(22 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މެހެމަލް ގަސްތުކޮށްގެން ހުރީ ހުމާޔޫނަށް އާދޭސް ނުކުރާށެވެ. އެކަމަކު މިހާރު އޭނާ އެ އާދޭސް ކުރަނީއެވެ. އެއީ އޭނާ އިންތިހާއަށް ލޯބިވީ މީހެކެވެ. އެހެންވީމާ އެހައި ފަސޭހައިން އޭނާޔާ ވަކިވާން ބޭނުން ނުވަނީއެވެ.
"ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދެނީ ޝައްކުވީމާ. ޔަގީންވީމާ އޮންނަނީ ހައްދު ޖެހުން." ހުމާޔޫން ރުޅިގަނޑު މައިތިރި ކުރަން މަސައްކަތް ކުރާ ކަހަލަ ގޮތަކަށް ބުންޏެވެ.
"އެސްޕީ ސާހިބް. ތިޔައީ އަމިއްލައަށް ކަނޑައަޅާ ހައްދެއް. އެހެންމީހުންގެ މައްޗަށް އެ ހައްދު ފައްތަން މަސައްކަތް ނުކުރޭ. ރަނގަޅާއި ނުރަނގަޅު ކަނޑައެޅުމުގެ މަސައްކަތަކީ ހިތުން ކުރާ މަސައްކަތެއް. އެއީ އަތުގެ މަސައްކަތެއް ނޫން. ހުމާޔޫން ފަހުން ހިތާމަ ކުރަންވެސް ޖެހިދާނެ."
"މެހެމަލް. ރަނގަޅާއި ނުރަނގަޅުގެ ތަފާތު އަހަންނަށް ފާހަގަ ކުރެވުނީ މާ ފަހުން. އަވަހަށް ފާހަގަ ކުރެވުނު ނަމަ ގެއްލުމެއް ނުވީސް."
މެހެމަލް އުދާސްވެފައި އިނދެ ހިނިތުންވެލިއެވެ.
"އަހަރެން ރަނގަޅުނުވީމާ އަހަރެން ދޫކޮށްލާފައި ހުމާޔޫން އެމީހަކާއެކީ ތިޔަ އުޅޭ މީހާއަކީ ކިހައި ވަރެއްގެ ރަނގަޅު މީހަކުތޯ ބަލައިލަން ވާނެއެއްނު؟ އެހެންނޫނީ އަނެއްކާވެސް ލަސްވުމަކީ އެކަށީގެންވާ ކަމެއް."
"އޭނާ މެހެމަލަށްވުރެ މާ ރަނގަޅު." އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ހުމާޔޫން ބުނެލިއެވެ. އަދި މެހެމަލާ ދިމާއަށް ފުންކޮށް ބަލައިލުމަށް ފަހު ސިޑިއާ ދިމާއަށް ހިނގައިގެންފިއެވެ.
އޭނާ ކަރުނައިގެ ލޮލަކުން އެދިމާއަށް ބަލަހައްޓައިގެން އިނީއެވެ.
މިއަދު ހުމާޔޫން އެދިޔައީ އޭނާއަކީ ބޭވަފާތެރިއެއްކަމުގެ ސިއްކަ ޖަހައިފައެވެ.
* * *
މެހެމަލް އިނީ ރީތިވާ މޭޒުދޮށުގައެވެ. ހިތާމައިގެ ކަނޑަކަށް ޣަރަގުވެފައެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އެވަގުތު ފަރިޝްތޭ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.
"އަހަރެންގެ ކުޑަކުޑަ ކޮއްކޮ ކީއްކުރަނީ؟" އޭނާ އަހައިލިއެވެ.
"މާބޮޑު ކަމެއް ނުކުރަން." އޭނާ ފަރިޝްތޭއާ ދިމާއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ.
ފަރިޝްތޭ މިއަދުވެސް ފެންނަނީ ހަމަ އެހެން ދުވަސްދުވަހެކޭ އެއްފަދައިން ތާޒާކަންމަތީގައި ހުއްޓައެވެ.
"އެހެން ވެއްޖެއްޔާ ބޮޑުކަމެއް ކުރަމާ ހިނގާ."
އޭނާ ވަދެގެން އައިސް މެހެމަލްގެ އަތުން ބޯއޮމާންކުރާ ބުރުސް އަތުލައިފިއެވެ. "ގެނޭ. ބޯ އޮމާންކޮށްލައި ދޭނަން."
ފަރިޝްތޭ ހުރީ މެހެމަލްގެ ގޮނޑީގެ ފުރަގަހުގައެވެ. ބޯ އޮމާންކޮށްދެމުން އޭނާ ވާހަކަ ދައްކަމުން ދިޔައެވެ. "މެހެމަލް ދެން ވަރަށް އަވަހަށް ރަނގަޅު ވެދާނެ... ހަދާނޭ ގޮތަކާ މެދު ވިސްނައިފިންތަ؟"
"ހަދާނޭ ގޮތެއް އަދިއެއް ނޭނގޭ. ޢިއްދައިގެ މުއްދަތު ހަމަވީމާ މިގެއިން ނުކުމެގެން ދާނީ. އެވަރު އެނގޭ." އޭނާ މަޑުމަޑުން ބުނެލިއެވެ.
"ދާނީ ކޮން ތަނަކަށް؟"
"ކުރިންވެސް ބުނީމެއްނު... ﷲ ގެ ދުނިޔެ ކުޑައެއް ނޫން. ފުރަތަމަ އާޣާޖާން ވީ ތަނެއް އެނގޭތޯ ބަލާނީ. ނޭނގުނިއްޔާ މިސްކިތަށް ދާނީ. ދަނާލުގައި އަހަރެން ބަހައްޓާނޭ ކަމަށް އުއްމީދު ކުރަން."
"ހޫނ..." ފަރިޝްތޭ އޭނާގެ ބޯ ގަތައިދޭން ފަށައިފިއެވެ.
