފްލޯންގް ލަރނިންގއަށް ބޭނުންކުރެވޭ ދިވެހި ވަކި ލަފުޒެއް އަޅުގަނޑަށް ކިއިފައިވާ އެއްވެސް ލިޔުމަކުން އަދި ފެނިފައެއް ނެތެވެ. ނަމަވެސް އެ ލަފުޒު ދިވެހިބަހުން މާނަ ކުރާނަމަ، އެއީ ދިރިއުޅުމަށް ފަހި އުނގެނުން، ތާއަބަދަށް ފަހި އުނގެނުން، ނުވަތަ ތާ ޢުމުރަށް ފަހި އުނގެނުމޭ ވެސް ދެންނެވިދާނެއެވެ. މިއިން ކޮންމެ މާނައެއްގައި ލައިފްލޯންގް ލަރނިން ބޭނުން ކުރެވުނު ނަމަވެސް މީގެ ނަތީޖާއަކީ، މަދަރުސީ ހަޔާތް ނިންމާފައި ނިކުމެންގެންދާ ދަރިވަރުންނަކީ ދިރިއުޅުމުގެ ކަންކަމަށް ތައްޔާރުވެފައިވާ، އަމިއްލައަށް ކަންތައްތައް ހޯދައި ބަލައި، މަޢުލޫމާތު އުފައްދައި އެ މަޢުލޫމާތުގެ ބޭނުން ތަފާތު ހާލަތްތަކުގައި ކުރުމަށް ގާބިލު ބަޔަކަށް ވުމެވެ.
ކުރިން ދެންނެވުނުފަދައިން ގައުމީ މަންހަޖު އެކުލަވައިލާފައި އޮތް އިރު ސާފުކޮށް ލައިފްލޯންގް ލަރނިންގ ހިމަނައިގެން ކިޔަވައިދިނުމަށް އިޝާރާތް ކުރެވިފައިވާކަން ހާމަވެއެވެ. ނަމަވެސް މަންހަޖުގައިވާ ބީދައިން އެކަން ޢަމާލީ ގޮތުން ކުރަންވީ އެންމެ ރަނަގުޅު ގޮތުގައި ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށް ނުދެވޭ ކަމީ ފެންނަން އޮތް ހަގީގަތްތަކެވެ. މިގޮތުން ޓްރެޑިޝަނަލް (ގަދީމީ) ގޮތަށް، މުދައްރިސަށް ބަރޯސާވާ (ޓީޗަރ-ސެންޓާރޑް) ކިޔަވައިދިނުމުގެ ގޮތްތައް ކުލާސްރޫމުގެ ތެރޭގައި ބޭނުންކުރެވޭނަމަ މަންހަޖުގައި ބަޔާންކުރެވިފައިވާ ތަޞައްވުރު ތަންފީޒު ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. މުދައްރިސަށް ބަރޯސާވާ ކިޔަވައިދިނުމުގެ ގޮތްތަކުގައި އާންމުކޮށް ފެންނާނީ، ދަރިވަރުން ކުރާނެ ހުރިހާ ކަމެއް ކިޔައިދީ ހަދަންވީ ހުރިހާ ގޮތެއް އަލިފުން ޔާއަށް ބުނެދޭ މަންޒަރެވެ. ކުލާހުގެ ކުރިމަތީގައި ހުރެގެން، މުދައްރިސް ފިލާވަޅު ޝަރަހަކޮށްދޭ މަންޒަރެވެ. ދަރިވަރުންނަށް ހަދަން ހަވާލުކުރެވޭ ވާރކްޝީޓުގައި ލިޔަންވާ ވަކި ޖަވާބުތަކެއް، ލިޔެވިފައި އޮންނަންވާ ގޮތް ކުރިން ކަނޑައެޅި ނިންމިފައި އޮންނަތަނެވެ. ކުލާސްރޫމުގައި މަސައްކަތެއް ހަވާލުކުރެވުނު ނަމަވެސް ދަރިވަރުންގެ އުނގެނުމުގެ ތަޖުރިބާތަކަށް ވުރެ ބޮޑަށް ވަކިވަކި އިންޑިކޭޓާރތަކެއްގައި ފާހަގަ ލާން ބެލޭ ތަނެވެ. މިގޮތަށް ފިލާވަޅު ނުގެންދެވޭނަމަ ރަނގަޅަށް ކިޔަވައިދެވުނު ކަމަށް ޚުދު މުދައްރިސުންނަށް ވެސް ގަބޫލު ނުކުރެވޭ ތަނެވެ. އަޅުގަނޑު ހިތަށް އަރަނީ މިފަދަ ގޮތަކަށް ކިޔަވައިދޭނަމަ ދަރިވަރުން އިތުރަށް ކުރަންވީ ކަމެއް، ވިސްނަންވީ ވިސްނުމެއް، ހޯދަންވީ އެއްޗެއް، އޮންނާނެބާއެވެ؟ އަދި ހަމައެހެންމެ މިގޮތަށް ކިޔަވައިދެވޭނަމަ ދަރިވަރުންގެ ހިތުގައި އަމިއްލައަށް ކަންކަން ކުރުމުގެ ޝައުޤުވެރިކަމެއް، ރޫހެއް، ވިސްނުމެއް އަދި ގާބިލުކަމެއް ވެސް އަށަގެންނުވޭނީ ކިހިނަކުންބާއެވެ؟
ހަމަމި ބީދައިން ވިސްނާއިރު، ބެލެނިވެރިޔާ ވެސް ދަރިފުޅުގެ ފޮތުގައި ލިޔެ ފުރައިލެވިފައިވާ ޞަފުހާތައް/ނޯޓްސް އަދި ފާހަގަ ޖަހައިފައި ދީފާއިވާ މާކްސްތަކެއް ނެތްނަމަ ދަރިފުޅަށް ކިޔަވައިދީފައިވާކަމަކަށް ގަބޫލެއް ނުކުރެއެވެ. މަތިން މާކްސް ނުލިބޭނަމަ ދަރިވަރު އުނގެނުނު ކަމަކަށް ވެސް ގަބޫލެއް ނުކުރެވެއެވެ. އުނގެނުމުގެ ތަޖުރިބާއާއި، އުނގެނުމުގެ އިހުސާސްތަކާއި، އުނގެނުމަށް ހޭދަ ކުރާ ވަގުތާއި، ގޯސްކޮށް ކުރެވޭ ކަންކަން/ހެދޭ ކުށްތައް ވިސްނޭ ގޮތްގޮތް، ހިތަށް އަރާ ޚިޔާލުތައް، އުފެދޭ ސުވާލުތައް، ދެކެވޭ ވާހަކަތައް، ހޯދޭ ހޯދުންތައް މިއިން އެއްވެސް ކަމަކީ، އުނގެނުމުގެ ތެރޭގައި ހިމެނޭ ބައިތަކަކަށް ނުވެއެވެ. ކުރުކޮށް ދަންނަވާނަމަ، ދަރިވަރުން އުނގެނުނު ކަމަށް ގަބޫލު ކުރެވެނީ ކިޔައިދިން ގޮތަށް އެއްޗެހިތަކެއް ހިތުން ކިޔައިލެވި، ސީދާ ބުނެފައި އޮތްގޮތަށް ނުވަތަ ކިޔައިދިން ގޮތަށް އެއްޗެއް ލިޔެވި ނުވަތަ އެ ކަމެއް ކުރަން ބުނާގޮތަށް ކުރެވޭ ނަމައެވެ. މިއީ ދަރިވަރުންގެ ދިރިއުޅުމަށް ފަހި އުނގެނުމެކޭ މުޅިއަކުން ދެންނެވޭކަށް ނެތެވެ. ސަބަބަކީ، އޭގައި ދަރިވަރުގެ ހިއްސާއަށް ވުރެ ބޮޑަށް، ކަންކުރަންވީ ގޮތް މުދައްރިސުން ކިޔައިދީ، މަޢުލޫމާތު ކިޔައިދިން ގޮތަށް އެނގިފައިވޭތޯ ދަސްވެފައިވޭތޯ ބެލޭތީއެވެ. މިމޭރުމުން ވިސްނާއިރު، ގަބޫލުކުރަންޖެހޭ އެންމެ ބޮޑު ހަގީގަތަކީ ސިކުނޑިއަކީ އެއްޗެހި އަޅައި ފުރައިލެވޭ ހުސް ފުޅިއެއް ނުވަތަ ފޮށްޓެއް ނޫންކަމެވެ. އަދި އޭގައި ރައްކައުކުރާ މަޢުލޫމާތަކީ ތާއަބަދަށްހުންނާނެ އެއްޗެއް ވެސް ނުމެނޫންމެއެވެ. އެއްޗެއް ދަސްކުރާ ވަގުތު ކިޔައިލަން އެނގުމަކުން ފުރިހަމަ އުނގެނުމެއް ކަމަކަށް ނުބެލެވެއެވެ. އަދި ހަމައެހެންމެ އުނގެނި ދަސްކުރާ ކޮންމެ އެއްޗަކީ ހުރިހާ ކަމަކަށް ބޭނުންކުރެވޭނެ މަޢުލޫމާތަކެއް ނޫނެވެ. އެހެނީ، އުނގެނުން ބިނާވެފައި އޮންނަންޖެހެނީ މީހަކު ބުނެދޭ، ކިޔައިދޭ އެއްޗެއްގެ މައްޗަށް ބަރޯސާވެފައެއް ވެސް ނޫނެވެ. އެއާ ޚިލާފަށް އުނގެނުމަކީ ދަރިވަރުންގެ ދިރިއުޅުމާ ސީދާ ގުޅޭ ތަޖުރިބާތަކަކަށް ވާން ޖެހެއެވެ. އަދި ހަމައެހެންމެ، އުނގަންނައިދޭން ވާނީ، ފަހުން ވެސް ބޭނުންކުރެވޭ ފަދަ ގޮތްގޮތަށް ދަރިވަރުންގެ އަމިއްލަ ހިއްސާ ބޮޑުކޮށް، ކުރެވޭ ކަންތައްތަކުގެ ތެރެއިންނެވެ.
ދިރިއުޅުމަށް ފަހި އުނގެނުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާ ޢިލުމުވެރިން ވަރަށް ގިނައެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއްބޭފުޅެއް ކަމަށްވާ، މެނުއެލް ލަންޑަން (2011) ހާމަކުރައްވާގޮތުގައި އުނގެނުން އެންމެ ބޮޑަށް ގުޅެން ޖެހޭނީ ދިރިއުޅުމަށް އަންނާނެ ބަދަލުތަކަށް، ތަފާތު ހާލަތްތަކަށް، ތަފާތު ކަންކަމަށް، އެކިގޮތްގޮތަށް، އެކި ދާއިރާތަކަށް އަމާޒު ކުރެވޭ ގޮތަށެވެ. މާނައަކީ، މިހާރު އުނގެނޭ އެއްޗެއް، ފަހުން ވެސް އެކަން އިތުރަށް އުނގެނުމަށް ކުރެވޭނެ ކަމެއް ނުވަތަ ހޯދުމަށް ކުރާނެ ކަންތައްތައް ދަސްކުރުމާއެވެ. ހަމައެކަނި މަޢުލޫމާތުތަކެއް ދަސްކުރުމަކަށް ނޫނެވެ. މެނުއެލް ލަންޑަން އިތުރަށް ޝަރަހަކުރައްވަނީ، ދިރިއުޅުމަށް ފަހިކޮށް އުނގަންނައި ދެވޭނަމަ، ދަރިވަރުންގެ އުނގެނުން ގުޅިގެންދާން ޖެހޭނީ ތަފާތު ހާލަތްތަކާ އެކު އުޅެން އެނގުމާއި ބަދަލުވާ ހާލަތްތަކަށް ފެތުމާއި، އަދި ވަކި ހާލަތެއްގައި ކުރަންވީ ވަކި ކަމެއް އަމިއްލައަށް ވިސްނަން އެނގުން ފަދަ ކަންކަމާއެވެ. މަޢުލޫމާތުތަކެއް އޮތްގޮތަށް ދަސްކޮށްގެން މިކަން ހާސިލު ނުވާނެކަމަށް ވެސް ލަންޑަން ލިއުއްވާފައިވެއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން، އޭނާ ވިދާޅުވަނީ ދިރިއުޅުމަށް ފަހި އުނގެނުމުގެ ހުނަރަކީ ކުއްޖާގެ މަދަރުސީ ހަޔާތް ނިމި ޒުވާނަކަށްވެ މުޖުމަޢަށް ނިކުތުމަށް ވެވޭ ތައްޔާރީގެ ފުރަތަމަ ފިޔަވަޅުގެ ގޮތުގައެވެ. މިގޮތުން އޭނާ ހާމަ ކުރައްވާގޮތުގައި މިހުނަރުތައް ލިބިފައިވާނަމަ އެކުއްޖެއްގެ ހަޔާތުގެ ދެން ހުރި ހަރުފަތްތަކުގައި އުނގެނުމުގެ ތަޖުރިބާތަކާއި، ދަސްކުރެވޭ ހުނަރުތަކާއި، އަދި އަށަގަންނަ ގާބިލިއްޔަތު އިތުރަށް ހަރުދަނާވެއެވެ.
