ގަސްތުގައި ކޮވިޑް ރޯގާ ފަތުރާކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ބަލަނީ 

 ގަސްތުގައި ކޮވިޑް ރޯގާ ފެތުރާކަމަށް މީސްމީޑިއާގައި ދައުރުވަމުން ވިޑީއޯގެ މައްސަލަ ފުލުހުން ބައްލަވަން ފަށްޓަވައިފިއެވެ.

ފުލުހުން ވިދާޅުވީ މީސް މީޑިއާގައި ދަރުވަމުންދާ ވީޑިއޯ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. ވީޑިއޯގައި ތުހުމަތުކުރެވޭ ގޮތަކަށް މީހެއްގެ ޢަމަލުތައް ހުރުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ސީސީޓީވީ ވީޑިއޯއަކުން ފެންނަ ގޮތުގައި، މާސްކް އަޅައިގެން ހުންނަ މީހަކު އެޕާޓްމަންޓެއްގެ ދޮރު ކުރިމަތީ މަޑުކޮށްލައިގެން ހުރެ އަޅައިގެން ހުރި މާސްކް ނަގައި އޭނާގެ ނޭފަތާއި އަނގަޔާއި މޫނުމަތީގައި އަތް ހޭކުމަށް ފަހު ދޮރުގެ އަތްގަނޑުގައި އަތްލާހަދައެވެ.

ދައުރުވަމުންދާ ވީޑިއޯއާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ގުޅައި އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.

ގިނަޢަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވަމުންދާ ދުވަސް ވަރެއްގައި މިފަދަ ވީޑިއޯއެއް އާއްމު ވުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިއްޔެ ރާއްޖެއިން ވަނީ 137 މީހުން ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި 92 ދިވެހިން ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.