"ދައްތަ ހަދާނީ ކިހިނެއް؟ އަހަރެން ދިޔައީމާ ދައްތައަށްވެސް ޖެހޭނީ ދާކަށްނު؟"
"ފަހަރެއްގައި އަހަރެންވެސް ކޮންމެވެސް އެހެން ދަނާލަކަށް ދާނީ. އަދި ވަކި ގޮތެއް ކަނޑައެއް ނާޅަން... އެވާހަކަ ބާއްވާ. މިއަދު އަހަރެން ކެއްކީ ޗައިނީޒް. މެހެމަލަށް މަންޗޫރިއަން ވަރަށް މީރެއްނު؟ ހިނގާ އަވަހަށް ކާން." ފަރިޝްތޭ އޭނާގެ ފުރޮޅުލީ ގޮނޑި އަނބުރައިލިއެވެ.
މީރު ކާއެއްޗެހީގެ ޝައުގުވެރިކަން ފިލައި ދިޔަތާ ކިތަންމެ ދުވަހެކޭ އޭނާ ބުނާނީވެސް ކިހިނެއް ހެއްޔެވެ؟ އެކަހަލަ މާޔޫސީގެ ވާހަކަ ދެއްކުމަކީ ﷲ މަނާ ކުރައްވައިފައިވާ ކަމެކެވެ. އެހެންވީމާ އެވާހަކަ ނުދެއްކީއެވެ. އޭނާ ހުރީ ހުމާޔޫންގެ ވާހަކައިގެ ސަބަބުން ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ. ފަރިޝްތޭ އައިސް ވާހަކަ ދައްކާން ފެށީމާ އެ ޚިޔާލު ތަންކޮޅެއް ކުޑަ ވެގެން ހިނގައްޖެއެވެ.
ކާކޮޓަރިއަށް އައި އިރު ހުރީ ކާން ހަދައި ތައްޔާރު ކޮށްފައެވެ.
"ތައިމޫރް..." މެހެމަލް ސުވާލެއް ކޮށްލާން އުޅެފައި ހުއްޓައިލިއެވެ. "ކީއްކުރާނީ؟ އެ ކުއްޖާ ދައްތަ ދެކެ އަންނަނީ މާ ގަދަ ރުޅިއެއް ވިއްޔަ."
"މި ބަތް އަޅާބަލަ. ވަރަށް މީރުވާނެ." ފަރިޝްތޭ ހިނިތުންވެލައިފައި ބަތްތަށި އޭނާޔާ ދިމާއަށް ޖައްސައިލިއެވެ.
"ތައިމޫރްގެ ކަންތައްތައް ހުންނަނީ ރަނގަޅަކަށް ނޫން. އެކަމަށްޓަކައި އަހަރެން ދައްތަގެ ކިބައިން މައާފަށް އެދެން." އޭނާއަށް ބުނެނުލައެއް ނުހުރެވުނެވެ.
"ހޫނ... އަޅާނުލާ. އަހަރެން އެކަމަކާ ހިތް ބުރައެއް ނުކުރަން. ބޮޑުދައިތައަކީވެސް މައެއްނު؟"
މެހެމަލް ލޯ ފޮހެލާފައި ހިނިތުންވެލިއެވެ.
ފަރިޝްތޭ މެހެމަލްގެ މޫނަށް ބަލައިލިއެވެ. "ނޫންތަ؟"
"އަހަރެންގެ ބޮޑުދައިތަދަރިއެއް ނެތް. ހުރިނަމަ އަހަރެންގެ އަމިއްލަ ޚިޔާލު ފާޅުކުރީމުސް. އެކަމަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސު ކުރައްވާފައި އޮތީމާ ތެދެއް ކަމުގައި ނޫނީ ނުވާނެ."
"ކީކޭ؟" ފަރިޝްތޭއަކަށް ރަނގަޅަކަށް ފަހުމެއް ނުވިއެވެ.
"މި ބުނީ ބޮޑުދައިތައަކީވެސް މައެއްފަދަ މީހެކޭ ކީރިތި ރަސޫލާ ހަދީސު ކުރައްވާފައި އޮވެއެއްނޫންހޭ."
"އާނ.. އަހަރެން ހަނދާން ނެތުނީ." ފަރިޝްތޭ ހިނިތުން ވެލައިފައި ތަށްޓައް ބަތް އަޅާން ފަށައިފިއެވެ.
* * *
މިއަދަކީ އޭނާ ހުމާޔޫންގެ ގޭގައި އުޅޭނޭ އެންމެ ފަހު ދުވަހެވެ. މާދަމާގެ މެންދުރުފަހާ ހަމައަށް އޭނާގެ ޢިއްދައިގެ ތިންމަސް ދުވަސް ފުރިހަމަ ވާނެއެވެ. އެވަގުތުން ފެށިގެން އޭނާއަކަށް މިގޭގައި އުޅުމުގެ އެއްވެސް ހައްގެއް ނޯންނާނެއެވެ.
މިއަދު އިރުއެރުމާއެކު އޭނާ ބޭރަށް ނުކުމެއްޖެއެވެ. ދޫނިތައް އެ ސޮރުމެންގެ ބަހުރުވައިން ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. ވިނަގަނޑު މަތީން ޝަބްނަމްގެ ތިކިތައް ފެންނާން ހުއްޓެވެ. މިރޭ ވާރޭ ވެހޭނޭ ނަމައޭ އޭނާގެ ހިތަށް އެރިއެވެ.
އެ ވާރޭ ވާނީ އޭނާއަށް މިގޭގައި ފެންނާނޭ އެންމެ ފަހުގެ ވާރެއަށެވެ.
ފަރިޝްތޭ މިއަދު މާ ހެނދުނަކާ ބޭރަށް ހިނގައްޖެއެވެ. ހުމާޔޫން ރޭ ގެއަށް އައީ ވަރަށް ލަހުންނެވެ. އެކަމަކު އޭނާވެސް ހެނދުނު މާ އަވަހަކަށް ބޭރަށް ހިނގައްޖެއެވެ. ތައިމޫރް އޮތީ ނިދައިފައެވެ. ބިލްގީސްވެސް ވީ އޭނާގެ ކޮޓަރީގައެވެ. އެހެންވީމާ މިއަދު އޭނާ އެކަނިމާއެކަނި އިނދެގެން ދޫނީގެ ލަވައިގެ އަޑު އަހަނީއެވެ. ލޮލުން މަޑުމަޑުން ކަރުނަ ފައިބަމުން ދިޔައެވެ.