އެހެން ބައެއް ލިޔުންތަކުން ހާމަވާ ގޮތުގައި ދިރިއުޅުމަށް ފަހި އުނގެނުމަކީ ތާއަބަދު ދެމިގެންދާ އުނގެނުމުގެ ހުނަރުތަކެއް ލިބުމާ އެކު ދިރިއުޅުމުގެ ކުރިއަށް އޮތް ތަނުގައި ކުރަންޖެހޭނެ މަސައްކަތްތަކާއި ވަޒީފާގެ ދާއިރާތަކަށް ލޯހުޅުވުމަށް ބޭނުންވާ ފިޔަވަޅެއްކަން ބަޔާންވެފައި ވެއެވެ (ލަންޑަން އަދި ސްމިތިއަރ، 1999). އެހެނިހެން އިތުރު ފަރާތްތަކުން އިޝާރާތްކުރައްވާ ގޮތުގައި އެއީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ކަންކުރަންވީ ގޮތް، ކަމެއް އިތުރަށް އޮޅުންފިލުވަން ކުރަންވީ ކަމެއް، މަޢުލޫމާތު ހޯދާނެ ގޮތެއް، ވިސްނުމަށް ބޭނުން ކުރެވިދާނެ އުކުޅުތަކެއް، ކަންކަން ދިމާވުމުން ހައްލު ކުރަންވީ ގޮތްތަކެއް އަދި ހާލަތެއް ބަދަލުވުމުން ވިސްނުން ގެންގުޅެންވީ ގޮތްތަކެއް ހޯދަން އެނގުމެވެ (ޝާރޕްލްސް، 2000). މި ޢިލުމުވެރިންގެ ބުނުންތަކުން ހާމަވަނީ ސްކޫލު ނިމޭއިރު ދަރިވަރުން ތިބެންޖެހެނީ ދިރިއުޅުމަށް ފަހި އުނގެނުމުގެ ހުނަރުތަކެއް ލިބި މުޖުތަމަޢެއްގައި އެހެން މީހުންނަށް ބަރޯސާ ނުވެ އުޅެން ދަސްވެފައިވާ ފަރުދުންނަށް ވެފައި ކަމެވެ.
މިމައުޟޫޢުގައި ވާހަކަ ދައްކަވާ ބައެއް ބޭފުޅުން އިތުރަށް ފާހަގަކުރައްވާފައިވަނީ ދިރިއުޅުމަށް ފަހި އުނގެނުން ހިމަނައިގެން ކިޔަވައިދިނުން ގެންދެވޭނަމަ ދަރިވަރުންނަކީ ދިރިއުޅުމަށް ބޭނުންތެރި ސިފަތަކެއް ލިބިފައިވާ ބަޔަކަށް ވާނެކަމެވެ. މިގޮތުން ހިމެނޭ ބައެއް ސިފަތަކަކީ ރެސިލިއެންސް (ކަންކަމުން ފަސޭހައިން އަރައިގަނެވޭ)، ރިސޯރސްފުލްނެސް (އަމިއްލަ ނަފުސު ދަންނަ، އަމިއްލަ ގާބިލުކަންކަން ދެނެހުންނަ، ކަންކަމަށް ފަސޭހައިން ހޭނޭ)، ރިފްލެކްޓިވްނެސް (ކަންކަމުގައި ވިސްނުމާއި ރިވެލިކުރުމާއި، ގޮތްނިންމުމާއި) އަދި އަމިއްލައަށް އުނގެނުމުގެ ހުނަރުތައް ލިބިފައިވާ ދިރިއުޅުމުގެ ތަފާތު ހާލަތްތަކަށް އަންނަ ބަދަލުތަކާ އެކު އުޅެން ދަންނަ ބަޔަކަށް ވުމެވެ (ކްލެކްސްޓޮން، 2000). މިކަމާ ގުޅޭގޮތުން އެހެން ޢިލުމުވެރިއެއް ކަމަށްވާ، ކެންޑީ (1991) ގެ ކުރީގެ ލިޔުމެއްގައި ބަޔާންކުރައްވަނީ ދިރިއުޅުމަށް ފަހި އުނގެނުމުގެ ހުނަރުތަކުގެ ތެރޭގައި މީހަކަށް ބަރޯސާ ނުވެ އުނގެނޭނެ ގޮތާއި އަދި އިތުރަށް އެކަން ތަރައްގީ ކުރާނެގޮތާއި، މަޢުލޫމާތު ހޯދާނެގޮތާއި، ކަންކަމުގެ ތަފާތު ހާލަތްތަކާ އެކު ދިރިއުޅޭނެ ގޮތާއި، އަމިއްލަ ނަފުސު ބެލެހެއްޓުމާއި، ކަންކަމުގައި އަމިއްލަ އިހުސާސްތައް ކޮންޓްރޯލު ކުރުން ފަދަ ކަންކަން ހިމެނޭކަމެވެ. މިހާރު ޒުވާންވަމުން އަންނަ ޖީލަކީ ކަންކަމުގައި ފަސޭހައިން ގޮތްހުސްވެ ހަދާނެގޮތްބޮޑުވެ، ކުރާނެ ނުކުރާނެ ކަމެއް ނޭނގި އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކުރުމަށް ދަތި ބައެއްގެ ގޮތުގައި ދިރާސާތަކުން ފާހަގަ ކުރެއެވެ. މިފަދަ ކަންކަމަށްވެސް އެންމެ އެކަށޭނަ ގޮތުގައި ދަރިވަރުން ތައްޔާރު ކުރެވޭނެ އެއް ގޮތަކީ ކިޔަވައިދިނުމުގައ ދިރިއުޅުމަށް ފަހި އުނގެނުމުގެ ހުނަރުތަކަށް ދަރިވަރުން ގާބިލު ކުރުވައިގެންނެވެ.
އިސްވެ ދެންނެވުނު، ޢިލުމުވެރިންގެ ވާހަކަކޮޅުގެ އިތުރުން ދިރިއުޅުމަށް ފަހި އުނގެނުމުގެ ހުނަރުތަކާ ގުޅޭ ގޮތުން ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ޝާއިކުރައްވާފައިވާ މަދަރުސީ ކިޔަވައިދިނުމުގައި ސަމާލުކަން ދޭންޖެހޭ ޓްރާންސްފަރަބްލް ސްކިލްތައް (ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް) މައިގަނޑު 3 ދާއިރާއެއްގައި ފާހަގަކުރެވެއެވެ. ހޫލަ 1 ގައި ވާ ގޮތުން، އެ ދާއިރާތަކަކީ، ބިންގާ ހުނަރު، ޑިޖިޓަލް ހުނަރު، އަދި ވަޒީފާމައިދާނުގެ ހުނަރެވެ. މިއިން ކޮންމެ ދާއިރާއެއް، ޚުލާޞާ ގޮތެއްގައި ތިރީގައި ބަޔާންކޮށްފައި އެ ވަނީއެވެ.
- ފައުންޑޭޝަން ސްކިލްސް (ބިންގާ ހުނަރުތައް)، މިއީ އުނގެނުމުގެ ތަފާތު ކަންކަމާ ގުޅޭ ހުނަރުތަކެވެ. މިސާލަކަށް، ހިސާބުގެ ޢިލުމު، ލިޔެކިޔުމުގެ ހުނަރު، ވާހަކަ ދެއްކުމުގެ ހުނަރު، މަޢުލޫމާތު އުފެއްދުމާއި ހޯދުމުގެ ހުނަރު، ވިސްނުމުގެ ހުނަރު، މީހުންނާ މުޢާމަލާތު ކުރުމުގެ ހުނަރު، އިޖުތިމާޢީ އިންތަކާއި މިންތައް ދެނެގަތުގެ ހުނަރު އަދި މުޖުތަމަޢެއްގައި އުޅުމަށް ބޭނުންވާ ހުނަރުތައް ފަދަ ތަފާތު ހުނަރުތަކެވެ.
