އިންޑިއާގެ 52 ހާހަށް ވުރެ ގިނަ މީހުނަށް 24 ގަޑިއިރުގެ ތެރޭގައި ކޮރޯނާ ވައިރަސް ޖެހިއްޖެ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިއާގެ 52 ހާހަށް ވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިއްޖެއެވެ. މިއީ މިހާތަނަށް އެއްދުވަހުގެތެރޭގައި އިންޑިއާގެ ބަޔަކަށް ކޯވިޑް-19 ޖެހުނު އެންމެ ގިނަ އަދަދެވެ.

އެއްދުވަހުގެ ތެރޭގައި ބައިލައްކައަށްވުރެ ގިނަ މީހުންނަށް އިންޑިއާގައި ކޯވިޑް-19 ޖެހުނު އިރު އެ 24 ގަޑިއިރުގެ ތެރޭގައި 775 މީހުން ބަލީގައި މަރުވެފައިވެއެވެ.

ވައިރަސް ޖެހިގެން ފަރުވާ ހޯދަން ޖެހުނު މީހުންގެ އަދަދު އެއްދުވަހުގެ ތެރޭގައި ބައިލައްކައަށް ވުރެ މައްޗަށް އަރައިގެން ދިޔައިރު، ބަލިން ރަގަނޅުވާ މީހުންގެ އަދަދު އިތުރުވަމުންދާކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ހިސާބުތަކަށް ބަލާއިރު ކޮރޯނާ ވައިރަހަށް ފައްސިވި އެންމެ ގިނަ މީހުން ތިބީ މަހާރާޝްޓްރާ، އަންދުރަ ޕްރްދޭޝް، ޓަމިލް ނާޑޫ، ކަރުނާޓަކާ، އުއްތަރު ޕްރަދޭޝް ސްޓޭޓުގައެވެ.

ކޯވިޑް-19 ފުޅާ ދާއިރާއެއްގައި ފެތުރެމުންދާ އިންޑިއާގެ ސަރަހައްދުތަކުގެ ސްކޫލްތަކާއި ކޮލެޖުތަކާއި ތައުލީމީ އެހެން އިދާރާތައް އޮގަސްޓުގެ ނިޔަލަށް ވަނީ ބަންދުކޮށްފައެވެ. އަދި އެސަރަހައްދުތަކުގެ މެޓްރޯ ރޭލުތަކާއި ސިނަމާތަކާއި ފަތާފެންގަނޑުތަކާއި މުނިފޫހިފިލުވާ ޕާކުތަކާއި ރާވިއްކާތަންތަނާއި ޖަލްސާތައް ބާއްވާތަންތަން ބަންދުކޮށް ގިނަ މީހުން އެއްތަނަކަށް އެއްވުން ސަރުކާރުން ވަނީ މަނާކޮށްފައެވެ.

ބުރާސްފަތިދުވަހުގެ މެންދުރުފަހުގެ ހިސާބުތަކަށް ބަލާއިރު އިންޑިއާގެ 1590514  އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވެއެވެ. އަދި 532975 މީހުންނަށް ދަނީ ފަރުވާކުރަމުންނެވެ. ވައިރަސް ޖެހިގެން 35041 ހަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

އިންޑިއާގެ ސިއްހީދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ކޮންޓްރޯލް ނުކުރެވި ކޯވިޑް-19 ފެތުރެމުން ދަނީ ރައްކައުތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާ ގޮތެއްގައި ނޭޅުމުގެ ސަބަބުންނެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.