މިއީ އޭނާގެ ވަރަށް ގިނަ ހަނދާންތަކާ ގުޅިފައިވާ ގެއެކެވެ. ދިރިއުޅުމުގެ ވަރަށް އުފާވެރި ދުވަސްކޮޅަކާއި ވަރަށް ހިތި ދުވަސްތަކެއް އޭނާ މިގޭގައި ހޭދަކޮށްފިއެވެ. ސާޅިއެއް އަޅައިގެން އޭނާ އެއް ރެއަކު މިގެއަށް އައެވެ. އެއީ އޭނާގެ މުސީބާތްތައް ފެށުނު ރެއެވެ. އޭގެ ފަހުން ކާވެނީގެ ހެދުމުގައި ޒީނަތްތެރިވެގެން އޭނާ މިގެއަށް އައެވެ. މި ގޭގައި ރަންޏެއްހެން ދިރިއުޅުނެވެ. އެކަމަކު އުފާވެރި ދުވަސްތަކަކީ ފާއިތުވެގެންދާ ދުވަސްތަކެކެވެ. އޭނާގެ އުފާވެރިކަމުގެ ދުވަސްތައްވެސް ފާއިތުވެގެން ދިޔައީއެވެ. ދެން އައީ ކަޅު އަދި ދިގު ނިންޖެއްގެ ދަތުރެކެވެ. އެ ދަތުރު ނިމުނީ އޭނާ ވަރަށް ފުނަށް ވެއްޓި އިނދަޖެހުމަށް ފަހުގައެވެ.
"މަންމާ." އޭނާ ސިހިގެން ދިޔައީ ތައިމޫރް އޭނާގެ ކޮނޑުގައި ހިފައި ތަޅުވައިލީމައެވެ. އޭނާގެ ކުރިމަތީގައި ނިދިމޫނާއިގެން އެހެރީ އޭނާގެ ދަރިފުޅު ތައިމޫރެވެ.
"އާނ... ދަރިފުޅާ." އޭނާ ހިނިތުންވެލުމަށް ފަހު ލޯބިން ތައިމޫރްގެ ކޮލުގައި ހިފައިލިއެވެ.
"މަންމަ ރޮނީ ކީއްވެގެން؟ ތައިމޫރް ބަލަން ހުންނަތާ މިހާރު ވަރަށް ގިނައިރު ވެއްޖެ." އޭނާ ގޮނޑީގައި އިށީނދެއްޖެއެވެ. މޫނުމަތީން ފެންނަނީ ކަންބޮޑުވުމުގެ ކުލަވަރެވެ. ހުރީ ނިދާ ހެދުމުގައެވެ.
"ކަމެއް ނުވޭ." މެހެމަލް އަވަސްއަވަހަށް ލޯ ފޮހެލިއެވެ.
"މަންމަ ރޮނީ މާގިނައިން. އަބަދު އަބަދު ރޮނީ." ތައިމޫރް ރުޅިމޫނު ހަދައިލިއެވެ. "މި ދުނިޔޭގައި އެންމެ ގިނައިން ރޮނީ މަންމަ."
"ނޫނޭ. ދުނިޔޭގައި އެންމެ ގިނައިން ކަރުނަ އޮއްސީ ކޮން އިންސާނަކުކަން ދަރިފުޅަށް އެނގޭތަ؟"
"ކާކު؟" އޭނާ މެހެމަލާ ގާތަށް ޖެހިލިއެވެ.
"އަހަރެމެން އެންމެންގެ ބަފައިކަލުން އާދަމް ޢަލައިހިއްސަލާމް. އެއީ މަނާކުރެއްވި ގަހުން ފަރިއްކުޅުއްވުނީމާ." މެހެމަލް ތައިމޫރްގެ ބޮލުގައި ފިރުމައިލިއެވެ. އޭނާގެ މައްސަލަތަކުގެ ސަބަބުން ތައިމޫރް ކަންބޮޑުވާގޮތް ވުމަކީ އޭނާ އެދޭ ގޮތެއް ނޫނެވެ. އޭނާގެ ވާހަކައިގެ ސަބަބުން ތައިމޫރްގެ ވިސްނުމުގެ މިސްރާބު ކޮންމެވެސް ވަރަކަށް ބަދަލުކޮށް ލެވިއްޖެއެވެ.
"އެހެންތަ؟" ތައިމޫރް ހައިރާންވިއެވެ. "ދެން އެންމެ ގިނައިން ރުއީ ކާކު؟"
"ދެން... ދާވޫދް ޢަލައިހިއްސަލާމް. އެއީ އެކަލޭގެފާނުގެ ނިންމެވުމެއްގައި ކުޑަކުޑަ އުނިކަމެއް ހިމެނުނީމާ."
"އޭގެ ފަހުން؟"
"އޭގެ ފަހުން؟" އޭނާ މާނޭވައެއް ލިއެވެ. "ނޭނގޭ. އެކަން ދެނެވޮޑިގެންވާނީ ﷲ."
"މަންމަ މާ ގިނައިން ރޮނީ. މަންމައަށް އެނގޭތަ... މަންމަ ކަހަލަ މަންމައެއް އެހެން މީހެއްގެ ނުހުންނާނެ. ތައިމޫރްގެ ރައްޓެސެއްގެވެސް ނުހުރޭ. ޓީޗަރެއްގެވެސް ނުހުރޭ."
"މަންމަ ކަހަލައޭ؟" މެހެމަލް ހިނިތުންވެލިއެވެ.
"ތައިމޫރަކަށް ނޭނގޭ ބުނާކަށް... އިނގިރޭސިން ބުނަންތަ؟ މަންމަ ކަހަލަ ނޯބްލް އޮނަރަބްލް މަންމައެއް ނުހުންނާނެ. މުޅި ދުނިޔެއިންވެސް ތައިމޫރަށް އެންމެ ނޯބްލް އެންމެ އޮނަރަބްލް މީހަކީ މަންމަ."
"ނޫނޭ... މަންމައަކީ އެކަހަލަ މީހެއް ނޫން. ދުނިޔޭގެ އެންމެ އޮނަރަބްލް މީހަކީ ކޮބައިކަން ދަރިފުޅަށް އެނގޭތަ؟" މެހެމަލް ފުން ނޭވައެއް ލިއެވެ.
