ފާއިތުވި ތިން އަހަރުވެސް އެންމެ ގިނައީ ޖިންސީ އަނިޔާ ލިބުނު ކުދިންކަން އިއްޔެ ފުލުހުން ހާމަކުރި ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.
ފާއިތުވި ތިން އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2017 ވަނަ އަހަރު ތަފާތު އެކި އަނިޔާތަކުގެ 539 މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވާއިރު އަނިޔާ ލިބުނު 668 ކުދިންގެ ތެރެއިން 45.8 އިންސަތަ ކުދިންނަކީ ޖިންސީ އަނިޔާ ލިބުނު ކުދިންނެވެ. އެއީ 306 ކުދިންނެވެ. 2018 ގައި ތަފާތު އެކި އަނިޔާތަކުގެ 457 މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވާއިރު އަނިޔާ ލިބުނު 556 ކުދިންގެ ތެރެއިން 53.5 އިންސަތަ ކުދިންނަކީ ޖިންސީ އަނިޔާ ލިބުނު ކުދިންނެވެ. އެއީ 298 ކުދިންނެވެ. 2019 ވަނަ އަހަރު ތަފާތު އެކި އަނިޔާތަކުގެ 461 މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވާއިރު އަނިޔާ ލިބުނު 574 ކުދިންގެ ތެރެއިން 50.6 އިންސަތަ ކުދިންނަކީ ޖިންސީ އަނިޔާ ލިބުނު ކުދިންނެވެ. އެއީ 291 ކުދިންނެވެ. މިއަހަރު ފުރަމަ ހަމަސް ދުވަހަށް ބަލާއިރު ތަފާތު އެކި އަނިޔާތަކުގެ 256 މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވާއިރު އަނިޔާ ލިބުނު 249 ކުދިންގެ ތެރެއިން 56.6 އިންސަތަ ކުދިންނަކީ ޖިންސީ އަނިޔާ ލިބުނު ކުދިންނެވެ. އެއީ 141 ކުދިންނެވެ.
ފުލުހުން ހާމަކުރައްވައިފައިވާ ތަފާސް ހިސާބު ތަކަކީ ޖިނާއީ ކުށުގެ ގޮތުގައި ފުލުހުނަށް ހުށަހެޅިގެން ބަލަމުންދާ މައްސަލަ ތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންނަށް ލިބޭ އަނިޔާގެ މައްސަލަތަކުގެ ޝިކާރައަކަށް ވެފައިވާ ކުދިންގެ ތަފާސް ހިސާބެވެ.
ޖީންސީ އަނިޔާ ތަކުގެ އިތުރުން އެންމެ ގިނައީ ޖިސްމާނީ އަނިޔާތައް ލިބޭ ކުދިންނެވެ. 2017 ވަނަ އަހަރު ޖިސްމާނީ އަނިޔާތަކުގެ ޝިކާރައަކަށް 213 ކުއްޖަކު ވެފައިވާއިރު 2018 ވަނަ އަހަރު 114 ކުއްޖަކު ވަނީ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށް ވެފައެވެ. އަދި 2019 ގައި 112 ކުއްޖަކަށް ޖިސްމާނީއަނިޔާތައް ލިބިފައިވާއިރު މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ 38 ކުއްޖަކު ވަނީ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށް ވެފައެވެ.
މިއަހަރުގެ ތަފާސް ހިސާބުތަކަށް ބާލާއިރު ޖިސްމާނީ އަނިޔާއަށް ވުރެ އިހްމާލުވުމުގެ މައްސަލަތައް ދިމާވެފައިވާ ކުދިންގެ ޢަދަދު ގިނައެވެ. އިހުމާލުވުމުގެ މައްސަލަ 48 ކުއްޖަކަށް ދިމާވެފައިވާކަން ފުލުހުން ހާމަކުރެއްވި ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް މިދިޔަ ތިން އަހަރުގެ ތަފާސް ހިސާބުތަކުން ތިން ވަނައަށް އެންމެ ގިނައީ އިހުމާލުވުމުގެ ޝިކާރައަކަށްވި ކުދިންނެވެ.
އިތުރަށް ހުށަހެޅިފައިވާ މައްސަލަ ތަކުގެ ތެރެގައި "ތްރެޓް" ނުވަތަ ބިރުދެއްކުމުގެ މައްސަލަތަކާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ހިމެނެއެވެ. މީގެއިތުރުން މިދިޔަ އަހަރުން ފެށިގެން ފުލުހުން ވަނީ ކުޑަކުދިންނާ ގުޅޭ ބްލެކްމެއިލްގެ މައްސަލަތަކުގެ ތަފާސް ހިސާބުތައް އެއްކުރައްވައިފައެވެ.
ކުޑަކުދިންނާ ގުޅޭ ބްލެކްމެއިލްގެ 53 މައްސަލައެއް މިދިޔައަރު ހުށަހެޅިފައިވާއިރު މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެޢަދަދު ވަނީ 86 އަކަށް އަރާފައެވެ. މިއަހަރު ހުށަހެޅިފައިވާ ބްލެކްމެއިލްގެ މައްސަލަތަކުގެ ޝިކާރައަކަށް 18 ކުއްޖަކު ވެފައިވާއިރު އޭގެތެރޭގައި ހިމެނެނި 14 އަންހެންކުދިންނާއި ހަތަރު ފިރިހެން ކުދިންނެވެ. މިދިޔައަހަރު ހުށަހެޅުނު ބެލެކްމެއިލްގެ މައްސަލަތަކުގެ ޝިކާރައަކަށް 11 ކުއްޖަކު ވެފައިވާއިރު އެއީ މުޅިންވެސް އަނެހެންކުދިންނެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ކުދިންގެ ތެރޭގައި ވެސް ގިނައީ އަންހެން ކުދިންނެވެ.
ގެވެށި އަނިޔާތަކުގެ ތެރޭގައި އެންމެ ގިނައެއް މައްސަލައަކީ ކުޑަކުދިންނަށް ކުރާ ޖިންސީ އަދި ޖިސްމާނީ އަނިޔާތަށް ވާއިރު ސަރުކާރުން ވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ކެމްޕޭނެއް ފަށްޓަވައިފައެވެ. މި ކެޕްޕޭންގެ ދަށުން ގެވެށި އަނިޔާ ހުއްޓުވުމަށް ހޭލުންތެރި ކުރުމުގެ ތަފާތު ގިނަ ހަރާކަތްތަކެއް ހިންގުމަށް ވަނީ ހަމަޖައްސަވައިފައެވެ.