އަޅިކޮޅާއި ދެލިކޮޅު: އަތަމަނަހުރާގެ ހަންޑި

އަޅިކޮޅު: ދެލިކޮޅާ، މާ މޮޅިއަކުން ތިޔަ ހުންނަނީ ކީއްވެގެން ހެއްޔެވެ؟

ދެލިކޮޅު: މި އުޅެނީ ވަރަށް ބޮޑު މައްސަލައެއް ކުރިމަތި ވެގެންނެވެ. އަހަރެންގެ ބައިވެރިއަކަށް ބަލައިގެން މި އުޅޭ މީހާގެ ކަންތައް މާ ބޮޑު ވެގެންނެވެ. ދައްކާ ވާހަކައަކުން އޭނާއަކަށް ކުރާ އެއްވެސް އަސަރެއް ނެތެވެ. ބުނާ ބަހެއް ނާހައެވެ.

އަޅިކޮޅު: އެހެން އެ ވަނީ އޭނާގެ ޝަކުވާއެއް އޮތީމާ ކަމަށްވެސް ވެދާނެއެވެ. އެފަދަ ކަމެއް އޮތްތޯ އޮޅުން ފިލުވައިލިން ހެއްޔެވެ؟

ދެލިކޮޅު: ތިޔަ މަސައްކަތްވެސް ކޮށްފީމެވެ. އޭނާގެ ބައެއް ޝަކުވާ އެބަ ހުއްޓެވެ. އެކަމަކު އެއީ އަހަރެންގެ އަތް ފޯރާ ފަށަށް ވުރެ މާ މަތީގައި ހުރި ކަންތައްތަކެކެވެ. އެފަދަ ކަމެއް ކުރެވެން އޮތަސް ކުރުން އެއީ އަހަރެން ކުރުން ރަނގަޅު ކަމެއް ނޫނެވެ. އެހެންވެސް އެތައް ފަހަރަކު ބުނެފީމެވެ. އެކަމަކު ގަބޫލެއް ނުކުރިއެވެ.

އަޅިކޮޅު: އަތަމަނަހުރާގައި އުޅޭ ހަންޑީގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟

ދެލިކޮޅު: ތިޔައީ ކޮން ކަހަލަ ސުވާލެއް ހެއްޔެވެ؟ އަހަރެން މި ދައްކާ ވާހަކަޔާ ތިޔަ ވާހަކަޔާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟

އަޅިކޮޅު: އަޑު އަހާށެވެ. މިއީ ވަރަށް ފައްކާ ވާހަކައެކެވެ. އަތަމަނަހުރާގައި އުޅޭ ހަންޑިއަކީ އެހެން ރަށްރަށުގައި އުޅޭ ކަހަލަ ހަންޑިއެވެ. ޖެހިގެން މިއޮތް އުތުރުކަރައިގައިވެސް އެ ހަންޑި އުޅެއެވެ. އެ ހަންޑިއާ ބެހޭ ގޮތުން އެމީހުން ބޭނުން ކުރާ ހަރު ބަހެއްވެސް އޮވެއެވެ. އެ ބަހުގެ މާނަ އަހަރެން ކިޔައި ދެން ހެއްޔެވެ؟ "ކޮޅުފައިން ޖަހައިގެން ވިސްނޭ ހަންޑިއަކަށް، ވާހަކަ އަކުން ވިސްނައެއް ނުދެވޭނެއެވެ."

ދެލިކޮޅު: ތިޔަ ބަހުގެ ޝަރަހައެއް ނިކަން ކިޔައި ދީބަލާށެވެ.

އަޅިކޮޅު: ހަންޑީގެ ތެރޭގައި އުޅެނީ ދެ ވައްތަރެކެވެ. އެއް ވައްތަރަކީ ވާހަކައިގެ ހަންޑިއެވެ. އަނެއް ވައްތަރަކީ ކޮޅުފައިގެ ހަންޑިއެވެ. ވާހަކައިގެ ހަންޑި ރުޅި އައިސްގެން އަންހެނެއްހެން ބުއްރާސް ޖަހައިގަތީމާ، މަޑުމަޑުން ވާހަކަ ދައްކައިގެން ވިސްނައި ދެވިދާނެއެވެ. ވާހަކަ ދެއްކީމާ އެ ސޮރު މައިތިރި ވެދާނެއެވެ. ކޮޅުފައިގެ ހަންޑި ބުއްރާސް ޖަހައިގަތީމާ، ޖެހޭނީ އެ ސޮރުގެ ފޫބުޑުގައި ހެސް ކިޔާފައި ކޮޅުފައިން ޖަހާށެވެ. އެހެން ހެދީމާ މައިތިރި ވެދާނެއެވެ. ވާހަކަ ދައްކައިގެން ކުރާނޭ އަސަރެއް ނޯންނާނެއެވެ. ދެންމެއަކު މި ބުނި ހަރުބަހުގައި އެ ބުނަނީ ކޮޅުފައިގެ ހަންޑިއަކާ ވާހަކަ ދައްކައިގެން، އެ ސޮރު މައިތިރި ނުކުރެވޭނޭ ވާހަކައެވެ. މި ދެ ވައްތަރުގެ ހަންޑިއާ މުއާމަލާތް ކުރަން ޖެހޭނީ ދެ ގޮތަކަށެވެ. މިހާރު އެނގިއްޖެ ހެއްޔެވެ؟

ދެލިކޮޅު: އެނގި ދަސް ވެއްޖެއެވެ. ވިސްނިއްޖެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.