- ޖޮބް ސްޕެސިފިކް ސްކިލްސް (ވަޒީފާގެ މައިދާނަށް ޚާއްޞަ ހުނަރުތައް)، މި ބާވަތުގައި ހިމެނެނީ މަސައްކަތެއް ކުރުމަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތާއި ހުނަރުތަކެވެ. މިސާލަކަށް ވަޑާންކުރުން، އޮފީސް މަސައްކަތްތައް، ދަނޑުވެރިކަން، މަސްވެރިކަން އަދި މިނޫނަސް، ވަޒީފާގެ މައިދާނުގައި ކުރެވޭ ތަފާތު މަސައްކަތްތަކާ ގުޅޭ ހުނަރުތަކެވެ.
- ޑިޖިޓަލް ސްކިލްސް (ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގެ ހުނަރު)، މިކަމަކީ ބަވަނަ ވަމުން މި އަންނަ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ސްކޫލުގެ ނިޒާމުގެ ތެރޭގައި ދަރިވަރުންނަށް ދަސްކޮށްދެވެން ޖެހޭ ހުނަރުތަކެކެވެ. މިސާލަކަށް ޑިޖިޑަލް ޕްލެޓްފޯމް/މަންސަތައް ބޭނުންކުރުމާއި، އިންޓަރނެޓްގެ ވަސީލަތްތައް ބޭނުންކުރުމާއި، ޑިޖިޓަލްކޮށް މުޢާމަލާތު/މުއާޞަލާތުކުރުމާއި، ޑިޖިޓަލްކޮށް މަޢުލޫމާތު ލިބިގަތުމާއި ފޯރުކޮށްދިނުމާއި، އަދި މި ކަންކަމުގެ އާންމު އުސޫލުތަކާއި ހިފަހައްޓަންޖެހޭ އިންތަކާއި މިންތައް އެނގުމާއި އަދި ޑިޖިޓަލް ދުނިޔޭގައި ރައްކައުތެރި ވާންވީ ގޮތްތަކާއި ސަމާލުވާންވީ ކަންކަން އެނގުން ފަދަ ގިނަ ގުނަ ހުނަރުތަކެވެ (ޔުނިސެފް، 2019).
މިއަދުގެ ކޮލަމުގައި މި އިޝާރާތްކުރެވުނު ވާހަކަކޮޅަކީ ގައުމީ މަންހަޖު ތަންފީޒުކުރުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެކެވެ. ގައުމީ މަންހަޖުގެ ތަޞައްވުރު އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރެވެން އޮތީ ދިރިއުޅުމަށް ފަހި އުނގެނުމުގެ ހުނަރުތައް ދަރިވަރުންގެ ކިބައިގައި އާލާކޮށް ހުރުލައްވައިގެންނެވެ. ކުރިން ވެސް ބަޔާންކުކރެވިފައިވާ ފަދައިން މި ކަމުގައި ގިނަ ފަރާތްތަކެއްގެ ވިސްނުން ބަދަލު ކުރަންޖެހެއެވެ. މިގޮތުން އަޅުގަނޑުމެންގެ ބެލެނިވެރިން ބަލައިގަންނަންވީ އުނގެނުމަކީ ހަމައެކަނި ލިބޭ މާކްސްތަކަކުން ބަލައިލެވޭ އެއްޗެއް ނޫންކަމެވެ. މުދައްރިސުން ގަބޫލުކުރަންވީ، ދަރިވަރުންނަށް ދެވޭ މަޢުލޫމާތުތައް ފަރިތަކަމާ އެކު ޝަރަޙަކޮށްގެން ކިޔަވައިދެވުނަސް، އެއީ އެންމެ ފުރިހަމަ ގޮތުގައި ކިޔަވައިދެވުނީ ނޫންކަމެވެ. ދަރިވަރުން ބަލައިގަންނަންވީ މަޢުލޫމާތަކީ، ކޮންމެ ފަހަރަކު މީހަކު ކިޔައިދޭން ޖެހޭ އެއްޗެއް ނޫންކަމާއި