(3 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ ލޮލެއް ނުހުޅުވިއެވެ. ހުވަފެން ބިލާހަކަށް ވެއްޖެނަމަ ޚުދު އޭނާވެސް ބިލާހަކަށްވެ، މުޅި ދިރިއުޅުން ރޫޅި ހަލާކު ވެގެން ހިނގައިދާނޭ ކަމަށް ހީކޮށް ގަތް ބިރަކުންނެވެ.
ފާއިތުވެގެން ދިޔައީ ކިހައި އިރެއް ކަމެއް އޭނާއަކަށް ނޭނގެއެވެ، ކިތައް ދުވަސް ހެއްޔެވެ؟ ކިތައް އަހަރު ހެއްޔެވެ؟ އޭގެ ހިސާބެއް އެއްގޮތަކަށްވެސް ނޭނގެއެވެ. ހިސާބު ޖެހުމުގެ ބޭނުމެއްވެސް މިހާރަކު ނެތެވެ.
މީހަކު ދޮރުގައި ވަރަށް މަޑުމަޑުން ޓަކި ޖަހައިލިއެވެ. އޭނާ ކުޑައިރުކޮޅަކަށް ލޯ ހުޅުވައިލިއެވެ. މޫނުމަތީގައި އޮތް ފޮތިގަނޑު ނަގައިފިއެވެ. މަންޒަރު ސާފުކޮށް ފެންނާން ފަށައިފިއެވެ.
ހުޅުވުނު ދޮރުމަތީގައި އެހެރީ އޭނާއެވެ.
މެހެމަލްގެ ނަޒަރު އެ ދިމާއަށް ހުއްޓުނު ގޮތަށް ހަރުލައިފިއެވެ. ވަގުތުގެ ހިނގުން ހުއްޓިއްޖެއެވެ. ލަމަހާތައް މަޑުޖެހިއްޖެއެވެ. އޭނާ ހަމަ އަދިވެސް އެހެރީ އެހެންނެވެ. އެހައި ރީއްޗެވެ. ފުރިހަމައެވެ. އެކަމަކު އޭނާގެ ޖަޒުބާތުން ފުރިފައި ހުންނަ މޫނުމަތީން މިހާރު ފެންނަނީ ސީރިއަސްކަމެވެ. އޭނާ ބަދަލުވީ ހެއްޔެވެ؟
އޭނާ މަޑުމަޑުން ހިނގާފައި އައިސް އެނދާ ތަންކޮޅެއް ދުރަށް ހުއްޓިއްޖެއެވެ.
"ހުމާޔޫން." މެހެމަލްގެ ލޮލުން އެއްވެސް އިޚްތިޔާރަކާ ނުލައި ކަރުނަ ފައިބާން ފަށައިފިއެވެ.
"ހޫނ... ކިހިނެއް؟" ހުމާޔޫން ކުރިއަކަށް ފިޔަވަޅެއް ނާޅައެވެ. އަޑުގައިވެސް ހުރީ އާދަޔާ ޚިލާފު ފިނިކަމެކެވެ.
"ހުމާޔޫން." އޭނާއަށް ރޮވިއްޖެއެވެ. "މިއީ ކޮން ކަމެއް؟ މިމީހުން ބުނަނީ އެތައް އަހަރެއް ވެއްޖެއޭ. އަހަރެންގެ ނިދި އެހައި ދިގު ވެގެން ދިޔައީ ކީއްވެގެން؟"
"ނޭނގޭ. މެހެމަލް ގެއަށް ފޮނުވައިލާނޭ ވަކި ދުވަހެއް ޑަކްޓަރުން ބުނިތަ؟" އޭނާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ހީވަނީ ތަނަކަށް ދާން ލަސްވެގެން އުޅެނީ ހެންނެވެ. އޭނާގެ އަޑަކު އެއްވެސް ކަހަލަ ރުޅިވެރިކަމެއް ނުވަތަ ނުރުހުމެއްގެ އަސަރެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އެއްވެސް ކަހަލަ އަސަރެއް ނެތެވެ. އެ ދެމީހުންގެ ދެމެދުގައި މިހާރު އެކަހަލަ އެއްވެސް އަސަރެއް ނެތީ ކަހަލައެވެ.