"ކާކު؟"
"އެއީ ޔޫސުފް ޢަލައިހިއްސަލާމް. އެކަލޭގެފާނަކީ ނަބީބޭކަލެއްގެ ދަރިކަލެއް. އެކަލޭގެފާނުގެ ކާފާފުޅަކީ ނަބީބޭކަލެއް. މުނިކާފާފުޅަކީވެސް ނަބީބޭކަލެއް."
"އެކަލޭގެފާނު އޮނަރަބްލްވީ ކީއްވެގެން؟"
"ކީއްވެގެން؟" މެހެމަލް ތައިމޫރްގެ ސުވާލު ތަކުރާރު ކޮށްލިއެވެ. އެއްވެސް އިޚްތިޔާރަކާ ނުލައި އޭނާ އުދާސްވެއްޖެއެވެ. "އެއީ އެކަލޭގެފާނު ކެތްތެރިވެވަޑައިގަތީމާ ކަމުގައި ވެދާނެ. އަދި..." އޭނާ ހުއްޓައިލިއެވެ. ބުނާނީ ކީކޭ ކަމެއް ވިސްނައެއް ނުގަނެވުނެވެ. ހުރިހައި ވާހަކައަކީ ވިސްނައިދެވޭ ކަހަލަ ވާހަކައެއް ނޫނެވެ.
"މަންމާ... ބުނެބަލަ." ތައިމޫރް އަނެއްކާވެސް އަހައިލިއެވެ. "އަހަރެން ޔޫސުފް ޢަލައިހިއްސަލާމްގެ ވާހަކަ ކިޔައިދޭށޭ ބުނާއިރަށް މަންމަ ކަންބޮޑުވޭ."
"އެހެން ފަހަރަކުން ކިޔައިދޭނަން. ދަރިފުޅުގެ އިސްކޫލު ހުޅުވެނީ ކޮން ދުވަހަކު؟" އޭނާ ވާހަކަ ބަދަލުކޮށްލިއެވެ.
"ހޯމަ ދުވަހު."
"ފިލާވަޅުތައް ހަދައިފިންތަ؟"
"އެވާހަކަ ބާއްވާ. މަންމަ ދެރަވެފައި ހުރިކަން ތައިމޫރަށް އެނގޭ. މާދަމާ ބައްޕައާއި މަންމަޔާ ވަކިވާނެކަންވެސް އެނގޭ. ނޫންތަ؟" ތައިމޫރްގެ މޫނުމަތީންވެސް ފެންނަނީ އުދާސްކަމުގެ އަސަރެވެ.
"އާނ. ވަކިވާނެ. ދަރިފުޅު ދާނީ މަންމަޔާއެކީގައިތަ؟ ނޫނީ ބައްޕަ ގާތު ހުންނާނީތަ؟" އޭނާ ބޭނުންވީ ކޮންމެ ގޮތެއްވެސް އެންމެ ރަނގަޅު ކަމަށް ދައްކާށެވެ.
"ތައިމޫރް ދާނީ މަންމަޔާ އެކީގައި. އެ ހަންޑިއާ އެކީގައި ނޫޅޭނަން. ބައްޕަ ވަރަށް އަވަހަށް ކާވެނި ކުރާނެކަން ތައިމޫރަށް އެނގޭ."
ތައިމޫރަށް އާރްޒޫ ކަމުނުދަނީ ކަމުގައި ވެދާނެއެވެ. ހުމާޔޫން ބުނާ ގޮތުގައި އޭނާއަށްވުރެ އާރްޒޫ މާ ރަނގަޅެވެ.
"ދަރިފުޅާ. މަންމައަށްވުރެ އޭނާ މާ ރަނގަޅު." ހުމާޔޫންގެ ވިހަ ވާހަކަތައް ހަނދާނަށް ގެންނާން ޖެހުނީމާ އޭނާ ދެރަވިއެވެ.
"ކާކު؟" ތައިމޫރްގެ ހުދު ބުޅާ ދުވެފައި އޭނާގެ ގާތަށް އަތުވެއްޖެއެވެ. އޭނާ ގުދުވެފައި ބުޅާ ނަގައިފިއެވެ.
"އާރްޒޫ..." އޭނާ ނިންމައިގެން ހުރީ ތައިމޫރް ކުޑަކުއްޖަކަށް ވާތީ އެވާހަކަ ނުދައްކާށެވެ. އެކަމަކު އެހެން ބުނެވިއްޖެއެވެ.
"އާރްޒޫދައްތަ؟" ތައިމޫރް އަހައިލިއެވެ. "މިގެއަށް އެ އަންނަ އާރްޒޫދައްތަތަ؟ މަންމަގެ ދެބެއިންގެ ދެދަރި މީހެއްނު އެއީ ދޯ؟"
"އާނ. އޭނާ."
"އެއީ މަންމައަށްވުރެ ރަނގަޅު މީހެއް ނޫން. އެއްގޮތަކަށްވެސް ރަނގަޅު މީހެއް ނޫން." ތައިމޫރް ބޯ ހޫރައިލިއެވެ.
"އެހެން ވެއްޖެއްޔާ ދަރިފުޅުގެ ބައްޕަ އޭނާޔާ އިންނަނީ ކީއްވެގެން؟ އާރްޒޫދައްތައަކީ މަންމަ ކަމަށް ދަރިފުޅަށް ގަބޫލު ކުރެވޭނެތަ؟ ބަލައިގަނެވޭނެތަ؟"
މައްސަލައިގެ ތެރެއަށް ދަރިފުޅު ނުވައްދާން އޭނާ ހުރީ ކަނޑައަޅައިގެންނެވެ. އެކަމަކު ހުމާޔޫންގެ އަމަލުތަކާއި ވާހަކަ ހުރި ގޮތުން ކެތް ނުކުރެވުނީއެވެ. އެވާހަކަ ދެކެވުނީތީ އޭނާ ދެރަވެސް ވެއްޖެއެވެ.
