އަޅިކޮޅު: ދެލިކޮޅާއެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ލާމަރުކަޒީ ގާނޫނުގެ ދަށުން އިންތިޚާބު ކޮށްފައިވާ ކައުންސިލަރުން އެމީހުން ހޮވާފައިވާ މުއްދަތު ހަމަވީމާވެސް މަގާމުގައި ދެމިތިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ވާހަކަ އެބަ އަޑު އިވެއެވެ. އިންތިޚާބުކުރާ ބަޔަކު އެ ބައެއްގެ މުއްދަތު ހަމަވީމާވެސް ތިބޭ ތިބުމަކީ ކިހިނެއް ތިބޭ ތިބުމެއް ހެއްޔެވެ؟ އޭރުން އެމީހުން ވާނީ ކޮން ކަހަލަ ބަޔަކަށް ހެއްޔެވެ؟ އިންތިޚާބު ކުރެވުނު ބަޔަކަށް ހެއްޔެވެ؟ ނުވަތަ އައްޔަން ކުރެވުނު ބަޔަކަށް ހެއްޔެވެ؟
ދެލިކޮޅު: ތިޔައީ ގާނޫނީ މައްސަލައެއް ކަމަށް އެކަމުގެ އެދުރުން ކިޔާތީ އިވެއެވެ. އެހެންވީމާ ގާނޫނީ މައްސަލަ ހައްލު ކުރާނީ ގާނޫނުގެ ވެރިންނެވެ. ގާނޫނުގެ ބަފަޔަކީ ރައްޔިތުންގެ މަޖިލީހެވެ. ވެރިޔަކީ ސުޕްރީމް ކޯޓެވެ. އެ ދެ ބައި ގުޅިގެން ކުރާ ކަމަކަށް ފާޑު ކިޔުމަކީ ކަލެޔާ މަށާ ދެމީހުންނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.
އަޅިކޮޅު: ތިޔައީ ތެދެކެވެ. އެކަމަކު ނިކަން ބުނެބަލާށެވެ. ދެބައި ގުޅިގެން ކުރީ ކޮން ކަމެއް ހެއްޔެވެ؟
ދެލިކޮޅު: ހައިރާނެއް ނުވާނެ ހެއްޔެވެ؟ ކަލޭ ހުންނަނީ މި ރާއްޖެއަކު ނޫން ހެއްޔެވެ؟ ރައްޔިތުންގެ މަޖިލީހުން އިސްތިޝާރީ ލަފަޔަކަށް އެދި ސުޕްރީމް ކޯޓަށް ދިޔައީމާ އެ އޮތީ ލަފާ ދީފައި ނޫން ހެއްޔެވެ؟ ދެން މީހަކު ބުނާނޭ އެއްޗެއް އެބައޮތް ހެއްޔެވެ؟
އަޅިކޮޅު: ލަފަޔަކީ އަމުރެއް ހެއްޔެވެ؟ އަމަލު ކުރުން ލާޒިމު އެއްޗެއް ހެއްޔެވެ؟
ދެލިކޮޅު: ނޫނެކެވެ. ލާޒިމެއް ނުވާނެއެވެ. ސުޕްރީމް ކޯޓުން ދިނީ ލަފައެކެވެ. އަމަލު ކުރާކަށް އެތަނަކުން އަމުރެއް ނުކުރެއެވެ. އެއަށް އަމަލު ކުރުމާއި ނުކުރުމުގެ އިޚްތިޔާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ އަތްމަތީގައެވެ.
އަޅިކޮޅު: މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ގާނޫނީ ލަފާ ދެއްވާން ހުންނަވާ ބޭފުޅާއާއި ދައުލަތުގެ ބަންޑާރަނާއިބު ތިޔަ ކަމަކާ ގުޅިގެން ލަފައެއް ދެއްވި ވާހަކަވެސް އެހީމެވެ. އެ ދެ ބޭފުޅުންވެސް ދެއްވީ ދާދި އެއް ލަފައެކެވެ. އެޔަށް ވީ ކިހިނެއް ހެއްޔެވެ؟
ދެލިކޮޅު: އެ ލަފާ މަޖިލީހުން ބަލައިނުގަތީއެވެ. ކަލެއަކަށް ނުވިސްނޭ ހެއްޔެވެ؟ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ މަންދޫބުންނެވެ. އެމީހުން ބޭނުންވާ ގޮތަކަށް ކޮންމެ ކަމެއްވެސް ކުރެވޭނެއެވެ.
އަޅިކޮޅު: އެހެން ވެއްޖެއްޔާ ބޭނުންވާ ގޮތަށް ކަންތައް ނުކޮށް މިހައި ގިނަ ދުވަސް ވެގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟
ދެލިކޮޅު: އެއީ ހުރިހައި މެންބަރުން އެއްގަލަކަށް ނޭރިގެންނެވެ. މިހާރު އެތިބީ އެއްގަލަކަށް އަރައެވެ.