އަދި ކިއެއްތަ އެއީ، ދަރިވަރު އަމިއްލައަށް ވެސް ހޯދޭ އަދި އުފެއްދޭ އެއްޗެއްކަމެވެ. މުޅި މަދަރުސީ ނިޒާމުގައި ބަލަންވީ ދަރިވަރުން އަމިއްލައަށް ކުރާ މަސައްކަތްތަކެއްގެ ތެރެއިން އުނގެނުން ތަޖުރިބާ ކުރުމަށް ފުރުސަތު ފަހިކޮށް ދިނުމަށެވެ. މިގޮތުން ބަލާއިރު، ލައިފްލޯންގް ލަރނިންގއަށް (ދިރިއުޅުމަށް ފަހި އުނގެނުމަށް) ދަރިވަރުން ތައްޔާރު ކުރެވޭނީ ދަރިވަރުން އަމިއްލައަށް އުނގެނެން ކުރަންވީ ކޮންކޮން ކަންކަމެއްކަން، ބޭނުންކުރަންވީ ކޮންކޮން އުސޫލުތަކެއް، ކޮންކޮން ގޮތްތަކެއް، ކޮންކޮން އުކުޅުތަކެއްކަން ދަސްކޮށްދީ އެ ކަންކަމަށް ހާނުވައިގެންނެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ކަމަކާ ބެހޭ މަޢުލޫމާތުތަކެއް ސީދާސީދާ ދިނުމުގެ ބަދަލުގައި އެ މަޢުލޫމާތު ހޯދާނެ ގޮތް ކިޔައިދީގެންނެވެ. ލައިފްލޯންގް ލަރނިންގ ސްކިލްސް (ދިރިއުޅުމަށް ފަހި އުނގެނޭ ގޮތްތައް/ހުނަރުތައް) ދަރިވަރުންނަށް ދަސްކޮށްދިނުމަކީ މި ދެންނެވުނު ކަންކަން ކުރުމެވެ. ޚާއްޞަކޮށް ގައުމީ މަންހަޖުގެ ތަޞައްވުރު އެންމެ އެދެވޭ ގޮތުގައި ހާސިލު ކުރުމަށް ޓަކައި، ޔުނިސެފްގެ ފުރޭމްވާރކުގައި ބަޔާންކުރައްވާފައިވާ ތިން ދާއިރާއަށް ސަމާލުވެގެން ކިޔަވައިދިނުން ރޭވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.
ވަރައްމުހިއްމު މައުލޫމާތްތަކެއް ލިބިގެންދިއަ ލިއުމެއް. އިމްތިހާނުކުރުމާއި ވަޒަންކުރުމުގައި ގެންގުލެންޖެހޭ އުސޫލުތައް އިތުރުކޮށްދެއވުން އެދެން
މިފަދަ ފުރިހަމަ މައުލޫމާތުތަކެއް އުސްތާޒާގެ ފަރާތުން ލިބުމުން ވަރަށްބޮޑަށް އުފާކުރަން. ޟުކުރިއޔާ! އުސްތާޒާ
ވަރަށް ރަނގަޅު ލިޔުމެއް. މިއީ މިހާރު ގިނަ ކުދިންގެ ގައިގައި ހަރުލައިފައިވާ އަދި މައިންބަފައިން ވެސް ބޭނުންވާ، ފޮތުގައި އޮންނަ ދެލިގަނޑު އެކަނި ހިތުދަސްކުރުމުގެ އުސޫލު ޚިލާފަށް، ދަރިވރުން އަމިއްލައަށް ގިނަ ކަންތައްތަކެއް ދަސްވެ، ހުނަރުތަކެއް ލިބުމަށް ބާރުއަޅާނެ ގޮތެއް. އަދި މިއީ ދިރިއުޅުމުގެ މައިދާނަށް ކުއްޖާ ނިކުންނައިރު ޒިންމާދާރުކަމާއެކު ކަންކަން ކުރުމަށް ދަސްވާނެ ގޮތެއް. މިއީ މައިންބަފައިންނާއި ދަރިވަރުންނާއި ކަމާބެހޭ ފަރާތްތައް އިތުރަށް ހޭލުންތެރިކުރުވަން ޖެހިފައިވާ ކިޔަވައިދިނުޖުގެ މުހިންމު އުސޫލެއް ކަމުގައި ދެކެން.