މުޞްޙަފް - 43

(16 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ހޫނ..." މެހެމަލް މާނޭވައެއް ލިއެވެ. "އަހަރެންގެ ދައްތައެއް ހުރި ކަމެއް މީގެ ކުރިއަކުން އެނގިފައެއް ނެތް. އުމުރުން ވީހައި ތަނެއް އަހަރެން ހޭދަކުރީ ކައިރީގައި ދައްތައަކު ހުންނާނެނަމައޭ ހިތަށް އަރާ ހާލުގައި."

"މެހެމަލް. އަހަރެމެން އަބަދުވެސް އެދެނީ މީސްމީހުންގެ ގާތްކަމަށް. އެ ގާތްކަމުގެ އެދުމުގައި ދިރިއުޅުން ވޭތުކުރަނީ. އަހަރެމެން ލޯބިވަނީވެސް އެ ގާތްކަން ދެކެ. ބޭނުންވާ މީހާ ލިބުނީމާ ހިތަށް އަރަނީ މިއީ ކާކުހޭ، އަހަރެން ލޯބިވީ އެ ގާތްކަން ދެކެއޭ، މި މީހަކު ދެކެއެއް ނޫނޭ. އެހެންވީމާ ހުރިހައި އެއްޗަކީ އެ ލޯބި. ގާތްކަމުގެ ލޯބި. އެ ގާތްކަމުގެ އެދުމުގައި އިންސާނުން ދިރިއުޅޭތާ އެތައް ގަރުނެއް ވެއްޖެ."

"ބަލިވީމާ ދައްތަ ފަލްސަފާވެރިއަކަށްވެސް ވެއްޖެ... ވާހަކައެއް ބުނަންތަ؟" އޭނާ ޖޯޝާއެކު ވާހަކަ ދެއްކިއެވެ. "އިއްޔެ ކުޑައަންމަ އަހަންނާއި ވަސީމްބެއާ ދެމީހުން ގޮވައިގެން ބާޒާރަށް ދިޔަ. އަހަރެން ފިހާރައިގެ ކުދިން ލައްވައި ވަސީމްބެ ހޭއަރުވައިލިން. އެމީހުން ވަސީމްބެގެ ގައިގައި ވަރަށް ތެޅި."

"ގޯސް ކަމެއް. ޤުރްއާނުގެ ދަރިވަރުން ތިޔަ ކަހަލަ ކަންތަކެއް ނުކުރާނެ."

"އޭނާ އަހަންނާ ބެހެން އުޅުނީ. އޭނާއަށް ފިލާވަޅެއް ދިނުމަކީ ކުރަން ޖެހޭ ކަމެއްނު؟ އެއީ އަމިއްލަ ދިފާޢުގައި ކުރިކަމެއް... ހުމާޔޫންގެ ހާލު ކިހިނެއް؟" އޭނާ ކުއްލިއަކަށް އަހައިލިއެވެ. އެ ސުވާލު ކުރެވުނީތީ ޚުދު އޭނާވެސް ހައިރާންވިއެވެ.

"މިހާރު ކުރިއަށްވުރެ ރަނގަޅު."

"ﷲ އަށް ޙަމްދުހުރި." އޭނާ ހަމަ ހަގީގަތުގައިވެސް އުފާ ވެއްޖެއެވެ. މޫނުމަތީން އުފާވެރިކަމުގެ އަސަރު ފެންނާން ހުއްޓެވެ.

ފަރިޝްތޭ އޭނާގެ މޫނަށް ބަލަހައްޓައިގެން އިނދެފައި އަހައިލިއެވެ. "މެހެމަލް. ހުމާޔޫން ދެކެ ލޯބިވޭ ދޯ؟"

މެހެމަލް އިސްދަށަށް ޖަހައިލިއެވެ. މޫނު ރަތްވެއްޖެއެވެ. ފަރިޝްތޭ އެހައި ފަސޭހައިން އެކަހަލަ ސުވާލެއް ކޮށްފާނެއެކޭ އޭނާގެ ހިތަކަށް ނާރައެވެ.

"ބުނެބަލަ." ފަރިޝްތޭ އަދިވެސް ބަހަލަހައްޓައިގެން އިނީ އޭނާގެ މޫނަށެވެ.

"ނޭނގޭ."

"އަހަންނަށް ކަމުދަނީ ތެދުބަހުން ވާހަކަދައްކާ މެހެމަލް."

