އިސްލާމްދީން ހިމާޔަތްކޮށް ދެމެހެއްޓުމަށް ދައުލަތުގެ ވެރިންނާއި ރައްޔިތުންނަށް ޢީދު ޚުތުބާގައި ގޮވާލައްވައިފި

އިސްލާމްދީން ހިމާޔަތްކޮށް ދެމެހެއްޓުމަށް ޢަޒުމް އާކުރުމަށް ދައުލަތުގެ ވެރިންނާއި ރައްޔިތުންނަށް ޢީދު ޚުތުބާގައި ގޮވާލައްވައިފި އެވެ. ރާއްޖޭގެ މިނިވަންކަމުގެ ރަމްޒަކީ އިސްލާމްދީންކަން ޚުޠުބާގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

މިފަދަ އުފާވެރި ބަރަކާތްތެރި ދުވަހެއްގައި އަޅުގަނޑުމެންނަށް މާތްﷲ ދެއްވި އެންމެ ބޮޑު ނިޢުމަތަކީ  އިސްލާމް ދީންކަން ހަނދާންކުރަން ޖެހޭކަމަށް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. ރާއްޖޭގެ މިވަންކަމާއި ވަހުދަތުގެ ބިންގަލަކީ ވެސް އިސްލާމްދީންކަމަށާއި އެހެންކަމުން އަޅުގަނޑުމެންގެ އަޤީދާ ހަރުދަނާކޮށް، ވަކިވެފައިވާ އަޅުގަނޑުމެންގެ ހިތްތައް އަލުން ގުޅުވަންޖެހޭކަން ފާހަގަކުރެއްވިއެވެ. އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަކުރުމާއި، މަލާމާތްކުރުން ފަދަ  ވިޔާނުދާ ޢަމަލުތަކުން ދުރުވެ އަޚްވަންތަ ބަޔަކަށް ވާންޖެހޭކަން ޚުޠުބާގައި ހަނދާންކޮށް ދެއްވިއެވެ.

އީދަކީ އެންމެހާ މުސްލިމުންނަށް އަންނަ އުފާވެރި މުނާސަބަތެއްކަން ފާހަގަ ކުރައްވައި އީދުގެ އުފާ ފާޅުކުރުމާއި މުނިފޫހި ފިލުވަން ޖެހެނީ އިސްލާމީ މިންގަނޑުގެ ތެރޭގައިކަން ވަނީ ހަނދާން ކޮށްދެއްވައިފައެވެ.

"އިސްލާމީ ޢީދުގައި އޮތީ އިސްލާމީ މިންގަނޑު ތެރޭގައި އުފާ ފާޅުކުރުމާއި މުނިފޫހި ފިލުވުމެވެ. ހިތްތަކުގެ ސާފުކަމުންނާއި މޫނުތަކުގެ އުފާވެރިކަމުންނެވެ. އެކަނވެރިޔާ އެކަނިވެރިކަން ފިލުވައިދީގެންނެވެ. ނިކަމެތި މީހާ ބާރުވެރި ކޮށްގެންނެވެ. ބީރައްޓެހި މިހާ ރައްޓެހިކޮށްގެންނެވެ. އިސްލާމްދީނުގައި އީދަކީ ޝަހްވަތުގެ ފަހަތުން ދުއްވައިގަތުމެއް ނޫނެވެ. އެއީ ކާބޯތަކެތިން ބަނޑު ފުރާލުމެއްވެސް ނޫނެވެ. އެއި ﷲގެ ހައްދުތައް ފަހަނަޅައި ދިޔުމެއްވެސް ނުމެ ނޫންމެއެވެ. އިސްލާމީ ޢީދުތައް އަންނަނީ ﷲ އަށް އަދާކުރަން ޖެހޭ މުހިއްމު އަޅުކަންތަކާ ގުޅިގެންނެވެ. އެހެންކަމުން އިސްލާމީ ޢީދުތަކަކީ ﷲ އަށް ކިޔަމަންގަތުމުގެ މަތީގައިވާ  މުނާސަބަތުތަކެއް ކަމުގައި ހެދުމަށް ނަޞޭޙަތްތެރިވަމެވެ." ޚުތުބާގައި ވިދާޅުވިއެވެ.  

މަތިވެރިވަންތަ މާތްﷲ ޙައްޖާއި ޢީދު ޝަރުޢު ކުރެއްވުމުގެ މަތިވެރި ޙިކުމަތްތަކުގެ ތެރޭގައި މި އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުން ހިމެނޭކަން ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. ޙައްޖުގެ މަތިވެރިއަޅުކަމުން، ކޮންމެ ޙައްޖުވެރިއަކަށް އަނެކާގެ ޙަޔާތަށް ޙުރުމަތްތެރިކޮށް ހިތުމާއި ސުލްޙަމަސަލަސްވުމާއި އެކަކު އަނެކަކަށް ޢަދާވާތްތެރި ނުވުމަށް ތަމްރީނު ލިބި އެކަކު އަނެކެއްގެ މިނިވަންކަމަށް އަރައި ނުގަތުމަށް ތަމްރީނު ލިބޭކަން ޢީދު ޚުޠުބާގައި ފާހަގަކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.