"ހުމާޔޫން. އަހަރެން ރަނގަޅުވާނެތަ؟" ތަސައްލީގެ ދެތިން ބަހެއްގެ އެދުމުގައި އޭނާ އަހައިލިއެވެ.
"ހޫނ..." އޭނާ ފައިކޭޓަށް އަތް ކޮއްޕާލައިގެން ހުރެ ކޮޓަރީގެ ވަށައިގެން ހޯދައި ބަލައިލިއެވެ.
މިވަނީ ކީއް ހެއްޔެވެ؟ ހުމާޔޫނާއި... ތައިރޫމް... އޭނާއަށް އެކަހަލަ ރަވައްޔާއެއް ދައްކަނީ ކީއްވެގެން ހެއްޔެވެ؟
"ހުމާޔޫން... އަހަންނާ ވާހަކަ ދައްކަބަލަ."
"އާނ... ބުނޭ. އަހަރެން މިހިރީ އަޑުއަހަން." އޭނާގެ ނަޒަރު ކުޑައިރުކޮޅަކަށް މެހެމަލްގެ މައްޗަށް ހުއްޓުނެވެ.
މެހެމަލްގެ ލޮލުން ކަރުނަ އޮހުން ހުއްޓިއްޖެއެވެ. މުޅީން ހިމޭން ވެއްޖެއެވެ. އެއީ ލޯބީގެ ބެލުމެއް ނޫނެވެ. އެއީ ޚައިރާތުގެ ބެލުމެކެވެ. ސަލާންޖަހާ މީހުނާ ދިމާއަށް ބަލާ ކަހަލަ ބެލުމެކެވެ.
ހުމާޔޫން ކުޑައިރުކޮޅަކު އެހެން ހުރުމަށް ފަހު އެނބުރިދާން ހިނގައިގެންފިއެވެ.
އެ ވަގުތު ދޮރު ހުޅުވައިލާފައި ފަރިޝްތޭ ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާގެ އަތުގައި މޭވާ ޓުކުރިއެއް ހުއްޓެވެ. ހުމާޔޫން އެ ދިޔަ ގޮތަށް ނުކުމެގެން ދިޔައީއެވެ.
ފަރިޝްތޭ އެނބުރި ބަލައިލިއެވެ.
"ހުމާޔޫން އައީ ދެންމެ... މިހާރު އެ ދިޔައީ؟ ކީކޭ ބުނީ؟" ފަރިޝްތޭ އޭނާޔާ ދިމާއަށް ބަލައިލިއެވެ.
މެހެމަލްގެ މޫނުމަތީގެ އަސަރުތައް ފެނުނީމާ ކުޑަކޮށް ހިނިތުންވެލިއެވެ.
"ކަންބޮޑު ނުވޭ. އެންމެނާމެދުވެސް އޭނާ މިހާރު ކަންތައް ކުރަނީ އެހެން." އޭނާ އަތުގައި ހުރި މޭވާ ޓުކުރި މޭޒުމަތީގައި ބަހައްޓައިލިއެވެ.
"އެކަމަކު... އަހަރެން މިއީ އެންމެން ކަހަލަ މީހަކީމެއް ނޫނެއްނު؟" މެހެމަލްގެ ނަޒަރު އަދިވެސް ހުއްޓިފައި ހުރީ ދޮރާ ދިމާއަށެވެ.
"ރަނގަޅު ވެދާނެ. ފިކުރު ބޮޑު ނުކުރޭ."
"އޭނާ އަހަންނާ ވާހަކަ ނުދެއްކީ ކީއްވެގެން؟" އޭނާގެ ލޮލުން އަނެއްކާވެސް ކަރުނަ ފައިބާން ފަށައިފިއެވެ.
"މެހެމަލް... ކޮއިފުޅާ. މި ބަދަލެއް އައީވެސް އެތައް ދުވަހަކުން. އެހެންވީމާ ރަނގަޅު ވާންވެސް ކުޑަ ދުވަސްކޮޅެއް ވާނެ. އޭނާއަށް ވަގުތުކޮޅެއް ދީ." ފަރިޝްތޭ އޭނާގެ ބޯ އޮމާންކޮށްދޭން ފަށައިފިއެވެ.
ވަގުތު... ޒަމާން... ކޮންމެ ވާހަކައަކާ ގުޅިގެން ފަރިޝްތޭ ދައްކަނީ އެއް ވާހަކައެކެވެ. ޒަމާނާއެކު ބަދަލުވީ ކޮން ކަމެއް ހެއްޔެވެ؟ އެއީ ކޮން ކަމެއްކަން އޭނާއަށް މަޑުމަޑުން ވިސްނޭން ފަށައިފިއެވެ.
އޭނާގެ އުނގަނޑުން ފެށިގެން ތިރީގައި ބާރެއް ނެތެވެ. ފައި ހަރަކާތެއް ނުކުރެވެއެވެ. އަމިއްލައަށް ތެދުވެ ނުއެއް އިށީނދެވެއެވެ. އަމިއްލައަކަށް ނުކެވެއެވެ. އަމިއްލަ ފައިމައްޗަށް ކޮޅަކަށް ނުހުރެވެއެވެ. މިއީ ކީހިނެއް ވެގެން ވީ ކަމެއް ހެއްޔެވެ؟
"އެ ދުވަހު... އަހަރެން ގެއިން ނުކުތީ ދުޢާނުކޮށް. ދައްތާ. މި ހުރިހައި ކަމެއް މިހެން މިވީ އެހެން ވެގެން. ދުޢާ ނުކޮށް ގެއިން ނުކުތީމާ. ނޫންތަ؟"
ފަރިޝްތޭ މަޑުމައިތިރިކަމާއެކު އޭނާގެ ބޯ އޮމާން ކުރަނީއެވެ. އަނގަޔަކުން ނުބުނެއެވެ.
"އެކަލޭގެފާނަކަށް ﷲގެ ޙަޟްރަތުން އެއްވެސްކަމެއް އެއުރެންނަކަށް ފުއްދައެއް ނުދެއްވުނެވެ. ހަމައެކަނި، ޔަޢްޤޫބްގެފާނުގެ ހިތްޕުޅުގައިއޮތް ބޭނުމެއް މެނުވީ ނުފުދެތެވެ." (ޔޫސުފް ސޫރަތުގެ 68 ވަނަ އާޔަތުން ތަންކޮޅެއް)
އޭނާގެ އެތެރެހަށިން އަޑުތަކެއް އިވޭން ފަށައިފިއެވެ. އޭނާ ދިޔައީ ސިއްސައިގެންނެވެ.
"އެކަލޭގެފާނަކަށް ﷲގެ ޙަޟްރަތުން އެއްވެސްކަމެއް އެއުރެންނަކަށް ފުއްދައެއް ނުދެއްވުނެވެ. ހަމައެކަނި، ޔަޢްޤޫބްގެފާނުގެ ހިތްޕުޅުގައިއޮތް ބޭނުމެއް މެނުވީ ނުފުދެތެވެ."
އޭނާ އަޑު އަހާން މަސައްކަތް ކުރިއެވެ. އޭނާގެ ހިތާ ތަކުރާރުކޮށް މުޚާތަބު ކުރެވެމުން އެބަދެއެވެ. މަޑުމަޑުން ވައިއަޑުންނެވެ. ސިއްރުސިއްރުންނެވެ. އޭނާގެ ހިތުގެ ހިނގުން ހުއްޓުނު ކަހަލައެވެ. އޭނާ ސަމާލުވެލިއެވެ.
އެއީ އޭނާ ދަންނަ އަދި ފަރިތަ ވާހަކައެކެވެ. އެއީ އާޔަތެކެވެ.
