ޤާނޫނު އަސާސީ އިސްލާޙުކުރުމުގެ ވޯޓް މިރޭ ދަންވަރު

ކައުންސިލް ތަކުގެ މުއްދަތު ދައްމާލުމަށް ޤާނޫނުއަސާސީއަށް ގެންނަ އިޞްލާހަށް ވޯޓަށް އަހާނީ މިރޭގެ ދަންވަރު 2:00 ހާއިރުއެވެ.

މިކަން ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ނިންމާ ލައްވަމުން މަޖިލީހުގެ ރައީސް ވަނީ އިއުލާން ކުރައްވައިފައެވެ.

ޤާނޫނު އާސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް ނިންމެވުމަށް މިރެއަށް ވަނީ ޖަލްސާއެއް އެޖެންޑާ ކުރައްވައިފައެވެ. އެޖެންޑާގައިވާ ގޮތުން މިރޭގެ ޖަލްސާ ފަށާނީ 11:30 ގައެވެ. އެޖެންޑާގައި ވާގޮތުން ފުރަތަމަ ކަމަކަމަށް އޮތީ ޤާނޫނުގައި ވާގޮތަށް މަސްވެރިކަމުގެ ޤަވާޢިދުތައް ހަދައިފައިނުވާ މައްސަލަ ދިރާސާކޮށް، ޤަވާޢިދު ކޮމެޓީން ފޮނުވައިފައިވާ ރިޕޯޓުގެ ބަހުސް ކުރިއަށް ގެންދެވުމެވެ. ވޯޓަށް އަހަން ހުރި ކަންކަމަށް ވޯޓަށް އައްސަވާނީ އޭގެ ފަހުން ކަމަށް އެޖެންޑާގައި ވަނީ ބުނެފައެވެ.

ޤާނޫނޫ އަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލް ސުޕްރީމް ކޯޓްގެ ލަފަޔާއެއް އެއްގޮތަށް އިޞްލާޙުކޮށް މުޅި މަޖިލީހުގެ ކޮމެޓީން ވަނި މިދިޔަ ހުކުރުދުވަހުގެ ރޭގެ ޖަލްސާގައި ފާސްކުރައްވައިފައެވެ. ހޮނިހިރު ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ތަޅުމުގައި ބިލަށް ވޯޓަށް ނޭހުނީ މައިނޯރިޓީ ލީޑަރ އެކަމަށް އެއްބަސްވެ ވަޑައި ނުގެންނެވުމުންނެވެ.  މަޖިލީހުގެ ޤަވާޢިދުގައި ބުނަނީ މަޖިލިހުގެ ކޮމިޓީއަކުން ފާސްކުރާ ރިޕޯޓަކާ ގުޅޭ ގޮތުން މަޖިލިހުގައި ބަހުސްކުރެވޭނީ އެރިޕޯޓެއް ފާސްކޮށް، މެންބަރުންނާ ހަމައަށް ފޮނުވާތާ ތިން ދުވަސް ފަހުން ކަމަށެވެ. އެނޫން ގޮތަކަށް ޢަމަލުކުރެވޭނީ މަޖިލިހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެވަޑައިގަތުމުން ކަމަށެވެ. މައިނޯރިޓީ ލީޑަރ، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އެއްބަސްވެވަޑައިގެންނެވީ ޤާނޫނު އަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް މަޖިލީހުގެ ޤަވާޢިދުގައި ބުނާ އާންމު އުޞޫލުން ކުރިއަށް ގެންދެވުމަށެވެ. 

މިމައްސަލައިގައި ޤާނޫނޫ އަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް ލަސްކުރުމުގެ ތުޙުމަތު އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ މެމްބަރުންނަށް މަޖިލީހުގެ ރައީސާއި އެމްޑީޕީ މެމްބަރުން ވަނީ ކުރައްވައިފައެވެ. މިމައްސަލައިގައި މަޖިލީހުގެ އެމްޑީޕީ މެމްބަރުން ވަނީ އިދިކޮޅު މެމްބަރުންނަށް  ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މަޖިލީހުގެ މަސައްކަތް ހައިޖެކްކޮށް މަސައްކަތަށް ހުރަސް އެޅުމުގެ ފުރުޞަތު އެއްވެސް މެމްބަރަކަށް ދީގެން ނުވާނެކަމަށް ވިދާޅުވިއެވެ. އަދި މަޖިލީހުގައި އެމްޑީޕީއަށް ލިބިފައިވާ މެޖޯރިޓީ ބޭނުންކޮށްގެން ޤަވާއިދުގައި އެކަމަށް ހުރަސް އެޅޭ މާއްދާތައް ސަސްޕެންޑްކޮށްގެން ވިޔަސް ޤާނޫނު އަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް އަވަސް ކުރެއްވުމަށް މެމްބަރުން ގޮވާލެއްވިއެވެ.  މަޖިލީހުގެ އެމްޑީޕީގެ 65 މެމްބަރުން ތިއްބަވައެވެ. ޤާނޫނު އަސާސީ އިޞްލާހު ކުރުމަށް ބޭނުންވާނީ 66  މެމަބަރުންގެ ވޯޓެވެ. އެހެންކަމުން ރިޔާސަތުގައި އެމްޑީޕީގެ މެމްބަރަކު އިންނެވުމުން ޤާނޫނު އަސާސީ އިޞްލާޙުކުރުމަށް އެޕާޓީން އިތުރަށް ބޭނުންވާނީ ދެ މެމްބަރުންގެ ވޯޓެވެ.

ޤާނޫނުގައި ވާގޮތުން މިހާރު ކައުންސިލްތަކުގެ މުއްދަތު މިމަހު ތިނަކަށް ހަމަވާނެއެވެ. ޤާނޫނީ ހުސްކަމަކަށް ނުގޮސް ކައުސިލްތައް ދެމި އޮންނާނީ މިހާރު މަޖިލީހުގައި އޮތް ޤާނޫނު އަސާސީ އިޞްލާޙު ކުރުމުގެ ބިލް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކޮށް ޤާނޫނަކަށް ވުމުންނެވެ.

މިރެއިން ފެށިގެން ކުރިއަށް ދާނީ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތަކެވެ. މިއަހަރުގެ ފުރަތަމަ ދައުރަށްފަހު މެމްބަރުން މަސައްކަތްކުރެއްވީ ޗުއްޓީއަށް ވަޑައިނުގަންނަވައެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.