ދިބާޖާ މައްސަލައިގައި ހިމެނޭ ކޮރަޕްޝަނާ ގުޅުން ހުރިކަންކަން އޭސީސީއަށް ފޮނުވަނީ 

ދިބާޖާ މައްސަލައިގައި ހިމެނޭ ކޮރަޕްޝަނާ ގުޅުން ހުރިކަންކަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވުމަށް ނިންމަވައިފައިވާކަމަށް އޮޑީޓަރ ޖެނަރަލް ޙަސަން ޒިއަތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވިދާޅުވެއްޖެއެވެ.

އުތުރުގެ ދަތުރުފަތުގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ވެފައިވާ އެއްބަސް ވުމުގައި ކޮރަޕްޝަން ތުހުމަތު ކުރެވޭ ކަންކަމުގެތެރޭގައި އެއްބަސްވުމުގައި 15 ހެކްޓަރުގެ ބިމެއް އެކުންފުންޏަށް ދޭ ގޮތަށް އޮތް އިރު 37 ހެކްޓަރގެ ބިމަކަށް ބަދަލުވެ ވަކި ރަށަކަށް ބަދަލުވެގެން ދިއުންހިމެނޭކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅިވިއެވެ. އަދި 25 އަހަރަށް ހަދައިފައިވާ އެއްބަސްވުން 50 އަހަރަށް ބަދަލުވުން ވެސް ހިމެނޭކަން ފާހަގަ ކުރެއްވިއެވެ.

އޮޑިޓަރ ޖެނަލް ވިދާޅުވީ ދަތުރުފަތުގެ ޚިދުމަތް ދިނުމަށް ދިބާޖާއާއެކު ވެފައިވާ އެއްބަސްވުން ސަރުކާރުން އުވާލެއްވި ނަމަވެސް އެއްބަސްވުމާ ގުޅިގެން ދައުލަތުން ބަދަލު ދޭންޖެހޭ ކަމަށް ޤަބުލު ނުކުރެއްވޭ ކަމަށެވެ. ތިން އަހަރު ދުވަހުގެ ތެރޭގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ދިބާޖާއިން 49 މިލިއަންރުފިޔާ ހުށަހަޅައިފައިވާއިރު ސަރުކާރުން އެކުންފުންޏަށް ދީފައިވާ ސަބްސިޑީގެ އަގު  115 މިލިއަންރުފިޔާއަށް އަރާކަމަށް އޮޑިޓަރ ޖެނަރަލް ވިދާޅުވިއެވެ. މި ސަބްސިޑީއަށް ބެލިނަމަވެސް އެކުންފުންޏަށް ގެއްލުންވެފައި ނުވާނެކަމަށް އޮޑިޓަރ ޖެނަރަލް ފާހަގަ ކުރެއްވިއެވެ.  ކައުންސިލްތަކުން އިޢުލާންކޮށްގެން ދަތުރުފަތުރުގެ ޚިދުމަތަށް ދިނުމަށް ހޯދި އަގުތަކަށް ބަލާއިރުވެސް އަގު އުޅެނީ 30 މިލިއަން ރުފިޔާގައި ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަ ކުރެއްވިއެވެ. އެމްޓީސީސީގެ އަގުތަކަށް ބަލާއިރު ތިން އަހަރު ދުވަހުގެ ތެރޭގައި ހަތަރު އަތޮޅުގެ ދަތުރުފަތުރު ޚިދުމަތް ދިނުމަށް ހިނގާނެކަމަށް ލަފާކޮށްފައިވާ އަގަކީ 29 މިލިއަން ރުފިޔާ ކަމަށްވެސް އޮޑިޓަރ ޖެނެރަލް ފާހަގަ ކުރެއްވިއެވެ. މިއަގުތަކަށް ބަލާއިރު ވެސް ދީބާޖާއަށް ސަރުކާރުން ދިން ޖުމުލަ ސަބްސިޑީގެ އަގު  115 މިލިއަންރުފިޔާއަށް އަރާތީ ކުންފުންޏަށް ގެއްލުން ވެފައި ނުވާނެކަމަށް ވެސް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

ރިސޯޓް ހަދަން ދިން ރަށުގެ ކުއްޔަށް ބަލާއިރު އެއީ 46 މިލިއަން ރުފިޔާކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަ ކުރެއްވިއެވެ. އިމްޕޯޓް ޑިއުޓީގެ ގޮތުގައި 5 ލައްކަ ރުފިޔާ މަޢާފްކޮށް ދެއްވައިފައިވާކަމަށް ވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފެރީ ޓާމިނަލާއި ގެސްޓް ހައުސް ހަދަންވެސް ފުރުޞަތު ދީފައިވާކަން އޮޑިޓަރ ޖެނެރަލް ފާހަގަ ކުރެއްވިއެވެ.