އާނއެކެވެ. އެއީ އާޔަތެކެވެ. ޔޫސުފް ސޫރަތުގެ އާޔަތެކެވެ. ޔަޢުޤޫބް ޢަލައިހިއްސަލާމްގެ ދަރިން މިސުރަށް ދާން އުޅުނީމާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެކި ދަރިން އެކި ދޮރާށިން ވަންނާން އެކަލޭގެފާނު ދަރިންނަށް އެންގެވިއެވެ. އެ ވާހަކައަށް އިޝާރަތް ކުރައްވައި ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ﷲ ވަކި ގޮތަކަށް ފައިސަލާ ކުރައްވައިފިނަމަ އެއްވެސް މީހަކަށް އެކަމަކުން ސަލާމަތެއް ނުވެވޭނެއެވެ. ރައްކާތެރިކަމުގެ އުއްމީދަކީ ޔަޢުޤޫބްގެފާނުގެ ހިތްޕުޅުގެ އެދުންފުޅެއް ކަމުގައި ވާތީ އެހެން ވިދާޅުވީއެވެ. އެއީ އިރާދަފުޅު ބަދަލުވާނޭ ކަމެއް ނޫނެވެ.
ހިމޭންކަމުގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާއަށް ވަރަށް ގިނަ ކަންތައްތައް ފަހުމު ވެއްޖެއެވެ. ވެގެންދިޔަ ކަންތައްތަކަކީ އެހެންވާން މިންވަރުފުޅުގައި ހުރި ކަންތައްތަކެވެ. ﷲ އިރާދަކުރައްވާ ކޮންމެ ކަމެއް އިރާދަކުރައްވާ ގޮތަކަށް ވެގެން ދާނެއެވެ. އެއީ އޭނާގެ ތަގުދީރެވެ. އޭނާގެ ދުޢާގެ ސަބަބުން ބޮޑު ގެއްލުމަކުން އޭނާ ސަލާމަތް ކުރެއްވީ ކަމުގައި ވެދާނެއެވެ. އެކަމަކު މިއަށްވުރެ ބޮޑު ގެއްލުމެއް އޮންނާނޭ ހެއްޔެވެ؟ ކޯމާއާއި ނުކުޅެދުންތެރިކަން... ދުރުވެގަތް ފިރިމީހާ... ރުޅިވެރި ދަރިފުޅު... ދިރިއުޅުމުގައި ބާކީ އޮތީ ކޮން ކަމެއް ހެއްޔެވެ؟
"ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، ޝުކުރުކުރުން ނެތްމީހެކެވެ."
އަނެއްކާވެސް އޭނާއަށް ހިތުގެ އަޑީން އަޑެއް އިވިއްޖެއެވެ. އޭނާ ސިހިގެން ދިޔައެވެ. އެއީ ކާކު ހެއްޔެވެ؟ އިރުއިރުކޮޅާ އޭނާޔާ ވާހަކަ ދައްކަނީ ކާކު ހެއްޔެވެ؟
"ދައްތާ. ކުޑައިރުކޮޅަކަށް... ކުޑައިރުކޮޅަކަށް އަހަރެން އެކަނި އޮވެލަން ބޭނުން. އެންމެ ރަނގަޅުތަ؟" އޭނާ އާދޭހުގެ ރާގަކަށް މިހެން ބުނެލީމާ ފަރިޝްތޭ އޭނާގެ ބޯ އޮމާންކުރުން ހުއްޓައިލިއެވެ. އިރުކޮޅަކު އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރުމަށް ފަހު އެއްޗެއް ވިސްނިގެން ކަހަލަ ގޮތަކަށް ބޯ ޖަހައިލިއެވެ.