"އާނ... ވެދާނެ." އޭނާ އެއްބަސްވަމުން ކުޑަކޮށް އިސް އުފުލައިލިއެވެ.

"ހުމާޔޫންވެސް މެހެމަލް ދެކެ ލޯބިވޭތަ؟"

"ހުމާޔޫން؟" މެހެމަލް ހިނިތުންވެލިއެވެ. "އޭނާ ބުނީ ތިމަންނާއަކީ މަގުމެދަށް ދޫކޮށްލާފައި ދާ ވައްތަރުގެ މީހަކީމެއް ނޫނޭ." އޭނާ އިސް ޖަހައިލައިގެން ހިނިތުންވެލަވެލައި އިނދެގެން އެނދުގެ މިލަފޭލީގައި (ބެޑްކަވަރުގައި) އަތްކާއްތަނީއެވެ.

ހިމޭންކަން ކުޑައިރުކޮޅަކަށް ދެމިއޮތެވެ.

ފަރިޝްތޭ އަނގަޔަކުން ނުބުނެއެވެ. މެހެމަލްގެ ހިތުގައި ޝައްކު އުފެދިއްޖެއެވެ. ފަރިޝްތޭ އަނެއްކާ ހުމާޔޫން ދެކެ..؟ އެދެމީހުން ދިރިއުޅުނީ އެކީގައެވެ. އޭނާގެ ހިތް ބާރަށް ތެޅޭން ފަށައިފިއެވެ.

"ތިޔަ ވިސްނަނީ ކޮން ކަމަކާ؟" އެންމެ ފަހުން އޭނާ އަހައިލިއެވެ.

"އަހަރެންގެ ކޮއްކޮއާއި ހުމާޔޫނާ ދެމީހުންގެ ކާވެނީގެ ވާހަކަ ދައްކާން ތިޔަ ގެއަށް ދިޔައީމާ އާޣާޖާން އަހަރެންގެ ގަޔަށް ބަޑި ނުޖަހާނެ ބާވައޭ ހިތަށް އެރީ. އެވާހަކަ ދައްކާން ދާން ޖެހެނީ އަހަންނަކަށްނު؟ އަނެއްކޮޅުން އަހަރެން މިއީ ހުމާޔޫންގެވެސް ކޮއްކޮ. ނޫންތަ؟"

މެހެމަލް ކަކަކަކައަޅާފައި ހީނގެންފިއެވެ. ހުރިހައި ވަހުމަކާއި ޝައްކެއް ސިކުންތެއްގެ ތެރޭގައި ފިލައިގެން ހިނގައްޖެއެވެ. ފަރިޝްތޭ އެކަހަލަ ޚިޔާލެއް ކުރާނެ ހެއްޔެވެ؟ އެއީ އާދައިގެ އަންހެން ކުދިންނާ މާ ބޮޑަށް ތަފާތު ކުއްޖެކެވެ.

"މިޔަށް ބަލައިލަބަލަ." ފަރިޝްތޭ ފޮތުގެ ތެރެއިން ސިޓީ އުރައެއް ނަގައި ދައްކައިލިއެވެ. "މިއީ މެންދުރުގެ ކެއުމަކަށް ލިބިފައި އޮތް ދަޢުވަތެއް. ނަސީމާ އާންޓީގެ ދަޢުވަތެއް. އެއީ މަންމަގެ ޒަމާންވީ އެކުވެރިއެއް. މި އަންނަ އާދީއްތަ ދުވަހު ކުލަބަށް ދާން މި އޮތީ ދަޢުވަތު ލިބިފައި. ދާނަންތަ؟"

"އެތާގައި އޮންނާނީ ކޮންކަމެއް؟"

"އެޔެއް ނޭނގޭ. އަހަރެމެންނަށް ޖެހޭނީ ހަމައެކަނި ކާން. އާންޓީ ބުނެފައި އޮތީ އަތުވެއްޖެއްޔާ ރަނގަޅޭ. މަންމަގެ ގާތް ބަޔަކާ ބައްދަލުވެސް ވާނެއޭ. މެހެމަލް ދާނަންތަ؟"

"އާނ." އޭނާ ހިތުގެ އަޑީން ހިނިތުންވެލިއެވެ.

