ލަންކާގައި ނާދެވިފައި ތިބި 262 ދިވެހިން މާދާމާ ގެންނަނީ

ކޮވީޑާ ގުޅިގެން ސްރީލަންކާގައި ތާށިވެފައި ތިބި 262 ދިވެހިން މާދަމާ ރާއްޖެއަށް ގެންނާނެ ކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

ދިވެހިން ގޮވައިގެން ސްރީލަންކާއިން އަންނަ ފްލައިޓް މާދަމާ ހެނދުނު 8:25 ގައި ރާއްޖެއަށް އަންނަ ގޮތަށް ހަމަޖެހިފައިވާކަމަށް އެންއީއޯސީ ގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވިއެވެ. މި މީހުން ގެނައުމަށް ހަމަޖެހިފައިވާނީ ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައެވެ.

ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން މާދަމާގެ ފްލައިޓްގައި ގެންނަން ހަމަޖައްސަވައިފައިވަނީ އާސަންދަ މެދުވެރިކޮށް ބޭސްކުރުމަށް ލަންކާއަށް ދަތުރުކޮށްފައިވާ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ޓޫރިސްޓް ވިސާގައި ދަތުރުކޮށް  މާލީ އެހީތެރިކަމަށް ބޭނުން ޖެހިފައިވާ މީހުންނާއި، ލޮކްޑައުންއާ ގުޅިގެން ފްލައިޓް ކެންސަލްވި މީހުންނާއި އަދި އެހެން ވެސް ސަބަބުތަކަށްޓަކައި ދަތުރުކޮށް ނާދެވިފައި ތިބި  މީހުންކަމަށް މަބްރޫކު ވިދާޅުވިއެވެ.

މާދަމާގެ ފަލައިޓްގައި އަންނަ މީހުން ކަރަންޓީން ވާނެގޮތާ ގުޅޭގޮތުން އެޗްޕީއޭއިން ފޯރުކޮށްދީފައިވާ ފޯމެއް ފުރިހަމަ ކުރަން ޖެހެއެވެ. ނަމަވެސް ފޯމު ފުރިހަމަ ނުކޮށް ވަރަށް ގިނަ މީހުން އެބަތިބިކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. ފުރިހަމަ ކޮށްފައިވާ ބައެއް ފޯމުތަކުގައި ވެސް ހޯމް ކަރަންޓީން ވާނެގޮތް ފާހަގަ ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ. ކަރަންޓީންވާންޖެހޭ ތަންތަނަށް އެމީހުން ގެންދެވުމުގައި ދިވެހި ސިފައިން ކުރައްވާ މަސައްކަތަށް ވެސް މިފޯމްތައް ފުރުމުން ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަ ކުރައްވައިފައެވެ.  

ހޯމް ކަރަންޓީން ވުމާ ގުޅޭ ފޯމް 153 މީހަކު ފުރިހަމަކޮށްފައިވާއިރު 13 އަތޮޅެއްގައި ހޯމް ކަރަންޓީން ވާނެކަމަށް ބުނެފައިވާ ކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.