"އެންމެ ރަނގަޅު." އޭނާ ބުރުސް މޭޒުމަތީގައި ބާއްވައިލުމަށް ފަހު ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބިމުގައި ކަންތައްތައް ފަހިކޮށްދެއްވައި ބާރުވެރިކޮށްދެއްވީމެވެ. އަދި އެތާނގައި، ތިޔަބައިމީހުންނަށް ދިރިއުޅެވޭނެ ގޮތްތަކެއް ލެއްވީމެވެ. (އެހެނެއްކަމަކު) ތިޔަބައިމީހުން ޝުކުރު ކުރަނީ ވަރަށްވެސް މަދުންނެވެ." (އަލްއަޢްރާފް ސޫރަތުގެ 10 ވަނަ އާޔަތް)
ކޮންމެވެސް ބާރަކުން އޭނާ ހޭލައްވާން މަސައްކަތް ކުރަނީއެވެ. އެތެރެއިން ގޮވެއްޔެއްގެ އަޑު އެބައިވެއެވެ. ބޭރުގެ އަޑުފަށްގަނޑާހެދި އެ އަޑު ރަނގަޅަކަށް ސާފެއް ނުވެއެވެ. ފަރިޝްތޭ ބޭރަށް ނުކުތީމާ އޭނާ ލޯ މަރައިލިއެވެ.
މިހާރު އޭނާ ހަމަޔަކަށް އެޅިއްޖެއެވެ. ހަމަހިމޭންކަން ވެރިވެއްޖެއެވެ. އެތެރެހަށްޓައްވެސް ހިމޭންކަން އަތުވެއްޖެއެވެ. އޭނާ ސަމާލުވެލުމަށް ފަހު އަޑު އިވޭތޯ އޮތީއެވެ. އިވެނީ ހަމަ އެންމެ އަޑެކެވެ.
"އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވައި ގޮތްބައްލަވަމެވެ." (އަލްއަންބިޔާއު ސޫރަތުގެ 35 ވަނަ އާޔަތުގެ ބައެއް)
"ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ ޤުރްބާނީއާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، ޢާލަމްތަކުގެ ވެރި ﷲއަށެވެ." (އަލްއަންޢާމް ސޫރަތުގެ 162 ވަނަ އާޔަތް)
އޭނާގެ އެތެރެހަށީގައި އެތައް ވޮށެއް އެއްފަހަރާ ދިއްލިއްޖެއެވެ. އެތެރެއާއި ބޭރު ދިއްލި އުޖާލާވެއްޖެއެވެ. އޭނާ ލޯ ހުޅުވައިލިއެވެ.
"އަހަރެންގެ ޤުރްއާން... އަހަންނަށްޓަކައި ބާވައިލެއްްވި އިލާހީ ބަސްފުޅު... އަހަރެންގެ މުޞްޙަފް..."
އޭނާ ޤުރްއާނާ ނުލައި ގެއިން ނުނުކުމެއެވެ. އެދުވަހުވެސް އޭނާގެ ދަބަހުގައި ޤުރްއާން އޮތެވެ. އެކްސިޑެންޓުވީމާ އޭނާ މިތަނަށް ގެނައިއިރު އެ ފޮތްވެސް ގެންނާނޭކަން ގައިމެވެ. އެހެންވީމާ މި ކޮޓަރިތެރޭ ކޮންމެވެސް ތަނެއްގައި އޮންނާނެއެވެ.
ކޮޓަރީގެ ދޮރު ހުޅުވުިއްޖެއެވެ. އޭނާ ލޯ ހުޅުވައި ބަލައިލިއެވެ.
އެތެރެއަށް ވަނީ ތައިމޫރެވެ. ތައިމޫރް ލައިގެން ހުރީ ޖީންސަކާއި ގަމީހެކެވެ. މެހެމަލް ފުންކޮށް ބަލައިލިއެވެ. އޭނާގެ ނޭފަތް ވައްތަރީ ހުމާޔޫންގެ ނޭފަތާއެވެ. އެ ކިބުރުވެރި ނޭފަތެވެ. ލޯ ވައްތަރީ މެހެމަލްގެ ލޮލާއެވެ. ހަމަ އެކަހަލަ ބިއްލޫރިކޮޅެއް ކަހަލަ ލޮލެކެވެ. ނިތްކުރި... ނިތްކުރި ވައްތަރީ ކާކާ ހެއްޔެވެ؟
"ތައިމޫރް." ދަރިފުޅު ފެނުނީމާ މެހެމަލްގެ ލޮލުން ވިދުވަރެއް ފާޅުވިއެވެ. އެއީ އޭނާގެ ދަރިފުޅެވެ. ތައިމޫރެވެ. "ދަރިފުޅާ. މިކޮޅަށް ބަހީބަލަ."