* * *

އާދީއްތަ ދުވަހު މެންދުރު ހަމަޖެހިފައިވާ ގަޑިއަށް އޭނާ މިސްކިތްދޮށަށް އަތުވެއްޖެއެވެ. ކަޅުކުލައިގެ ޢަބާޔާއެއް ލައިގެން ކަޅު ބުރުގާއެއް އަޅައިގެންނެވެ. އޭނާ އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލައެވެ.

އެ ވަގުތު ފަރިޝްތޭ ސިޑިން ފައިބައިގެން އަންނަތަން ފެނިއްޖެއެވެ. އެއްއަތުގައި އޮތީ ތަޅިދަނޑިފައްޗެކެވެ. އަނެއް އަތުން ދަބަސް ހާވަނީއެވެ.

"އައްސަލާމް ޢަލައިކުމް. އައީތަ؟ ހިނގާ." މިހެން ބުނެފައި އޭނާ ކުރިއަށް ހިނގައިގެންފިއެވެ. މެހެމަލްވެސް އޭނާގެ ފަހަތުން ހިނގައިގެންފިއެވެ.

"ހުމާޔޫން މިހާރު ގޭގައި އުޅޭނެއެއްނު؟ ބައްދަލުކޮށްލަމާ ހިނގާ." ދޮރާށްޓާ އަރައި ހަމަވެފައި މެހެމަލް ބުނެލިއެވެ.

"އާނ... ހިނގާ."

ހުމާޔޫން އިނީ ފެންޑާގައި ހުރި ސޯފާއެއްގައި އިށީނދެގެންނެވެ. އެއްފައި އޮތީ ކުރިމަތީގައި ހުރި ތިރި މޭޒެއްގެ މަތީގައެވެ. އަތުގައި ފައިލެއް އޮތެވެ. މެހެމަލާއި ފަރިޝްތޭއާ ދެމީހުން އަންނަތަން ފެނުނީމާ ފައިލު މޭޒުމަތީގައި ބާއްވައިފައި ކޮޅަށް ތެދުވެއްޖެއެވެ.

"މަރުހަބާ..." އޭނާ ބަލައިލީ ފަރިޝްތޭގެ ފަހަތުން އައި މެހެމަލާ ދިމާއަށެވެ. މިހާރުވެސް ހުމާޔޫންގެ މޫނުމަތީން ބަލިވެ އުޅޭކަން އެނގޭހައި ވެއެވެ. އެކަމަކު ހަސްފަތާލުގައި އޮތް ހާލަތަށްވުރެ މާ ރަނގަޅެވެ.

"މެހެމަލް. އެތައް އަހަރެއްވީ އިރުވެސް އަހަންނަކަށް އައްސަލާމް ޢަލައިކުމްއޭ ކިޔާކަށް ހުމާޔޫނަކަށް ދަސްކޮށެއް ނުދެވުނު. މީނާއަށް އެއްވެސް އެއްޗެއް ދަސްކޮށެއް ނުދެވޭނެއޭ ބައެއް ފަހަރު ހިތަށް އަރާ." ފަރިޝްތޭ ފުން ނޭވައެއް ލިއެވެ.

"އެންމެ ރަނގަޅު... އައްސަލާމް ޢަލައިކުމް." ހުމާޔޫން ހީނލިއެވެ. "އިށީނދޭ." އޭނާ ކުރިމަތީގައި ހުރި ސޯފާއަށް އިޝަރާތް ކޮށްލިއެވެ.

"ނޫނޭ. އިށީނދެ ތިބޭނޭ ވަގުތެއް ނެތް."

"އެކަމަކު ފަރިޝްތޭގެ ކޮއްކޮ އިށީނދެއްޖެ."

ފަރިޝްތޭ އެނބުރި ބަލައިލީއިރު މެހެމަލް އިނީ ގޮނޑީގައި އިށީނދެ ރަނގަޅަށް ހަމަޖެހިލައިގެންވެ.

"ކޮއްކޯ... ތެދުވޭ. އަހަރެމެން މިތަނަށް އައީ އިށީނދެ ތިބޭކަށް ނޫން."

މެހެމަލް ތެދުވެއްޖެއެވެ.

ފަރިޝްތޭ އަނެއްކާވެސް ހުމާޔޫނާ ދިމާއަށް ބަލައިލިއެވެ.

"މި އައީ ހުމާޔޫންގެ ހާލު ބަލައިލާން. މިހާރު ކިހިނެއް؟"

"އަހަރެން ރަނގަޅު. އިށީނދެބަލަ."