"އެވާހަކަ ބާއްވަމާ ހިނގާ. ދަރިފުޅާ. މަންމަގެ އަތަށް ބުޅާ ދީބަލަ."
ތައިމޫރް ހައިރާންވެފައި އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ.
"ބައްޕަ އިންނަނީ އާރްޒޫދައްތަޔާތަ؟" ތައިމޫރް އަހައިލިއެވެ.
"ދަރިފުޅު ނުދެނަހުރިންތަ؟"
"މަންމަ ގާތު ބުނީ ކާކު؟" އަދިވެސް ތައިމޫރް ހުރީ ހައިރާންވެފައެވެ.
"ދަރިފުޅުގެ ބައްޕަ. ދަރިފުޅުވެސް ބުނީމެއްނު ބައްޕަ އުޅެނީ އޭނާޔާ އިންނާށޭ؟"
ތައިމޫރްގެ މޫނުމަތީން ފެންނަނީ އޮޅުންބޮޅުމުގެ ކުލަވަރެވެ. "އާރްޒޫދައްތަޔާ؟ ނޫނޭ މަންމާ. ބައްޕަ އިންނަނީ އާރްޒޫދައްތަޔަކާ ނޫން."
"އެކަމަކު ދަރިފުޅު..." ތައިމޫރްގެ ވާހަކަ އަދި ފުރިހަމައެއް ނުވެއެވެ.
"ބައްޕަ އިންނަނީ ބޮޑުދައިތަޔާ. މަންމަ ނުދެނަހުރިންތަ؟"
މެހެމަލަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. މުޅި ދުނިޔެ އެކޮޅުކޮޅުން ޖެހުނު ހެންނެވެ.
"ތައިމޫރް!" އޭނާ ބާރަށް ބުނެލިއެވެ. "ތިޔަކަހަލަ ވާހަކައެއް ދައްކަން ކެރުނީވެސް ކިހިނެއް؟"
ބުޅާ ތައިމޫރްގެ އަތުތެރެއިން ދެމިގެން ހިނގައްޖެއެވެ.
"މަންމަ ނުދެނަހުރިންތަ؟" ތައިމޫރް ހުރީ މެހެމަލަށްވުރެ މާ ބޮޑަށް ހައިރާންވެފައެވެ.
"ދަރިފުޅު ތިޔަކަހަލަ ވިޔާނުދާ ވާހަކައެއް ދެއްކީ ކީއްވެގެން؟ ޔާރައްބީ. އެއީ މަންމަގެ ދައްތަ. ދައްތަޔާ ބެހޭ ގޮތުން ތިޔަ ކަހަލަ ނުބައި ވާހަކައެއް ދެއްކީ ކީއްވެގެން؟" އޭނާގެ ރުޅި ދިޔައީ ގަދަވަމުންނެވެ. ތައިމޫރް އެކަހަލަ ވާހަކައެއް ދައްކައިފާނެއެކޭ އޭނާގެ ހިތަކަށްވެސް ނާރައެވެ.
"މަންމާ. އަޅެ ބައްޕާ ގާތު އަހާބަލަ. ބޮޑުދައިތަކުރެން އަހާބަލަ. ބައްޕަ އިންނަނީ ބޮޑުދައިތަޔާ."
"އަނގަމަޑުންލައިގެން ހުރޭ. ދަރިފުޅު ތިޔަ ދައްކަނީ މަންމަގެ ދައްތަގެ ވާހަކަ."
"އާނ... މަންމާ. ބައްޕަ މަންމަ ވަރިކުރީ އެހެން ވެގެން. މުސްލިމަކަށް ދެބެއިންނާ އެއްފަހަރާ އިނދެގެން ނޫޅެވޭނެތީ."
މެހެމަލްގެ ސިކުނޑި ފަޅައިގެން ދާން ތައްޔާރު ވަނީއެވެ.
"ތައިމޫރް ހީކުރީ މަންމަ ދެނަހުރި ކަމަށް. ތައިމޫރް ބުނީމެއްނު... ބައްޕަ އެ ހަންޑިޔާ އިންނަނީއޭ؟"
އެއީ ތެދެކެވެ. ތައިމޫރް ފަރިޝްތޭއަށްވެސް ކިޔަނީ ހަންޑިއެވެ. އޭނާ ހަނދާން ނެތުނީ ކިހިނެއް ހެއްޔެވެ؟ އޭނާ އަނބުރައިގަންނަ ގޮތް ވާން ފަށައިފިއެވެ.
"ނޫނޭ ދަރިފުޅާ. އެއީ މަންމަގެ ދައްތަ." އޭނާއަށް މިހާރު ވާހަކަ ދައްކާންވެސް އުނދަގުލެވެ.
"ބޮޑުދައިތަ މިގޭގައި އުޅެނީވެސް އެހެންވެގެން. މަންމަ ދިޔައީމާ ބައްޕަޔާ އިންނަންވެގެން."
"ތައިމޫރް. އެއީ މަންމަގެ ދައްތައޭ..." އޭނާގެ އަޑު ފަޅައިގެން ދަނީއެވެ.
"ބޮޑުދައިތަ ބައްޕަޔާއެކީ ހަވީރު ބޭރަށް ދާތަނެއް މަންމަ ނުދެކެންތަ؟ އެއް ފަހަރު ތައިމޫރްވެސް ގެންދިޔަ. އެމީހުން ހީކުރަނީ ތައިމޫރަކީ ކުޑަކުއްޖެއް ކަމަށް. އެހެންވީމާ ނޭނގޭނެ ކަމަށް. ތައިމޫރަށް ހުރިހައި ކަމެއް އެނގޭ."
"ތައިމޫރް. އެއީ މަންމަގެ ދައްތައޭ..." މިނޫން އެއްޗެކޭ މެހެމަލަކަށް ނުބުނެވެއެވެ. އޭނާގެ ފުރާނަ މަޑުމަޑުން ނުކުންނަނީއޭ ހީވާން ފަށައިފިއެވެ. ތައިމޫރް އެކިޔާ އެއްޗެއްވެސް އޭނާއަކަށް ނުވިސްނެއެވެ.