އާންމު ޚިދުމަތްތައް ދިނުމަށް ހެދޭ އެއްބަސްވުންތަކުގައި ޚިދުމަތްދޭ ފަރާތަށް ވުރެ ދައުލަތުގެ މަސްލަޙަތު އިސްކުރަންޖެހޭ ކަމަށް މާލިއްޔަތު ކޮމެޓީގައި  ވާހަކަ ދައްކަވަމުން އޮޑިޓަރ ޖެނެރަލް ފާހަގަ ކުރެއްވިއެވެ. ޚިދުމަތަށް ފަސް ދުވަސް މެދު ކެޑިއްޖިއްޔާ ކޮންޓްރެކްޓް ބާޠިލް ކުރާނެކަމަށް ވެސް އެއްބަސް ވުމުގައި ބުނެފައިވަނީ އާންމު ޚިދުމަތަކަށްވާތީކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ. އަދި މިފަދަ އެއްބަސް ވުންތަކާ ގުޅިގެން ރިސޯޓް ހަދަން ރަށްތަށް ދޫކުރުމަކީ ކަމުދާ ގޮތެއް ނޫންކަމަށާއި އެކަމުން ދައުލަތަށް ގެއްލުންވާނެ ކަމަށް އޮޑިޓަރޖެނެރަލް ފާހަގަ ކުރެއްވިއެވެ. މިކަންކަމާ ގުޅިގެން އޮޑިޓަރ ޖެނެރަލް ވަނީ ސަރުކާރަށް ރެކޮމެންޑޭޝަންތަކެއް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ވެސް ދަމަހައްޓައިފައި ވަނިކޮށް، އެކަމުގައި ރައްޔިތުންގެ މަޖިލީހުންނާއި އާއްމު ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރަމުން ދިއުމާއެކު މައްސަލަ މުރާޖައާ ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އޭޖީ ވަނީ ހުށަހަޅުއްވައިފައެވެ.

ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ވަނީ ނިންމަވައިފައެވެ. ނަމަވެސް އެ އުސޫލުން އެއްވެސް ފައިސާއެއް އެކުންފުންޏަށް ދޫނުކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ އަންގަވައިފައެވެ. ދިބާޖާއަށް 348 މިލިއަން ރުފިޔާ ދިނުމަށް ކޯޓުން ދައުލަތުގެ މައްޗަށް ޙުކުމް ކޮށްފައި ވީނަމަވެސް އެ ކުންފުންޏާ އެކު، ސަރުކާރުން އުފެއްދެވި ސެޓްލްމެންޓް ކޮމިޓީން ކުރި މަޝްވަރާތަކަށް ފަހު ނިންމައިފައި ވަނީ 174 މިލިއަން ރުފިޔާ ދިނުމަށެވެ.

ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އަށް ބަދަލު ދޭން ސަރުކާރުން ނިންމި ނިންމުމުގެ ފަހަތުގައި ކަންތައްތަކެއް ހިންގާފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ބައެއް މެމްބަރުން ވަނީ ތުހުމަތު ކުރައްވައިފައެވެ. ދީބާޖާއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ހިނގާފައިވާ އެންމެހައި މުއާމަލާތްތައް ބަލައި ތަހުގީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ވެސް މާލިއްޔަތު ކޮމެޓީން ކުރިން ވަނީ ނިންމަވައިފައެވެ.

އުތުރުގެ ހަތަރު އަތޮޅު ހިމެނޭގޮތަށް އުތުރު ޕްރޮވިންސްގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ދިބާޖާ އިންވެސްޓްމެންޓާއެކު ސަރުކާރުން އެއްބަސްވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި  2010 ވަނަ އަހަރުގެ ފެބުރުއަރީ ފުރަތަމަ ދުވަހުއެވެ. މި އެއްބަސްވުން އުވާލީ 2013 ވަނަ އަހަރުގެ މެއިމަހު 30 ގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. މިމައްސަލައިގައި އެކުންފުނިން ފުރަތަމަ މަސައްކަތްކުރީ 2.4 ބިލިއަން ރުފިޔާގެ ބަދަލެއް ދައުލަތުން ހޯދުމަށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.