"ނޫނެކޭ... ނުތިބެވޭނެއޭ ބުނެފީމެއްނު؟ އަހަރެމެން މި ދަނީ ކާން. ނަސީމާއާންޓީގެ ދަޢުވަތަކަށް. މަންމަގެ އެކުވެރިންގެ ބަޔަކާ ބައްދަލުވެސް ކޮށްލާށާ އެކީ."

"މެހެމަލް ދަނީ ކީއްކުރަން؟" އޭނާ ސުވާލުގެ ނަޒަރަކުން މެހެމަލާ ދިމާއަށް ބަލައިލިއެވެ.

"ބަލަ... އަހަރެންގެ ކޮއްކޮ އަހަންނާއެކީ ދާނެއެއްނު؟"

ހުމާޔޫން ހީނލިއެވެ. އޭނާގެ ކުރިމަތީގައި މިހާރު އެތިބީ ކަޅުކުލައިގެ ޢަބާޔާ ލައިގެން ކަޅު ބުރުގާ އަޅައިގެން ތިބި ދެ ކުދިންނެވެ. ދެކުދިންކުރެ ރީތީ ކޮން ކުއްޖެއްކަން ކަނޑައެޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. މެހެމަލަށްވުރެ ފަރިޝްތޭގެ އިސްކޮޅުން ދެތިން އިންޗި ދިގެވެ. ދެކުދިންގެ ބިއްލޫރިކޮޅެއް ކަހަލަ ލޯ ހުރީ ވިދައިވިދައިލައެވެ. ފަރިޝްތޭގެ މޫނުމަތީން ތަންކޮޅެއް ސީރިއަސް ގޮތެއް ފެނެއެވެ. މެހެމަލްގެ މޫނުމަތީން ފެންނަނީ ޅަ އަދި މައުސޫމު ގޮތެކެވެ. މިހާރު އެއީ ހުމާޔޫނަށް ފުރަތަމަ ފެނުނު މެހެމަލެއް ނޫނެވެ. ސާޅިއެއް އަޅައިގެން ހުއްޓައި ފެނުނު ޒަމާނީ މެހެމަލެއް ނޫނެވެ. އެ ދުވަހުގެ ސިފަ މިހާރުވެސް އޭނާ ހަނދާން އެބަހުއްޓެވެ. މިއަދު މި ފެންނަނީ މުޅިން އެހެން މަހެމަލެކެވެ.

"ތިޔަވަރަށް ބަލަނީ ކީއްވެގެން؟"

"އަހަރެންގެ ހިތަށް މި އަރަނީ ފަރިޝްތޭގެ ސިފައާއި އުޅުމާ އެއްގޮތަށް މެހެމަލް ބަދަލުކޮށްލައިފީމުއޭ. މިހާރު މި ފެންނަނީ ފަރިޝްތޭގެ ކުލަވަރޭ."

"އެއީ އަހަރެންގެ ކުލަވަރެއް ނޫން. އެއީ صبغت الله. ﷲ ގެ ކުލަވަރަށްވުރެ ރީތި އެހެން ކުލަވަރެއް އޮންނާނެތަ؟ މެހެމަލް... ހިނގާ... ހުމާޔޫން. ބަލައިގެން އުޅޭތި. އައްސަލާމް ޢަލައިކުމް."

އޭނާ މެހެމަލްގެ އަތުގައި ހިފައިގެން ހިނގައިގަތުމާއެކު ހުމާޔޫން ގޮވައިލިއެވެ.

"ފަރިޝްތޭ."

"ހޫނ..." ދެމީހުން އެކީގައި އެނބުރި ބަލައިލިއެވެ.

"ވަރަށް އަނގަތަޅައިފީމު. މެހެމަލަށް ވާހަކަ ދެއްކުނަ ނުދިނީމެއްނު؟ އެކަން ދެނަހުރިންތަ؟"

"އާނ. ދެނަހުރިން. މީގެ ފަހުން ހުމާޔޫން މުޅި އުމުރުދުވަހު އަހާނީ އޭނާ ވާހަކަ ދައްކާ އަޑެއްނު؟ އޭނާޔާ ހުމާޔޫނާ ބައްދަލު ކުރެވުނަދިންކަން އެއީ ކުޑަކަމެއްތަ؟ އިންސާނުންނަކީ ހަމަ ހަގީގަތުގައިވެސް ޝުކުރުވެރިވާން ނުދަންނަ ބައެއް... މެހެމަލް. ހިނގާ." އޭނާ އަނެއްކާވެސް މެހެމަލްގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ.