"ތައިމޫރަށް ބޮޑުދައިތަ ކަމުނުދަނީ އެހެން ވެގެން. އެއީވެސް ހަނޑިއެއް. ބައްޕަޔާއި މަންމަ ވަކިވަނީ އޭނާޔާ ހެދި. ހަވީރު އޭނާ ބައްޕަޔާ އެކީ ރެސްޓޯރަންޓަށްވެސް ދޭ. މަންމަ ނުދެކެންތަ؟"
"ނޫން. ތިޔައީ ދޮގެއް. ހަވީރު ދައްތަ ދަނީ މިސްކިތަށް. ކިޔަވައިދޭން."
"މިސްކިތަށޭ؟" ތައިމޫރް އަނެއްކާވެސް ހައިރާން ވެފައި މެހެމަލާ ދިމާއަށް ބަލައިލިއެވެ. "މިގެޔާ ޖެހިގެން ހުރި މިސްކިތަށްތަ؟ މަންމާ. މަންމަ ތިޔަ އުޅެނީ ކޮންތާކު؟ ބޮޑުދައިތަ ދުވަހަކުވެސް މިސްކިތަކަށް ނުދޭ."
"ދައްތަ... ދައްތަ އެތާގައި ޤުރްއާން ކިޔަވައިދޭ. ދަރިފުޅަކަށް..."
"އޭނާ ޤުރްއާން ނުކިޔަވާ. ތައިމޫރް ބުނީމެއްނު... ނުކިޔަވައޭ؟"
"ނޫނޭ... ދައްތަ އަހަރެމެން އެންމެންނަށްވުރެ ގިނައިން ޤުރްއާން ކިޔަވާ. މަންމައަށްވުރެވެސް ގިނައިން. މަންމައަށް ޤުރްއާން ކިޔަވައިދިނީވެސް ދައްތަ. ދައްތަ އެކަހަލަ ކަމެއް ނުކުރާނެ. ދަރިފުޅަށް އޮޅުނީ." މެހެމަލް ބޯހޫރަމުން ގެންދިޔައެވެ.
"ބޮޑުދައިތަ ޤުރްއާން ކިޔަވާން އިންދާ މަންމަ ދުށިންތަ؟ މިސްކިތަށް ދަނިކޮށް ދުށިންތަ؟"
"އޭނާ..." އޭނާ ފަރިޝްތޭގެ ދިފާޢުގައި އެއްޗެކޭ ބުންނަ އުޅެފައި ހުއްޓައިލިއެވެ.
ހަސްފަތާލުން އައި ފަހުން ހަގީގަތުގައިވެސް ފަރިޝްތޭ މިސްކިތަށް ދިޔަތަނެއް އޭނާ ނުދެކެއެވެ. ޤުރްއާން ކިޔަވަނިކޮށެއް ނުދެކެއެވެ. އެކަމަކު އޭނާ ބަރާބަރަށް ނަމާދުކުރާކަން އެނގެއެވެ.
"މަންމާ. ބިލްގީސް ދައްތަ ގާތު އަހާބަލަ. ބޮޑުދައިތަ މިސްކިތަކަށް ނުދޭ. މިސްކިތަށް ދަމޭ މަންމަ ގާތު ބޮޑުދައިތަ އަމިއްލައަށް ބުނިތަ؟" ތައިމޫރްގެ ސުވާލުގެ ޖަވާބެއް އޭނާގެ ކިބަޔަކު ނެތެވެ.
"ހަސްފަތާލަށް ދާން ޖެހޭތީ ހެނދުނު ކިޔަވައިދޭން ނުދެވޭ." އޭނާގެ ސުވާލަކަށް ޖަވާބު ދެމުން އެއް ދުވަހަކު ފަރިޝްތޭ ބުންޏެވެ. އޭގެ އިތުރަކަށް ވާހަކައެއް ނުދައްކައެވެ. ބާކީ ހުރިހައި ވާހަކައެއް އޭނާ އަމިއްލައަށް ވިސްނައިގަތީއެވެ.
ތައިމޫރް އެ ދައްކަނީ ހަމަ ތެދު ވާހަކަ ހެއްޔެވެ؟ ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. އޭނާގެ ދައްތަ އޭނާއަކަށް އެހެންނެއް ނުހަދާނެއެވެ. އެއީ އޭނާ ދެކެ ނުލާހިކު ބޮޑަށް ލޯބިވާ ދައްތައެކެވެ. އޭނާގެ ހުރިހައި ކަމެއް ނުލާހިކު ފަރުވާތެރިކަމާއެކު ބަލަހައްޓަމުން ގެންދާ ދައްތައެކެވެ. އެކަހަލަ ދައްތައަކު...
"ބޮޑުދައިތަ މިސްކިތަކަށް ނުދޭ. ކޮންމެ ދުވަހަކު ދަނީ ބައްޕަޔާއެކު. ފުރަތަމަ ބައްޕަ ކާރު ގެއިން ނެރެނީ. ކޮލޮނީ ނިމޭތާގައި މަޑުކޮށްގެން އޮންނަނީ. ދެން ބޮޑުދައިތަ ނުކުމެގެން ދަނީ. އެހެން ހަދަނީ ބިލްގީސްދައްތައަށް ނާންގަން ވެގެން. ތައިމޫރް ޓެރަސްމަތީގައި ހުރެގެން ވަރަށް ގިނަ ދުވަހު ބެލިން. ހެނދުނުވެސް ބޮޑުދައިތަ ދަނީ ބައްޕަޔާ އެކީގައި."
މެހެމަލް ގާވެއްޖެއެވެ.
"މަންމަ ހަސްފަތާލުގައި އޮތްއިރުވެސް އެހެން ހަދާ. ތައިމޫރަކީ ބޭބީއެއް ނޫނެއްނު؟ ހުރިހައި ކަމެއް އެނގޭ."
މިއީ ކިހިނެއް ވީ ކަމެއް ހެއްޔެވެ؟ ކޮން އިރަކު ވީ ކަމެއް ހެއްޔެވެ؟ މެހެމަލަކަށް އަދިވެސް ޔަގީނެއް ނުކުރެވެއެވެ. ނުވަތަ ޔަގީން ކުރަން ދަތިވެއެވެ. ތައިމޫރް އަދިވެސް ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އެކަމަކު އެއިން ވާހަކައެއް އޭނާއަކަށް އަޑެއް ނީވެއެވެ. އަޑުކެނޑި ކަންފަތް ބީރުވެއްޖެއެވެ. ހުރިހައި މޫނެއް ފުހެވިއްޖެއެވެ. ކަނުއަނދިރިކަން ފެތުރިއްޖެއެވެ. ހިމޭންކަން ވެރިވެއްޖެއެވެ.