އަޅިކޮޅު: ސުޕްރީމް ކޯޓުން ލަފާ ދިނީމާ އަހަރެމެންގެ މަންދޫބުންނަށް ހެޔޮ ގޮތް އެނގުނީތާއެވެ. ވަރަށް ރަނގަޅެވެ. ބަސް އަހާ ކުދިބައެކެވެ. އެކަމަކު އަދިވެސް ސުވާލެއް އެބައޮތެވެ. މިހާރު މި އެހީ ކާކުގެ ބަހެއް ހެއްޔެވެ؟ މަޖިލީހުގެ ރައީސްގެ ބަސް ހެއްޔެވެ؟ ސުޕްރީމް ކޯޓުގެ ބަސް ހެއްޔެވެ؟ މެންބަރުން އެއް ބަޔަކު އަނެއް ބައެއްގެ ބަސް އެހީ ހެއްޔެވެ؟ މަޖިލީހުން ކުރިން ބުނަމުން އައީ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ނުޖެހޭ ކަމުގައެވެ. އަހަރެން މި ހުންނަނީ އޮޅުމެއްގެ ތެރޭގައެވެ.
ދެލިކޮޅު: ތިޔައީ އޮޅުން އަރާކަށް ޖެހޭ ކަމެއް ނޫނެވެ. ކަންތައް ހިނގި ގޮތް އެ އޮތީ ފެންނާށެވެ. މަޖިލީހުން ސުޕްރީމް ކޯޓުގެ ލަފަޔަށް ކަންތައް ކުރީއެވެ. ކަލޭ ބޭނުން ގޮތަކަށް ކަލޭ ގަބޫލު ކުރާށެވެ.
އަޅިކޮޅު: އަހަރެން މިއީ ކަލޭ ތިޔަ ހީކުރާހެން މާ ނުބައި ވިސްނުމެއް ގެންގުޅޭ މީހަކީމެއް ނޫނެވެ. އެކަމަކު މި ކަންތައް ހިނގައި ދިޔަ ގޮތާމެދު ވިސްނައިލީމާ ހަނދާންވަނީ ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައެވެ.
ދެލިކޮޅު: އެ ވާހަކަޔާއި މިކަމަކާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟
އަޅިކޮޅު: ގުޅުމެއް އޮތީއެއް ނޫނެވެ. އެކަމަކު އެ ވާހަކައިގައި ހިނގާ އެއް ހާދިސާއެއް ކަލެއަށް ކިޔައިދޭނަމެވެ. ކޮޅުމަޑުލު ބުރުނީގައި މާރީތި ފަތްމިންޏަކު އިން ވާހަކަ ދިވެހިރާއްޖޭގެ ރަދުންނަށް އެނގިވަޑައިގެން އެކަމަނާޔަކާ ކާވެނި ކުރައްވާ ހިތްޕުޅު ވެގެން އެ ރަށަށް ވަޑައިގެންފިއެވެ. ޚަބަރު ބެއްލެވިއިރު އެއީ ހުޅުދެލީ އަލިފުޅު ނަމަކަށް ކިޔާ މީހެއްގެ ހަލާލު އަނބިމީހާއެވެ. ދެން އަލިފުޅު ގެންނަވައިފައި ވަރިކުރާށޭ ވިދާޅުވީމާ އޭނާ ވަރިއެއް ނުކުރިއެވެ. ރަދުން ކޯފާ ވެގެން އަލިފުޅު ހަވަރަށް ދެއްވައިފިއެވެ. ދެން ނައިބުކަލޭގެ ގެންނަވައިފައި ދޮންހިޔަލަޔާ ތިމަންނާޔާ ކާވެނިކޮށް ދޭށޭ ވިދާޅުވެއްޖެއެވެ. ނައިބުކަލޭގެ ދަންނަވައިފިވެ. މީހެއްގެ ރޯހަލާލެއް، ކާވެނިކޮށްދޭކަށް ނުކެރޭނެއެވެ. ރަދުން ކޯފާ އިސްކުރައްވައި ވިދާޅުވިއެވެ. ކަލޭ ހަވަރަށް ދީފާނަމެވެ. އަލިފުޅަށް ވީ ގޮތެއް ނުދެކެން ހެއްޔެވެ؟ އެވަގުތު ނައިބުކަލޭގެ ގަތް ބިރުން ދެންނެވިއެވެ. ސާހިބާއެވެ. އަޅުގަނޑު ކާވެނިކޮށް ދީފާނަމެވެ. މީހެއްގެ ރޯ ހަލާލެއް، ނުކިޔާ ރަނަކަށް، ނުދޭ ވަލީއަކަށް ރަދުންނަށް ކާވެނިކޮށް ދީފީމެވެ. ރަދުން ވިދާޅުވިއެވެ. ބަލަން ނުތިބެ ދޮންހިޔަލަ އެނދާއެކު ނަގައިގަނެގެން އޮޑިޔަށް ލާށެވެ. ވިސްނައިލަބަލާށެވެ. ބިރަކީ މިހެން އޮންނަ ކަމެއް ނޫން ހެއްޔެވެ؟
ދެލިކޮޅު: ކުރިން ދެއްކީވެސް ފައްކާ ވާހަކައެވެ. ތިޔަ ކިޔައިދިނީވެސް ފައްކާ ވާހަކައެކެވެ.
މި ލިޔުން އަދި މާ ފައްކައެވެ.?