އީރާނުގެ ބޫޝެހެރް ބަނދަރުގައި އޮތް ހަތް ބޯޓެއްގައި އިއްޔެ އަލިފާން ރޯވެއްޖެ ކަމަށް އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނެފިއެވެ. މި ހާދިސާ ހިނގާފައި މިވަނީ ފާއިތުވި ތިން ހަތަރު ހަފުތާތެރޭގައި އީރާނު ތަފާތު ތަންތަނުގައި ތަކެތި ގޮވުމާއި އަލިފާން ރޯވުމުގެ ހާދިސާތައް ހިނގާފައި ވަނިކޮށެވެ. މީގެ ތެރޭގައި ނަތަންޒްގެ ނިއުކުލިޔާ މަރުކަޒުވެސް ހިމެނެއެވެ.
ބޫޝެހެރް ބަނދަރުގެ ބޯޓުޔާޑުގައި ހުރި ބޯޓުތަކުގައި އަލިފާން ރޯވި ހާދިސާގައި އެއްވެސް މީހަކަަށް އަނިޔާވެފައި ނުވެއެވެ.
ފާއިތުވި ހަފުތާ ތެރޭގައި ބޫޝެހެރް ބަނދަރުގައި އޮތް ކޮންޓޭނާ ބޯޓެއްގައި ވެސް ރޯވެފައި ވެއެވެ.
ޖޫން މަހުގެ ފަހުކޮޅުއްސުރެ އީރާނުގެ ތަފާތު ތަންތަނުގައި ދަނީ ގޮތް ނޭނގޭ ގޮތަށް ތަކެތި ގޮވުމާއި އަލިފާން ރޯވުމުގެ ހާދިސާތައް ހިނގަމުންނެވެ. އެެންމެ ފާހަގަކޮށްލެވޭ ހާދިސާއަކީ މި ޖުލައި މަހުގެ ދެވަނަ ދުވަހު ނަތަންޒް ނިއުކުލިޔާ މަރުކަޒުގައި ރޯވުުމުގެ ހާދިސާއެވެ. މިބު އަޑީގައި ހަދާފައިވާ މި މަރުކަޒުގައި އެއްޗެއް ގޮވައި އަލިފާން ރޯވުމުގެ ސަބަބުން އެތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ފާއިތުވި ޖޫން މަހުގެ 30 ވަނަ ދުވަހު ތެހެރާނުގެ ކްލިނިކެއްގައި ގޭސް ލީކްވެ އަލިފާން ރޯވި ހާދިސާގައި 19 މީހުން މަރުވެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.
ޖޫން މަހުގެ 26 ވަނަ ދުވަހު ތެރެހާނު ކައިރީގައި އޮންނަ ޕަރްޗިން އަސްކަރީ މަރުކަޒުގެ ކައިރީގައި ގޭސް ރައްކާކުރާ ތަނެއްގައި އަލިފާން ރޯވެ ގެއްލުންތަކެއް ލިބިފައި ވެއެވެ.
އީރާނުގެ ރަސްމީ ނިއުސް އެޖެންސީ އިރްނާއިން މި ޖުލަައި މަހުގެ ކުރީކޮޅުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި އީރާނުގައި ހިނގާ މި ހާދިސާތަކުގެ ފަހަތުގައި ވަނީ އެމެރިކާ ނުވަތަ އިސްރާއީލު ފަދަ ދުޝްމަނެކެވެ.