ކެންޔާ އަންހެން ކުއްޖާ ޔޮޓުން މޫދަށް ފުންމާލީ ދެވަނަ ފަހަރަށް ޖިންސީ ގޯނާ ކުރަން އުޅުމުން

ހުޅުމާލޭ ފަޅުތެރޭގައި އޮތް ޔޮޓެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައިގައި މެންދުރު ވެބްސައިޓްގައި ޖަހާފައި އޮތް ޚަބަރާއި ފުލުހުންނަށް ބިދޭސީމީހާ ދިން ބަޔާނުގައި ބުނާ ގޮތާ ތަފާތު ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް ޢަބްދުލްމަންނާނު ޔޫސުފް ވިދާޅުވި ގޮތުގައި ފުލުހުން ފުރަތަމަވެސް މަސައްކަތް ކުރީ އަންހެނަކު މާކުޑަ ކަމަކާ ލައިގެން ރޭގަނޑު ދަންވަރު މޫދަށް ފުންމައިނުލާނެ ކަމަށް ބަލައިގެންނެވެ.

ކެންޔާ އަންހެން ކުއްޖާގެ ބަޔާނުގައި އޭނާ ބުނި ކަމަށް ފުލުހުން މަންނާނު ވިދާޅުވީ މޫދަށް ފުންމާލީ ފުރަތަމަ ޖިންސީ ގޯނާ ކުރުމަށް ފަހު ދެވަނަ ފަހަރަށްވެސް އެފަދަ ގޯނާއެއް ކުރަން އުޅުނީމައެވެ.

މެންދުރު ވެބްސައިޓާއި މިހާރު ނޫހުގައި ހުރި ވާހަކަތަކަށް ބަލާއިރު އަންހެންކުއްޖާ ފުލުހުންނަށް ކިޔައިދީފައިވާ މައުލޫމާތާ ދިމާވަނީ މިހާރުގައި ހުރި ވާހަކަތައް ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މަންނާން ވިދާޅުވި ގޮތުގައި މެންދުރު ވެބްސައިޓްގައި ހުރީ ރަނގަޅު ވާހަކަތަކެއްް ނޫނެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަ މިހާރުވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މިއަދުގެ ޕްރެސް ކޮންފަރެންސްގައިވެސް ކުރިން ނޭނގޭ މާ ގިނަ މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.