ހުމާޔޫން ހައިރާންވެފައި ބަލަހައްޓައިގެން ހުރީއެވެ. އޭނާގެ ހިތަށް އެރިއެވެ.

"އެވާހަކަ ފަރިޝްތޭ ގާތު ބުނީ ކާކު ހެއްޔެވެ؟"

* * *

މެހެމަލް ވަށްމޭޒުގެ އެއް ފަރާތުގައި ފޫހިވެފައި އިށީނދެގެން އިނެވެ.

ދެން ހުރި ގޮނޑިތަކުގައި "އާންޓީން ވައްތަރުގެ" ދެތިން މީހުން އިށީނދެގެން ތިއްބެވެ. އޭނާ އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލައެވެ. ފޫހިވެގެން މަރުވަނީއެވެ.

ފަރިޝްތޭ އިރުއިރުކޮޅާ ނަސީމާއާންޓީއާ ކޮންމެވެސް ވާހަކައެއް ދައްކައިލައެވެ. ބުނާނޭ އެއްޗެއް ނެތުމާވެސްއެކު މެހެމަލް ހިމޭނުން އިނީއެވެ.

"މި ރާއްޖެއަކުން ފިރިހެނުންނަށް ލިބިދޭ ކަހަލަ ހައްގުތަކެއް އަންހެނުންނަކަށް ނުލިބޭ. އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ނުލިބޭ." އެތަނުން އަންހެނަކު ވާހަކަ ދެއްކިއެވެ. އެމީހާގެ ނަމަކީ ރަޒީއެވެ. އެވާހަކައަކީ މެހެމަލްވެސް ޝައުގުވެރިވާ ކަހަލަ ވާހަކައަކަށް ވާތީ ކުޑަކޮށް ސަމާލުވެލިއެވެ. "މިހާރު އިވޭ އަޑަކީ މި ގަރުނުގެ އެންމެ މޮޔަ، އެންމެ ބޮޑަށް ތާކުންތާކު ނުޖެހޭ ވާހަކައިގެ އަޑު. އެމީހުން އެ ކިޔަނީ އަންހެނުންނަކީ ފިރިހެނުންނަށްވުރެ ދަށު ދަރަޖައެއްގެ ބައެކޭ. އެއީ އަހަރެން ގަބޫލުކުރާ ވާހަކައެއް ނޫން."

"ތިޔައީ ތެދެއް." ދެން ތިބި މީހުން އެއްބަސްވުމުގެ ގޮތުން ބޯ ޖަހަމުން ދިޔައެވެ. މެހެމަލް މޭޒުމަތީގައި އޮތް އޭނާގެ ދަބަސް ނެގިއެވެ. އަދި އެ ދަބަހުން އޭނާ އާދަވެގެން ގެންގުޅޭ ޖީބު ޚަތިމު ނަގައިގެން ހުޅުވައިލިއެވެ.

"އެއީ ހައްތަހާވެސް ޖާހިލު ވާހަކަ. ޖާހިލިއްޔަ ޒަމާނުގެ ވާހަކަ. މި ރާއްޖޭގައި ތައުލީމު އާއްމު ނުވަނީސް އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަ ބައެއް ކަމަކަށް މީހުން ގަބޫލެއް ނުކުރާނެ."

"އެކަހަލަ ދެކޮޅު ނުޖެހޭ ބޯދާ ޚިޔާލުގެ ސަބަބުން އަހަރެމެން އަދިވެސް މިތިބީ ތަރައްގީ ނުވެ. ދުނިޔެ މިހާރު ހަނދަށް ހިނގައްޖެ. އަހަރެމެން އަދިވެސް މިތިބީ ކިސަޑު ބިމުގައި."

މެހެމަލް އިސް އުފުލައި ބަލައިލިއެވެ.

"ތިޔަ ވާހަކަތަކާ އަޅުގަނޑު އެއްބަހެއް ނުވަން."

ހުރިހައި އަންހެނުން ހައިރާން ވެފައި އޭނާއާ ދިމާއަށް ބަލާން ފަށައިފިއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.