"އަހަރެންގެ ބައްޕަ ކޮބާ؟" ތައިމޫރް ހަރުކަށިކަމާއެކު އަހައިލިއެވެ. އަޑުގައި ހުރީ ބޮޑާކަމެވެ. އަދަބުކުޑަ ކަމެވެ. އެއީ އޭނާގެ ދަރިއެއް ނޫންނަމަ މި ކަހަލަ ޚިޔާލުތަކެއް ބޮލަށް ވަނީހެވެ.
"ބައްޕަ ބޭރަށް އެ ދުރުވީ ދެންމެ. މަންމަ ގާތަކަށް ނާންނާނަންތަ؟" އޭނާ ދެއަތް ދިއްކޮށްލިއެވެ.
"ނާންނާނަން." ތައިމޫރް ކޮޓަރިން ނުކުމެ ބާރަށް ދޮރު ލައްޕައިލިއެވެ.
އޭނާއަކަށް ކުރެވޭނޭ ކަމެއް ނެތެވެ. ދެއަތް ވެއްޓިއްޖެއެވެ.
އެއީ އެންމެ ހަތް އަހަރުގެ ކުޑަ ކުއްޖެކެވެ. އެ ކުއްޖާގެ ހިތުގައި އެހައި ބޮޑު ނަފުރަތެއް އުފެދުނީ ކިހިނެއް ހެއްޔެވެ؟ އެހައި ހިތި ބަހުރުވައެއް ލިބުނީ ކިހިނެއް ހެއްޔެވެ؟ މެހަމަލްގެ ހިތަށް އެރިއެވެ. އަހަރެން ކުށަކީ ކޮބައި ހެއްޔެވެ؟ އޭނާ ދެކެ އެހައި ބޮޑު ރުޅިއެއް އަންނަނީ ކީއްވެގެން ހެއްޔެވެ؟ ހަމައެކަނި އޭނާ ދެކެއެއް ނޫނެވެ. ފަރިޝްތޭ ދެކެވެސް ރުޅި އަންނަނީ ކީއްވެގެން ހެއްޔެވެ؟
އޭނާގެ ލޮލުން އަނެއްކާވެސް ކަރުނަ ފައިބާން ފަށައިފިއެވެ. އެހެން އޮވެގެން ރުއީ ކިހައި އިރެއް ވާންދެން ކަމެއްވެސް ނޭނގެއެވެ.
* * *
ފިޒިއޯތެރަޕިސްޓް މެހެމަލް ލައްވައި ކަސްރަތު ކުރުވަން ކުރި މަސައްކަތް ނާކާމިޔާބުވީމާ ނުކުމެގެން ހިނގައްޖެއެވެ. އޭނާ އޮތީ ދުނިޔެމަތީން ފޫހިވެފައެވެ. އޭނާގެ ކަނާތް ރަނގަޅަށް ހަރަކާތް ކުރެއެވެ. ވައަތުގެ ބާރު ތަންކޮޅެއް ދެރައެވެ. އެކަމަކު އެ އަތުގައިވެސް ދާދި އަވަހަށް ބާރު ޖެހިދާނޭ ކަމުގެ އުއްމީދު އެބައޮތެވެ. ފަޔާ ބެހޭ ގޮތުން ވަކި އެއްޗެކޭ ބުނާކަށް އަދި ޑަކްޓަރުންނަކަށްވެސް ނޭނގެއެވެ. ފިޒިއޯތެރަޕީން މުޅީން ރަނގަޅު ވެދާނެއޭވެސް ބުނެއެވެ. އަދި ބައެއް ފަހަރު ބުނަނީ ރަނގަޅުވުން އޮތީ ހަމައެކަނި މެހެމަލްގެ މަސައްކަތާއި ހިތްވަރުގެ މައްޗަށް ކަމުގައެވެ. އެ ބުނާ މަސައްކަތް ކުރުމުގެ ހިތްވަރެއް އަދި އޭނާގެ ކިބަޔަކު ނެތެވެ.
(ނުނިމޭ)