ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވަގުތުން މިނިވަން ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ. މި މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބާ ދެކޮޅަށް ދައުލަތުން ކޮށްފައިވާ ހުރިހާ ދައުވާއެއް ކްރިމިނަލް ކޯޓުން އިއްޔެ ބާޠިލްކޮށްފައި ވުމާއި ސަރުކާރުން ބިރު ދެއްކުމާއި މަޖުބޫރު ކުރުވައިގެން އެއްބަސްވުމެއް ހަދައި ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދީފައިވާކަމަށެވެ.
ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރީގެ ޕީޖީ އައިޝަތު ބިޝާމާއި އޭސީޕީ މުޙައްމަދު ރިޔާޒާއި އަދީބުގެ ތަޙްޤީޤަށް ނުފޫޒު ފޯރުވިކަމަށް އަދީބުގެ ޙުކުމްތައް ބާޠިލްކުރި ގަޒިއްޔާގައި ސާފުކޮށް އެނގެން އޮތް ކަމަށް ވެސް އެ ކުއްލި މައްސަލައިގައި ބުނެއެވެ. ފަސް އަހަރުގެ ޖަލު ޙުކުމެއް ރައީސް ޔާމީނަށް ކޮށްފައިވާއިރު އެއީ ނުފޫޒު ފޯރުވައިގެން ހެކި އުފައްދައިގެން ކޮށްފައިވާ ބާޠިލް ހުކުމެއްކަން ހާމަކަން ބޮޑު ގޮތެއްގައި ފެންނަން އޮތްކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. އަދީބުގެ ބަޔާންތަކަށް ރިޢާޔަތްކޮށް ހުކުމް ކޮށްފައި އޮތުމަކީ ޕީޖީ އޮފީހުން ޤާނޫނާ ޚިލާފު ހެކިތަކެއް އުފައްދައިގެން ކޮށްފައިވާ ދަޢުވާއަކަށް ވާތީ މިސަރުކާރުގެ ސަމާލުކަމަށް އެކަން ގެންނަ ކަމަށް ކުއްލި މައްސަލައިގައި ބުނެފައި ވެއެވެ. އެހެންކަމުން ރައީސް ޔާމީން ޖަލުގައި ބަހައްޓަން ޖެހޭ އެއްވެސް ޤާނޫނީ ހަމައެއް ނެތުމާއެކީ ވަގުތުން، ރައީސް ޔާމީން މިނިވަން ކުރުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރުގެ ކުއްލި މައްސަލައިގައި ގޮވާލެއްވިއެވެ.
މިކުއްލި މައްސަލައަށް ވޯޓް ދެއްވީ ހަމައެކަނި އިދިކޮޅު ހަތް މެމްބަރުންނެވެ. 20 މެމްބަރަކު ވަނީ މައްސަލައާ ދެކޮޅަށް ވޯޓް ދެއްވައިފައެވެ.