"މަންމާ... ކިހިނެއްވީ؟" ތައިމޫރް ކަނބޮޑުވެފައި އޭނާގެ އަތުގައި ހިފައި ހަލުވައިލިއެވެ. އޭނާގެ މޫނުމައްޗަށް ވަނީ ފުސްބުރައިފައެވެ.
"ދަރިފުޅާ... މަންމަ އިރުކޮޅަކު އެކަނި ހުންނާން ބޭނުން." އޭނާ ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ. "ދަރިފުޅު ރީތިވެލައިގެން އާދޭ. އެންމެ ރަނގަޅުތަ؟"
ތައިމޫރް އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި ބިންމަތީގައި އޮތް ބުޅާ ނަގައިގެން ކިހިލީގައި ޖަހައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.
"ހަމައެކަނި ސަބަބަކީ ތިޔައީތަ؟"
"އޭނާ ކާވެނި ރުޖޫޢަ ނުކުރާނޭކަން ޔަގީންތަ؟"
"އެކަނިމާއެކަނި ހާލަތާ ކުރިމަތިލުމުގެ ހިތްވަރު މެހެމަލްގެ ކިބައިގައި އެބަހުރިތަ؟"
އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔައީ ފަރިޝްތޭގެ ވާހަކަތަކެވެ.
ކޮންމެ ދުވަހަކު ހަވީރު ހުމާޔޫން ދަނީ ރައްޓެއްސަކާއެކު ސައިބޯށެވެ. ކޮންމެ ދުވަހަކު ހަވީރު ފަރިޝްތޭވެސް ބޭރަށް ދެއެވެ. އޭނާ ދާ ވަކި ތަނެއް ދުވަހަކުވެސް ނުބުނެއެވެ. މެހެމަލްގެ ޢިއްދައިގެ މުއްދަތު ހަމަވީމާ އޭނާ ދާނޭ ތަނެއްވެސް ނުބުނެއެވެ. އޭނާ މިހާރުވެސް މި ގޭގައި އުޅެނީ ކީއްވެގެން ހެއްޔެވެ؟ މެހެމަލަށް ހޭހަން ކުރަން ހެއްޔެވެ؟ އެއީ ނަރުހަކުވެސް ކޮށްދީފާނޭ ކަމެކެވެ. އެހެންވީމާ އޭނާ ނުގޮސް ހުރީ ކީއްވެގެން ހެއްޔެވެ؟
ފަރިޝްތޭ ޤުރްއާން ކިޔަވާ ތަނެއް އޭނާ ނުދެކެއެވެ. އޭނާ މިސްކިތަށް ދިޔަ ދުވަހުވެސް ފަރިޝްތޭއެއް ނެތެވެ. އޭނާ ހަވީރު ވާންދެން މިސްކިތުގައި އުޅުނެވެ. އެކަމަކު ފަރިޝްތޭއެއް ނާދެއެވެ. އޭނާއަށް ކުށްހީއެއް ކުރެވުނެވެ. ފަރިޝްތޭ އެ ކުށްހީ ރަނގަޅުކޮށްދޭކަށްވެސް ނޫޅެއެވެ.
ދެން ހުރީ އާރްޒޫއެވެ. އޭނާގެ ދައުރަކީ ކޮބައި ހެއްޔެވެ؟ ހުމާޔޫން އޭނާޔާ އިންނާން އުޅޭކަން މެހެމަލަށް އޮތީ އެނގިފައެވެ. އާރްޒޫއާ ހުމާޔޫނާ ދެމީހުން ވާހަކަ ދެއްކި އަޑު އޭނާއަށް ވަނީ އިވިފައެވެ. އެކަމަކު މެހެމަލް ސުވާލުކުރީމާ ހުމާޔޫން ބުނީ އޭނާ އިންނާން އުޅޭ މީހަކު ބުނަން ނުޖެހޭނޭ ކަމުގައެވެ. އާރްޒޫއާ އިންނަ ވާހަކައެއް ނުބުނެއެވެ. އާރްޒޫއާއި ހުމާޔޫނާ ދެމީހުންގެ ގުޅުމާ މެދު ކަންބޮޑުވެގެން ފަރިޝްތޭ ނޫޅެއެވެ. އެއީ ރާވައިގެން ފަރުވާތެރިކަމާއެކު ކޮށްފައިވާ ކަމެކެވެ. އެ ދެމީހުންނަށްވެސް އެ ރޭވުން އެނގެއެވެ. އެކަކު އޭނާއަށް ނާންގައި ހުރީއެވެ. ހުމާޔޫން ބުނި ގޮތުގައި "އޭނާ" މެހެމަލަށްވުރެ ރަނގަޅެވެ. އޭނާ އެ ދެއްކީ ފަރިޝްތޭގެ ވާހަކައެވެ.
އެކަމަކު އޭނާގެ ދައްތަ އެހެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ގޭގައި ހުރެގެން އޭނާއަށް ޚިޔާނާތްތެރިވާނީ ކިހިނެއް ހެއްޔެވެ؟ އެއީ ޤުރްއާނުގެ ދަރިވަރެކެވެ. އެއީ ތެދުވެރިއެކެވެ. އަމާނާތްތެރިއެކެވެ. އޭނާއަށް އެ ބަދަލު އައީ ކީއްވެގެން ހެއްޔެވެ؟ ލަމަހާތަކަށް އަމާނާތްތެރިވާން ޖެހޭ ކަމަށް ގަބޫލުކުރާ މީހަކު ލޭގެ ގުޅުމަށް ޚިޔާނާތްތެރިވާނީ ކިހިނެއް ހެއްޔެވެ؟
ވިސްނަމުން ދިޔަ ވަރަކަށް އޭނާގެ ސިކުނޑިއަށް ކުރާ ބާރު ބޮޑުވަމުން ދިޔައެވެ. ހިތް ގެނބެމުން ދަނީއެވެ. މިއަދު އޭނާއަށް ގަބޫލު ކުރެވުނު ގޮތުގައި މި އުޅެނީ ހައްތަހާވެސް މަކަރުވެރިންނެވެ. އަމިއްލައެދުމުގެ މީހުންނެވެ. ކޮންމެ މީހަކުވެސް ސަމާލުކަން ދެނީ އެ މީހެއްގެ އަމިއްލަ ކަންކަމަށެވެ. އޭނާގެ މީހަކު ނެތެވެ. އެކަކުވެސް ނެތެވެ.
