ތަރައްޤީ ވަމުން އަންނަ ޤައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގެ ސްކޫލުތަކުގެ ލިޓްރެސީ ލެވަލްދަށްކަމަށް ނެޝެނަލް އެސެސްމެންޓްތަކުން ދައްކާކަމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އިން ވިދާޅުވެއްޖެއްއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ގައި ވާހަކަ ދައްކަވަމުން އެންއައިއީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނޭޓަރ ޝުހުދާ ރިޒްވާންވިދާޅުވީ ރަސްމީ ތަޢުލީމުގެ ތެރެއިން ސްކޫލުތަކުގެ ދަރިވަރުންނަށް ލިޔަންކަން ނުވަތަ ލިޓްރެސީ ލެވެލް ޙާޞިލްވާ ޖެހޭ މިންގަނޑަށް ބަލާއިރު އެމިންވަރު ޙާޞިލުވެފައިވާ މިންވަރު ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުގެ ދަށްކަން ޤައުމީ ފެންވަރުގައި ހެދިފައިވާ އެސެސްމެންޓްތަކުން ހާމަވާ ކަމަށެވެ. މިކަމަށް އަމާޒުކޮށްގެން ސްކޫލުތަކުގައި ވަރަށް ޚާއްޞަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ޝުހުދާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ނެޝެނަލް ލިޓްރެސީ އެންޑް މެތަމެޓިކްސް ސްޓްރެޓެޖީގެ ނަމުގައި ޚާއްޞަ ސްޓްރެޓެޖީއެއްގެ ދަށުން ކުދިންގެ ފެންވަރު ރަނގަޅު ކުރުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަވާކަން ފާހަގަ ކުރެއްވިއެވެ.
"ލިޓްރެސީ ރެޓޭ މިދެންނެވީ ލިޔަން ނުދަތުމެއް ނޫން. މިސާލަކަށް ގަރޭޑް އެގެއްގައި ހުންނަ ކުއްޖަކަށް ލިޔަން ކިޔަން އެނގެންޖެހޭ މިނަވަރު. އާއްމުކޮށް ލިޔަންކިޔަން އެނގެން ޖެހޭ މިވަރުތަކެއް ހުރޭ. މިވެނި ވަރަށް ލިޔެވެން ޖެހޭނެކަމަށް މިވެނި ވަރަކަށް ކިޔެން ޖެހޭނެކަން. މިސާލަކަށް ކީ ސްޓޭޖް އެކެއް ނިމޭއިރު ދެވިފައި ހުންނަންޖެހޭ ވަކި ހިސާބެއް ހުރޭ. ލިޔަން އަދި ކިޔަން ދިވެހި ބަހުންނާއި އިނގިރޭސިބަހުން އެނގެންޖެހޭ ވަކި ފެންވަރެއް ހުރޭ. އެފެންވަރުތައް މިކަނޑައަޅަނީ ދުނިޔޭގެ ތަފާތު އެސެސްމަންޓްތަކާއި ކްރައިޓީރިއާ ތަކުން. އެ ކްރައިޓީރިއާ ތަކަށް ބަލާއިރު ރާއްޖޭގެ ކުދިންގެ ނިސްބަތުން ތަންކޮޅެއް ދަށްކަމަށް ފާހަގަ ކުރެވިފައި އެބަހުރި، އަޅުގަނޑުމެން ހަދައިފައި ހުރި އެސެސްމެންޓްތަކުން." ޝުހުދާ ވިދާޅުވިއެވެ.
އެސްޓްރެޓެޖީގެ ދަށުން ދަރިވަރުންނަށް ކިޔުމުގެ ހުނަރާއި ލިޔުމުމުގެ ހުނަރު އިތުރަށް ދަސްކޮށް ދިނުމަށް ތަފާތު ޙަރަކާތްތަކެއް ހިންގަމުންދާކަމަށްވެސް ޝުހުދާ ވިދާޅުވިއެވެ. އެގޮތުން ލިޓްރެސީ މެޓީރިއަލާއި ފޮތްތައް ތައްޔާރު ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ. ކުރިއަށް އޮތް ދެތިން އަހަރުތެރޭގައި ވަރަށް މުހިންމު ގިނަ މަސައްކަތްތަކެއް ލިޔަން ކިޔަން ދަތުމާބެހޭގޮތުންކުރެވޭނެކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
"ޚާއްޞަކޮށް ލިޔުމާއި ކިޔުމާއި ހިސާބުގެ މައިގަޑު ބައިތައް ހިމެނޭ ގޮތަށް ކުދިންނަށް ދަސްކޮށް ދިނުމަށްޓަކައި ކަރިކިއުލަމްގައި ކަނޑައެޅިފައި އޮންނަ މިންވަރާއި އެކު އަދި އިތުރު ޚާއްޞަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ" ޝުހުދާ ވިދާޅުވިއެވެ.