އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ޕީޕީއީ ހަދިޔާ ކޮށްފި

އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީ.ޕީ.އީ) ދިވެހިރާއްޖެއަށް ހަދިޔާ ކުރައްވައިފިއެވެ. މިތަކެތި ހަވާލުކޮށްދެއްވީ އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު، ހިޒް އެކްސެލެންސީ ޑޭވިޑް ހޮލީ އާއި ޑިފެންސް އެޑްވައިޒަރު ގްރޫޕް ކެޕްޓަން ޝޯން އަންވިން އެވެ. ރާއްޖޭގެ ފަރާތުން މިތަކެއްޗާއި ޙަވާލުވެލެއްވީ ސްރީލަންކާގައި އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު، އަލްފާޟިލް އުމަރު ޢަބްދުއްރައްޒާޤު އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު، ލެފްޓިނެންޓް ކާނަލް އިސްމާޢީލް ނަޞީރެވެ.

މިރަސްމިއްޔާތުގައި ދިވެހިރާއްޖެއަކީ އޮސްޓްރޭލިއާގެ ޒަމާންވީ ރަޙުމަތްތެރިއެއްކަމާއި، ކޮވިޑް-19 އާއިގުޅިގެން ރާއްޖެއަށް ދިމާވާ ދަތިތަކަށް ޙައްލުހޯދައިދިނުމުގައި ރާއްޖެއާއެކު ދެމިތިބޭނެކަމާއި، އަދި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފޮރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތައް ބޭނުންކުރުމަށް މިފަދަ އެހީއެއް ދެވުނުކަމަށްޓަކައި އުފާކުރައްވާކަމަށް ހައިކޮމިޝަނަރު ޑޭވިޑް ހޮލީ ފާހަގަކުރެއްވިއެވެ.

އޮސްޓްރޭލިއާގެ ފަރާތުން  ދިވެހިރާއްޖެއާއި ދެމެދުގައިވާ ބަހައްޓަވާ ގާތްގުޅުމަށާއި އަދި  ކޮވިޑް 19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އޮސްޓްރޭލިއާގެ އަސްކަރިއްޔާގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް މިދެއްވި ދީލަތި އެހީތެރިކަމަށްޓަކައި، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރު ޢުމަރު ޢަބްދުއްރައްޒާޤު ދިވެހިސަރުކާރުގެ ނަމުގައި އޮސްޓްރޭލިއާގެ އަސްކަރިއްޔާ އަށާއި އަދި އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާ ކުރެއްވިއެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ހަދިޔާކުރެވުނު ޖުމްލަ 120,000 އެމެރިކާ ޑޮލަރުގެ އަގުހުރި ޕީ.ޕީ.އީގެ ތެރޭގައި، ސްރީލަންކާގައި ހުންނަ އޮސްޓްރޭލިއާގެ ކުންފުންޏެއް ކަމުގައިވާ އަންސެލް އިން އުފައްދާފައިވާ ފެންވަރު ރަނގަޅު 12000 އޯވަރއޯލް އާއި 200,000 އަންގި ހިމެނެއެވެ. މިތަކެތީގެ ސަބަބުން ކޮވިޑް-19 ގެ ނުރައްކާ ކުޑަކުރުމަށް ކުރެވޭ މަސައްކަތަށް ލިބޭނެ އިތުރު ލުއިފަސޭހައެކެވެ.

އިންޑިއާ ކަނޑުގެ އެކުވެރިއެއްގެ ހައިސިއްޔަތުން، އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް ހިއްސާކުރަމުންދާ ދެޤައުމެވެ. އަދި މިގުޅުމަށް 45 އަހަރު ފާހަގަކުރުމަށް 2019 ވަނަ އަހަރު ބޭއްވުނު ޙަރަކާތްތަކުގެ ތެރޭގައި، އޮސްޓްރޭލިއާގެ ނޭވީ މަނަވަރު HMAS Ballarat ޖުލައި މަހު ރާއްޖެއަށް ކުރި ޒިޔާރަތާއި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ނޮވެންބަރު މަހު އޮސްޓްރޭލިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.