އޭނާ އެހެން އެތައް އިރެއް ވާންދެން އިނެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ ދުވަހަކުވެސް ބަދަލެއް ނާންނާނެ ފަރާތެކެވެ. އެހެން އެންމެން މަކަރު ހެދީމާވެސް އޭނާގެ ހާލު ބައްލަވަނީ އެ ފަރާތުންނެވެ. އޭނާގެ އެހީތެރިއަކަށް އަބަދުވެސް ވެފައި ވަނީ އެފަރާތުގެ ބަސްފުޅެވެ.
އޭނާ މަޑުމަޑުން އިސް ފުފުލައިލިއެވެ. އަދި މަޑުމަޑުން ގޮނޑި ދުއްވައިލިއެވެ.
ކޮޓަރިއަށް ވަދެ ހަރުގަނޑުމަތީގައި ބާއްވައިފައި އޮތް މުޞްޙަފް ނެގިއެވެ. މި ވަގުތު އޭނާއަށް އެ ފޮތުގެ ބޭނުން ވަނީ ޖެހިފައެވެ.
މުޞްޙަފްގެ ދަށުގައި އޮތީ އޭނާގެ ކުރީގެ ނޯޓުފޮތެވެ. މުޞްޙަފް ނެގުމާއެކު އެ ފޮތް ވެއްޓިއްޖެއެވެ. އޭނާ އެ ނޯޓުފޮތް ނަގައިފިއެވެ.
ނޯޓުފޮތް އޮތީ ހުޅުވިފައެވެ. އެއީ އޭނާ ވަރަށް ގިނައިން ބަލައި އުޅޭ ނޯޓަކަށް ވާތީ ފޮތް ހުޅުވެނީ އެއް ތަނަކުންނެވެ. އެއީ އޭނާ ބަޤަރާ ސޫރަތުގެ އާޔަތެއްގެ ތަފުސީރު ނޯޓު ލިޔުނު ތަނެވެ. އޭނާއަށް އަބަދުވެސް އޮޅުން އަރާ ކަމެއްގެ ނޯޓެކެވެ. حطّة އާއި حنطة ގެ ވާހަކަ ލިޔުނު ތަނެވެ.
އޭނާގެ އެއް އަތުގައި އޮތީ މުޞްޙަފެވެ. އަނެއް އަތުގައި އޮތީ ނޯޓުފޮތެވެ. ނޯޓު ފޮތުގައި އޭނާ ލިޔެފައި އޮތީ حنطة ގެ މާނައަކީ ކުނިކަމުގައެވެ. ކުނި އޭނާ ލިޔެފައި އޮތީ އުރްދޫ ބަހުންނެވެ. އެއީ گند (ގަންދް)އެވެ. އެހައިތަނުން އެ ސަފުހާ ހުސްވީއެވެ. އޭނާގެ ލޮލުގައި ކުއްލިއަކަށް އަޅައިގަތީ މުޞްޙަފްގެ ބޭރުގައި އޮތް މީމެވެ. އޭނާ ދެފޮތް ކައިރިކޮށްލިއެވެ. އެ މީމު ގަންދްއާ ގުޅުނީމާ ލަފުޒު ފުރިހަމަ ވެއްޖެއެވެ. އެއީ ގަންދަމްއެވެ. ގޮދަނެވެ.
"گندم"
އެ ދުވަހުގެ ކުލާސް އޭނާގެ ހަނދާނަށް އަތުވެއްޖެއެވެ. އޭނާ ލިޔަން އިނީ މުޞްޙަފްގެ މަތީގައި ނޯޓުފޮތް ބާއްވައިގެންނެވެ. ސަފުހާ ފުރުނީމާ މީމު ލިޔެވުނީ މުޞްޙަފްގެ ބޭރުގަނޑުގައެވެ. އެ ދުވަހު ކުލާހުގެ މޫލަވެރިޔާ އައިސް އޭނާ މުޞްޙަފްގެ މަތީގައި ނޯޓުފޮތް ބާއްވައިގެން ލިޔާތީ ނުރުހިގެން ވާހަކަވެސް ދެއްކިއެވެ.
އެތައް އަހަރަކަށް ފަހު މިއަދު އެ ވާހަކަ ފުރިހަމަވީއެވެ. އޭނާގެ ސިކުނޑީގައި ބައްތިއެއް ދިއްލިއްޖެއެވެ. ހުރިހައި މައްސަލައެއްގެ ހައްލު ފެނިއްޖެއެވެ.
ބަނީއިސްރާއީލީންނަށް ރަށުގެ ދޮރު ހުޅުވުމާއެކު އަމުރު ކުރެއްވުނީ ތައުބާވަމުން މަޢާފަށް އެދެމުން ވަދެގެން ދާށެވެ. އެކަމަކު އެމީހުން އެދެމުން ދިޔައީ ގޮދަނަށެވެ. އެއީ ބަނީއިސްރާއީލީންގެ އާދައެވެ. އޭނާވެސް ކަންތައް ކުރީ ބަނީއިސްރާއީލީން ކަންތައް ކުރި ގޮތަށެވެ.
(ނުނިމޭ)
އަޅެ މިއަދު ތަންކޮޅެއް އަވަހަށް ވާހަކަ ގެނެސްދެއްޗޭ.
V.v.vreethi varah bodah hayaataa gulhi gen dhanee mibayaa
ޢައިޝާ ގެ ޙަޔާތުގެ ވާހަކަ ވަރަށް އަޑު އަހާލާހިތްވެއްޖެ...
Masha Allah haadha furihamaey