އަތޮޅުތަކުގައި ކޯވިޑް ޖެހިފައިވާ މީހުންގެ ޢަދަދު 90 އިންމައްޗަށް

މިއަދު ހަވީރު ހަޔަކާ ހަމައަށް ފާއިތުވި 24 ގަޑިއިރު މުޅިރާއްޖެއިން ކޮވިޑަށް އަލަށް ޕޮޒިޓިވް މީހުންގެ ޢަދަދު 141 ގައި އުޅޭއިރު މިހާރު އަތޮޅުތަކުގައި ކޯވިޑް ޖެހިފައިވާ މީހުންގެ ޢަދަދު 90 އިންމައްޗަށް އަރައިފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޕޮޒިޓިވްވި 141 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ ޢަދަދަކީ 134 ކެވެ. އަތޮޅުތަކުން އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދަކީ ހަތެކެވެ. އެވްރެޖް ކޮށް އަތޮޅުތަކުން ދުވާލެއްގެ މައްޗަށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އުޅެނީ 10 އަކަށްވުރެ ދަށުގައެވެ. ނަމަވެސް މިމަހުގެ ފުރަތަ ދުވަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެއްދުވަހު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 31 އަށް ވަނީ އަރައިފައެވެ. ރަށްރަށުގައި މިހާރު ތިބި ބަލީ މީހުންގެ ޢަދަދަކީ 95 އެވެ. އެއީ 88 ދިވެހިންނާއި 7 ބިދޭސީންނެވެ. އަތޮޅު ތަކުގެ މީހުން ދިރިއުޅޭ 39 ރަށެއްގައި ކޮވިޑަށް ޕޮޒިޓިވް މީހުން އެބަތިއްބެވެ. އަތޮޅުތަކުން ކޮވިޑަށް ޕޮޒިޓިވް މީހުންގެ ތެރޭގައި ގިނައީ ހޯމްކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި މީހުންނެވެ. އެހެންކަމުން އެފަދަ ގިނަ މީހުން އައިސޮލޭޓްކުރެވިފައި ވަނީ ކަރަންޓީންވެގެން ތިބި ތަންތަނުގައެވެ. ބައެއް މީހުންނަށް ކޯވިޑް ފެސިލިޓީތަކުގައި ވެސް ދަނީ ފަރުވާ ދެމުންނެވެ. އަތޮޅުތަކުގައި ކޮވިޑަށް ޕޮޒިޓިވް މީހުންގެ ތެރޭގައި މަދުން ނަމަވެސް ކޮންޓެކްޓް ވެސް އެބަ ތިއްބެވެ.

ރިސޯޓްތަކުން ވެސް ކޮވިޑަށް ޕޮޒިޓިވްވާ ޢަދަދު ދަނީ އިތުރުވަމުންނެވެ. މިއަދުގެ ޢަދަދުތަކުން ފެންނަ ގޮތުން 20 ރިސޯރޓެއްގައި 16 ޓޫރިސްޓުންނާއި 45 މުވައްޒަފަކު ކޯވިޑްޖެހިފައި އެބަތިއްބެވެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު ގެ ކޭސްތަކުގެ ތެރެއިން ދިވެހިންގެ ޢަދަދު އުޅެނީ 98 ގައެވެ. ބިދޭސީންގެ ޢަދަދަކީ 43 ކެވެ. އިއްޔެ އިން ފެށިގެން ބިދޭސީންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް ޤައުމުތައް ވަކިން، އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ.

މިއަދު ގެ ޢަދަދު ތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 8281 އަކަށް އަރާފައެވެ. މިހާރު ބަލިޖެހިފައި ތިބީ 2763 މީހުންނެވެ. ހޮސްޕިޓަލުގައި 157 މީހުންނަށް ފަރުވާ ދޭއިރު އައިސޮލޭޝަންގައިތިބީ 1304 މީހުންނެވެ. މިހާތަނަށް ބަލިން ރަނގަޅުވެފައިވާ މީހުންގެ ޢަދަދަކީ 5483 އެވެ. މަރުވި މީހުންގެ ޢަދަދަކީ 29 އެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.