ބަލިފެތުރެމުންދާ ގޮތަށް ބަލާއިރު ގެސްޓް ހައުސްތައް ހުޅުވޭނެކަމަށް ލަފާކުރަނީ ސެޕްޓެމްބަރ ގައި ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ކޮވިޑް މެނޭޖްމެންޓް ތިން ފެސިލިޓީއެއް އިފްތިތާޙުކުރުމަށް ވާޗުއަލްކޮށް ކުރިއަށްގެންދެވި ރަސްމިއްޔާތު ގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ މިހާރު ބަލި ފެތުރެމުންދާ ގޮތަށް ބައްލަވައި އޯގަސްޓްމަހު ރާއްޖޭގެ ގެސްޓްހައުސްތައް ހުޅުވާނުލެވޭނެކަމަށެވެ. ގެސްޓް ހައުސްތައް ހުޅުވާލެވޭނީ ކިހާތާކުކަން ކަޑައެޅޭނީ އޯގަސްޓްމަހުގެ 15 ގައި ޙާލަތު ދެނެގަތުމަށް ފަހު ކަމަށެވެ.
މިހާރުގެ ހާލަތަށް ބަލާނަމަ ބައްޔާއި މެދު އިތުރަށް ސަމާލުކަންދީ ރައްކާތެރިވާންޖެހޭކަމަށާއި އެހެންނޫނީ ކުރިއަށް އޮތީ އަމާން ދުވަސްތަކެއް ކަމަށް ނުވެދާނެކަމަށްވެސް މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތްމިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ފަސޭހަތަކެއް ލިބިގެންދާއިރު ސަމާލުކަން ނުދެވިއްޖެނަމަ ކުރިމަތީގައި އޮތް ދުވަސްތައް ވަކިން ނުރައްކާތެރި ދުވަސް ތަކަށްކަށް ވެދާނެ ކަމަށް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާކަން ތަފާސް ހިސާބުން ހާމަކުރައްވަމުން ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ ޚިދުމަތްތެރިން ވެސް ބައްޔަށް ޕޮޒިޓިވްވަމުންދާކަމަށް ހެލްތްމިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ޚިދުމަތްތެރިން ޕޮޒިޓިވްވެ ޚިދުމަތް ނުދެވޭ ކަމަށް ވާނަމަ، އެއީ ދިމާވާނެ ގޮންޖެހުމަކަށް ވާނެކަމަށް ވެސް ހެލްތް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
ބަލިންރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތް ހުއްޓާލާ ހިސާބަކަށް ނުދާކަން ފާހަގަ ކުރައްވައި މާސްކް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ހެދުމަށް އިލްތިމާސްކުރެއްވިއެވެ. ގިނައިން ގިނައިން އަތް ދޮވުމަށާއި ގައި ދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ވެސް ހެލްތް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.
ބަލި ފެތުރޭ މިންވަރަށް ބަލާފައި ވިޔަފާރިތަކާއި އާއްމު ދިރިއުޅުމަށް ބުރޫ ނާރާގޮތަށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުންދާނެކަމަށް ވެސް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.