އިރާނު ކަނޑުގެ ސިފައިންގެ އެންމެ ބޮޑު އުޅަނދުގައި ރޯވެ އަޑިއަށް ހިގައްޖެ

އީރާނުގެ ކަނޑުގެ ސިފައިންެގެ އުޅަނދު 'ޚަރްގް'ގައި އަލިފާން ރޯވެފައި

އީރާނުގެ ކަނޑުގެ ސިފައިންގެ އެންމެ ބޮޑު އުޅަނދު ގަލްފު އޮމާންގައި އޮއްވައި އޭގައި އަލިފާން ރޯވެ އަޑިއަށް ހިނގައްޖެ ކަމުގައި އެގައުމުގެ ދެ ނިއުސް އެޖެންސީއަކުން ޚަބަރުދީފިއެވެ.

ފާރްސް އަދި ތަސްނީމް ނިއުއެޖެންސީން ބުނި ގޮތުގައި 'ޚަރްގް' އުޅަނދުގައި ރޯވި އަލިފާންގަނޑު ކޮންޓުރޯލުކުރުމުގެ މަސަައްކަތް ކުރަމުން ދަނިކޮށް، އެކަން ކާމިޔާބުނުވެ އުޅަނދު ވަނީ އަޑިއަށް ގޮސްފައެވެ. އީރާނުގެ މައި ތެޔޮ ޓާމިނަލް ހުންނަ ރަށަށް ނިސްބަތްކޮށް ނަންދީފައިވާ އެ އުޅަނދު ގައި ރޭވެފައި ވަނީ ރޭ ދަންވަރު 2:25 (ރާއްޖޭ ގަޑިން ދަންވަރު (3:05) ހާއިރުއެވެ. ރޯވާން ދިމާވި ސަަބަބެއް އަދިވެސް އެނގިފައި ނުވެއެވެ.

އުޅަނދު އަޑިއަށް ގޮސްފައި ވަނީ ޕާޝިއަން ގަލްފްގެ އަނގަމަތީގައި އޮންނަ ހުރްމުޒް ކަނޑުއޮޅިގެ ދެކުނުގައި އޮންނަ ގަލްފް އޮމާނުގައި އޮންނަ އީރާނުގެ ބަނދަރު ޗަސްކްގެ ކައިރިއަށެވެ. އެ ބަނދަރު އޮންނަނީ ވެރިރަށް ތެހެރާނުގެ އިރުދެކުނުން 1270 ކިލޯމީޓަރު (790 މޭލު) ދުރުގައެވެ.

އީރާނުގެ ރަސްމީ ޓީވީ އަދި ފާރްސް ނިއުސް އެޖެންސީން ފެތުނު އުޅަނދު ސިފަކޮށްފައި ވަނީ ތަމްރީނުތަކުގައި ބޭނުންކުރާ އުޅަނދެއްގެ ގޮތުގައެެވެ.

ފާރްސް ނިއުސް އެޖެންސީން ވަނީ މިއަދު ފަތިހު 'ޚަރްގް' އުޅަނދު ކަޅު ބޯ ދުން އަރާ ވީޑިއޯއެއް އާއްމުކޮށްފައެވެ. ޕްލެނެޓް ލެބް އިންކޯޕަރޭޓެޑްއިން އަންގާރަ ދުވަހު ނަގާފައިވާ ސެޓެލައިޓް ފޮޓޯ ދިރާސާކުރުމަށް ފަހު އެސޯޝިއޭޑް ޕްރެސްއިން ބުނެފައި ވަނީ އެ އުޅަނދު އޮތީ ޖަސްކް ބަނދަރު ކައިރީގައި ކަމަށެވެ.

އެމެެރިކާގެ ނޭޝަނަލް އޯޝިއަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އިން ދުނިޔޭގެ ކަންކޮޅުތަކުގައި ރޯވާ އަލިފާންގަނޑުތައް ފާހަގަކުރަން ބޭނުންކުރާ ސެޓެލަައިޓަށް ފާރްސް ނިއުސް އެޖެންސީން ބުނާ ގަޑިއަށްވުރެ ތަންކޮޅެއް ކުރިން ޖަސްކް ބަނދަރު ކައިރިން އަލިފާންގަނޑެއް ފާހަގަވެފައި ވެއެވެ.

ޚަރްގް އުޅަނދަކީ ކަނޑުމަތީގައި ހަރަކާތްރިވާ އުޅަނދުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް އީރާނުގެ ކަނޑުގެ ސިފައިން ބޭނުންކުރާ މަދު އުޅުނދުތަކުގެ ތެރޭގައި ހިމެނޭ އުޅަނދެކެވެ. އަދި ބަރު މުދާ އުފުލުމުގެ އިތުރަށް އެ އުޅަނދުގައި ހެލިކޮޕްޓަރުވެސް ޖެއްސެއެވެ.

އީރާނު ސިފައިންގެ ފަރާތުން މައުލުމާތު ދިން ގޮތުގައި ހަރްގްއަކީ ތަމްރީނު އުޅަނދެކެވެ. އަދި އޭގައި އަލިފާން ރޯވިއިރު ފަޅުވެރިންނާއި ތަމްރީނު ހޯދާ މީހުންގެ 400 މިީހުން އެ އުޅަނދުގައި ތިއްބެވެ. އެ އެންމެންވެސް ވަނީ ސަލާމަތްވެފައެވެ.

އީރާނުގެ ރަސްމީ ނިއުސް އެޖެންސީ އިރްނާއިން އަލިފާން ރޯވި ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް، ބުނެފައި ވަނީ އަލިފާން ރޯވީ އުޅަނދުގެ އިންޖިން ރޫމްގައެވެ. އަދި އަލިފާނު ހޫނު ގަދަކަމުން އުޅަނދުގެ ބައިތައް ވަނީ ވިރިގެން ކަނޑަށް ފައިބާފައެވެ.

ޚަރްގްއަކީ 1977 ވަނަ އަހަރު އިނގިރޭސިިވިލާތުގައި ބަނދެފައިވާ އުޅަނދެކެވެ. އެތައް ދުވަހަކަށް ދިގު ދެމިގެން ދިޔަ ވާހަކަތަކަކަށް ފަހު އިނގިރޭސިިވިލާތުން އެ އުޅަނދު އީރާނަށް ވިއްކާފައި ވަނީ 1984 ވަނަ އަހަރުއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.